އެވްރެޖް ގޮތެއްގައި އެއް މަސް ދުވަސް ތެރޭ ވެހޭ މިންވަރަށް އެއް ދުވަސްތެރޭ ވާރޭ ވެހި އިނގިރޭސިވިލާތުގެ ބޮޑު ސަރަޙައްދެއްފައި ފެންބޮޑުވެއްޖެއެވެ.

މިހާރު އިނގިރޭސިވިލާތަށް ކުރަމުންދާ ވިއްސާރައިގެ އަސަރު އެންމެ ބޮޑަށް ކުރަމުން ދަނީ އެޤައުމުގެ އުތުރުގެ ސަރަޙައްދުތަކަށެވެ. އޭގެތެރޭގައި އިންގްލޭންޑުވެސް ހިމެނެއެވެ. ނޫސްތައް ބުނާގޮތުގައި އިންގްލޭންޑުގެ 100 އަށްވުރެ ގިނަ ސަރަޙައްދެއްގައި ފެންބޮޑުވުމުގެ އިންޒާރު ވަނީ ނެރެފައެވެ.

ފެންބޮޑުވުމާއި ގުޅިގެން މިހާތަނަށް އިނގިރޭސިވިލާތުން އެކަކު ވަނީ މަރުވެފައެވެ. ރިޕޯޓްތައް ބުނާގޮތުގައި މަރުވެފައި ވަނީ އަންހެނެކެވެ. އޭނާ މަރުވެފައި އޮއްވައި ފެނުނީ ފެންބޮޑުވި ސަރަޙައްދެއްގައި މަރުވެގެން ލައްގާފައި ވަނިކޮށެވެ.

އިނގިރޭސިވިލާތުގެ މޫސުމާއި ބެހޭ އިދާރާތަކުން ބުނެފައިވާ ގޮތުގައި އެޤައުމަށް 24 ގަޑިއިރު ތެރޭ ވަނީ 112 މިލިމީޓަރު (4.4 އިނޗި)ގެ ވާރޭ ވެހިފައެވެ. އާންމު ގޮތެއްގައި އެޤައުމުގެ އަވަށްތަކަށް އެވްރެޖްކޮށް ވެހެނީ މަހަކު 85 މިލިމީޓަރުގެ ވާރެއެވެ.

އާދަޔާއި ޚިލާފަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން އިނގިރޭސިވިލާތުގެ މަގުތައް ކޯރުތަކަށް ބަދަލުވެފައިވާއިރު، ގިނަ ބަޔަކު ވަނީ ހާލުގައި ޖެހިފައެވެ. ފެންބޮޑުވި ސަރަޙައްދުތަކުން މީހުން ރައްކާތެރި ސަރަޙައްދުތަކަށް ބަދަލު ކުރުމުގެ މަސައްކަތް ކަމާއި ބެހޭ އިދާރާތަކުން މިހާރު ދަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖިންނި

    އަލްޙަމްދުލިﷲ ، ފަލަސްޠީނުގެ މާތްވެގެންވާ ބިމުގަ ޒަޔަނިސްޓުންނަށް ހާއްޔެއް ހަދައިދިން އިނގިރޭސީންނަށް ގިނަގުނަ މުސީބާތްތައް މެދުވެރި ކުރައްވާށި ، އާމީން !

    33
    7