ދެކުނު އެމެރިކާގެ ޤައުމެއް ކަމަށްވާ ބޮލީވިއާގައި ކުރިޔަށްދިޔަ މުޒާހަރާއެއްގެ ތެރެއިން އެޤައުމުގެ އަވަށެއް ކަމަށްވާ ވިންޓޯގެ އަންހެން މޭޔަރެއްގެ ބޯ ކޮށާލައިފިއެވެ.

މީގެ ދުވަސްތަކެއް ކުރިން އެޤައުމުގެ އިދިކޮޅު ފަރާތްތަކުން ފެށި މުޒާހަރާތައް ދިގުލައިގެން ގޮސް މުޒާހަރާ ހޫނުވެފައި ވަނީ، މޭޔަރު، ޕެޓްރީޝިއާ އާރސީ މަޤާމަށް ވަޑައިގެން ފުއްދުމަށް ބުނި ވައުދުތައް ނުފުއްދުމުންނެވެ. މި މުޒާހަރާތައް ކުރިޔަށް ގެންދަނީ ބޮލީވިއާގެ ސަރުކާރާއި އިދިކޮޅު ފަރާތްތަކުންނެވެ.

ބޮލީވިއާގެ ވެރިކަންކުރާ އެމްއޭއެސް ޕާޓީއަށް ނިސްބަތްވާ ޕެޓްރީޝިއާއަށް މުޒާހަރާގެ ބައިވެރިންގެ އަތްދަށަށް ގެންގޮސް އޭނާއަށް ބޮޑެތި އަނިޔާތައް ކޮށްފައި ވެއެވެ. އަދި އޭނާ މަރާލުމަށްވެސް މުޒާހަރާގެ ބައިވެރިން މަސައްކަތްކޮށްފައި ވެއެވެ. ނަމަވެސް ފަހުން އޭނާ ވަނީ ފުލުހުންގެ ހިމާޔަތުގެ ދަށަށް ގެންގޮސްފައެވެ.

ރިޕޯޓްތައް ބުނާގޮތުގައި ޕެޓްރީޝިއާގެ އިސްތަށިގަނޑު ކޮށާލުމުގެ ކުރިން އޭނާގެ ގަޔަށް ވަނީ ރަތްކުލައިގެ ސްޕްރޭ ޖަހާފައެވެ. އަދި އޭނާ ނިސްބަތްވާ އަވަށުގައި އޭނާ ގަންހިނގުވާފައިވާއިރު، މުޒާހަރާގެ ބައިވެރިން ތައްޔާރުކޮށްފައިވާ އިސްތިއުފާގެ ސިޓީއެއްގައި ސޮއިކުރުވާފައިވެސް ވެއެވެ. މި މަންޒަރު ފެންނަ ފޮޓޯ އާއި ވީޑިއޯވެސް މިހާރު މީސްމީޑިއާގައި ދަނީ ދައުރުވަމުންނެވެ.

ބޮލީވިއާގެ އިދިކޮޅު ފަރާތްތަކުން ކުރަމުންދިޔަ މި މުޒާހަރާ އިތުރަށް ހޫނުވެ ޕެޓްރީޝިއާ ރަހީނުކޮށްފައި ވަނީ، އިދިކޮޅު މުޒާހަރާތަކުގެ ބައިވެރިއަކު މަރުވުމާއި ގުޅިގެންނެވެ. މުޒާހަރާގެ ބައިވެރިން ބުނެފައިވަނީ، އޭނާ މަރާލުމުގެ ފަހަތުގައި ހުރީ ޕެޓްރީޝިއާ ކަމަށެވެ.

ފެޓްރީޝިއާ ރަހީނުކޮށް އޭނާއަށް އަނިޔާކުރަމުން ދަނިކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ރަހީނުކުރިތާ އެތައް އިރެއް ފަހުން ކަމަށް ނޫސްތައް ބުނެއެވެ. އޭނާއަށް މުޒާހަރާގެ ބައިވެރިންގެ ފަރާތުން ލިބުނު އަނިޔާތަކަށް މިހާރު ފަރުވާ ހޯދަމުންދާއިރު، އޭނާއަށް ސީރިއަސް އަނިޔާއެއް ލިބުނު ކަމެއް އެނގިފައެއް ނުވެއެވެ.

މި ހާދިސާ އާއި ގުޅިގެން ޕެޓްރީޝިއާ ބުނެފައި ވަނީ، މަރާލިޔަސް އޭނާ ހުންނާނީ ސަރުކާރާއެކު ކަމަށެވެ. އަދި މުޒާހަރާގެ ބައިވެރިންނަށް އޭނާގެ އަނގަ ބަންދު ނުކުރޭވޭނެ ކަމަށްވެސް ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަޙްމަދު

    އަހަންނަށް ފެންނަނީ މާލޭސިޓީ މޭޔަރާއި އައްޑޫ ސިޓީ މޭޔަރު!!! ހެހެހެ

    43
    1
  2. ސަހަރޯ

    މިއީ އަދި ރާއްޖެ މީހުނައް ނޭގޭ ކުޅިއެއްތާ

    25
  3. ޒައުރާން

    މާލޭ ސިޓީ މޭޔަރައް އެބަ ފެނޭތަ..؟ ދިވެހީން ކިހާ ކެތްތެރި.

    30
    1
  4. ނޫސް

    މުސްތަގުބަލުގައި މީ ޝިފާއަށްވެސް ވެދާނެ

    4
    1
  5. ޢަޒްރާ

    ކެތްތެރީން ދެކެ މާތްﷲ ލޯބިވެވޮޑިގަނނަވާ ކެތްތެރިކަމަކީ އެމީހެއްގެ އީމާންކަން ވަރުހަދަ ވަކަމެއް އިންޝާﷲ