ބްރެޒިލްގެ ކުރީގެ ރައީސް ލުއިޒް އިނާސިއޯ ޑަ ސިލްވާ ލޫލާ ޖަލަށްލުމަކީ ކުރެވޭ ބަޣާވާތެއްކަމަށާއި މިހާލަތުގައި ބައިނަލްއަގްވާމީ ދުނިޔެއިން ސަރުކާރާއި ދެކޮޅު ފަރާތްތަކަށް އެއްބާރުލުން ދިނުމަށް އެގައުމުގެ ވެރިކަމުން ދުރުކުރެވުނު ކުރީގެ ރައީސް ޑިލްމާ ރުސެފް ބުނެފިއެވެ.

ރުސެފް ވަނީ ސްޕެއިންގެ ވެރިރަށް މެޑްރިޑުގައި އޮތް ކޮންފަރެންސްއެއްގައި ވާހަކަދައްކަމުން ބްރެޒިލްގެ ވެރިކަމުން އޭނާ ދުރުކުރި މަޖިލީހުގެ ބަގާވާތުގެ ސަބަބުން ޑިމޮކްރެސީއަށް ނުރައްކާވެފައިވާކަމަށް ވެސް ބުނެފައެވެ.

ބްރެޒިލްގެ ވެރިކަމަށް ކުރިމަތިލާން އުޅުނު ލޫލާ ހައްޔަރުކޮށްފައި ވަނީ ކޮރަޕްޝަންގެ މައްސަލަތަކެއްގައެވެ. އަދި ރުސެފް ވެސް ވެރިކަމުން ދުރުކުރެވުނީ ކޮރަޕްޝަންގެ މައްސަލަތަކެއްގައެވެ. ދެ ބޭފުޅުންނަކީ ވެސް ބްރެޒިލްގެ ވޯކާރސް ސިޔާސީ ޕާޓީގެ އިސް ބޭފުޅުންނެވެ. ރުސެފް ވަނީ އިތުރު އެއްވެސް ރޭވުމެއް އިދިކޮޅު ފަރާތްތަކުގެ ނެތްކަމަށާއި ލޫލާ ވެރިކަމުގެ އިންތިހާބުގައި ބައިވެރިވި ބައިވެރިވުން އަދިވެސް ދަމަހައްޓާނޭކަމަށް ބުނެފައެވެ.

ލޫލާ ވަނީ މިދިޔަ ހޮނިހިރު ދުވަހު ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކެއްގައި 12 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަން ފަށައިފައެވެ. އެހެންނަމަވެސް އޭނާ ވަނީ އެ ކުށަށް އިންކާރުކޮށް އެ ތުހުމަތުތަކަކީ ބްރެޒިލްގެ ސަރުކާރުން އޭނާ އިންތިހާބުގައި ބައިވެރިވިޔަ ނުދިނުމަށްޓަކައި ކުރަމުންދާ ކަމެއްގެ ގޮތުގައި ސިފަ ކޮށްފައެވެ.

އެގައުމުގެ ހިޔާލު ހޯދުމުގެ ވޯޓުތަކުން ވަނީ ލޫލާ އިންތިހާބުގައި ބައިވެރިވެއްޖެނަމަ އޭނާ އިންތިހާބު ކާމިޔާބުކުރާނޭކަމަށް ދައްކާފައެވެ. ރުސެފް ވަނީ ބޭރު ގައުމުތަކުގެ އިސް އޮފިޝަލުންނާއި އެ މައްސަލައިގައި ވާހަކަ ދައްކާ ބްރެޒިލްގެ ހާލަތު އޮޅުން ފިލުވައި ދޭނެ ކަން އިއުލާން ކޮށްފައެވެ.

ލޫލާ ވެރިކަން ކުރީ ރުސެފްގެ ކުރިންނެވެ. ރުސެފް ވެރިކަމަށް ވަޑައިގެންނެވީ ލޫލާގެ ތާއީދާއި އެކު އެވެ.