ރޮހިންޖާ މުސްލިމުންގެ 10 ފިރިހެނަކު މެރިކަމުގެ ކުށް ސާބިތުވެ މިޔަންމާ ސިފައިންގެ ހަތްމީހަކު 10 އަހަރަށް ޖަލަށްލުމަށް ހުކުމް ކޮށްފިއެވެ.

މިޔަންމާ ސިފައިންގެ ވެރިޔާ އޭނާގެ ފޭސްބުކް ޕޭޖްގައި ޝާއިއުކުރި ބަޔާނެއްގައި މިކަން ވަނީ ކަށަވަރު ކޮށްދީފައެވެ.

މިޔަންމާ ސިފައިންގެ ސީނިއަރ ޖެނެރަލް މިން އަންގް ހްލިއަންގެ ބަޔާނުގައި ވަނީ ސިފައިންގެ ހަތަރު އޮފިސަރަކު ވަޒީފާއިން ވަކިކޮށް، 10 އަހަރަށް ޖަލަށްލުމަށް ވަނީ ހުކުމް ކޮށްފައިވާ ކަމަށާއި އަދި ސިފައިންގެ އިތުރު 3 މީހަކުވެސް ވަޒީފާއިން ވަކިކޮށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފައި ކަމަށެވެ.

ސިފައިންގެ މި ޝަރީއަތް ކުރިއަށް ގެންދިޔައީ ސިއްރިއްޔާތުގައެވެ. މިމައްސަލައިގެ ޝަރީއަތް މިނިވަން އަދި އެތެރެ ފެންނަގޮތަށް ބޭއްވުމަށް ބައިނަލްއަގްވާމީ މުޖުތަމައުން ގޮވާލަމުން ގެންދިޔަ ނަމަވެސް، އެ ގޮވާލުންތަކަށް އިޖާބަ ދީފައެއް ނުވެއެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 2 ވަނަދުވަހު މިޔަންމާގެ ސިފައިން ރޮހިންޖާ މުސްލިމް 10 ފިރިހެނަކު މަރާލި ހާދިސާ ފަޅާއަރުވާލީ ރޮއިޓަސްގެ ދެ ނޫސްވެރިން ހިންގި ސިއްރު ތަހްގީގަކުންނެވެ.

ނޫސްވެރިން އާންމުކުރި ޖަސޫސީ ރިޕޯޓްގައި، މިޔަންމާ ސިފައިންގެ ގްރޫޕަކާއި، ހަރުކަށި ބުދިސްޓުންގެ ބަޔަކުވެގެން މުސްލިމް 10 ފިރިހެން މަރާލުމަށް ފަހު އެ ދިހަމީހުންގެ ހަށިގަނޑު އަޅާލީ ބޮޑު ވަޅުގަނޑަކަށެވެ.

މިޔަންމާ ދޫކޮށް މިދިޔަ އަހަރުގެ އޮގަސްޓްމަހުން ފެށިގެން މިހާތަނަށް ފުރާނައިގެ ސަލާމަތަށް އެދިގެން 700،000 އަށްވުރެ ގިނަ ރޮހިންޖާ މުސްލިމުން އަވަށްޓެރި ބަންގްލަދޭޝްއަށް ގޮސްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު