މަތިންދާ ބޯޓެއް ޓެކްސީ ކުރަނިކޮށް އަލިފާން ރޯވެގެން އެއާޕޯޓުގައި މަސައްކަތް ކުރާ ފަރާތްތަކުން އަލިފާން ނިއްވަން މަސައްކަތް ކޮށްފިއެވެ.

މި މަތިންދާބޯޓަކީ ޔޫކްރެއިން އަށް ނިސްބަތްވާ ސްކައިއަޕް އެއާ ލައިންސްގެ މަތިންދާބޯޓެކެވެ. މި ބޯޓުގައި ރޯވެފައިވަނީ މިސްރުގެ ޝާމް އަލް ޝެއިޚް އެއާޕޯޓަށް ޖެއްސުމަށް ފަހު ޓެކްސީ ކުރަމުން ދަނިކޮށެވެ.

މިހާރު މީސްމީޑިއާގައި އާއްމު ވެފައިވާ ވީޑިއޯ އިން ފެންނަ ގޮތުގައި އެ ބޯޓު ޓެކްސީ ކޮށް ނިމުނުތަނާ ވަނީ ވާތް ފަޅީގެ ފުރޮޅުގައި ރޯވެފައެވެ. މާ ގިނަ އިރުތަކެއް ނުވަނީސް އެއާޕޯޓުގައި މަސައްކަތް ކުރާ މުވައްޒަފުންތަކެއް ވެގެން ވަނީ އަލިފާން ނިއްވާލާފައެވެ.

މި ހާދިސާގައި އެ ބޯޓުގައި ތިބި 196 މީހުންގެ ތެރެއިން އެކަކަށްވެސް އަނިޔާއެއްވެފައި ނުވެއެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ތެޔޮ ލީކެއް ވެގެން ކަމަށް ބައެއް ފަރާތްތަކާއި ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މިބޯޓު އޮޕަރޭޓް ކުރަމުން އަން ޔޫކްރޭންގެ އެއާލައިނުން ބުނީ، ބޯޓަށް ދިމާވި މައްސަލަ މިހާރު ބަލަމުން އަންނަ ކަމަށާއި، ބޯޓުގައި ތިބި ދަތުރުވެރިންނާއި ކްރޫއިންނަށް އަނިޔާއެއް ނުލިބުނީ ނަސީބު ރަނގަޅު ކަމުން ކަމަށެވެ. އަދި މިކަހަލަ ކަމެއް އިތުރަށް ނުވާނެ ކަމަށް އުއްމީދު ކުރާ ކަމަށްވެސް އެ އެއާލައިނުން ވަނީ ބުނެފައެވެ.

މިދިޔަ މަހުގެ ތެރޭގައިވެސް ވަނީ މިފަދަ ހާދިސާއެއް ހިނގާފައެވެ. ސައުތު ކޮރިއާގެ ދެވަނައަށް އެންމެ ބޮޑު އެއް އެއާލައިން ކަމަށްވާ އޭޝިއާނާގެ މަތިންދާބޯޓެއް ދަތުރުވެރިން އަރުވައިގެން ނައްޓާލަން އުޅެނިކޮށް ވަނީ ބޯޓުގެ އެއް އިންޖީނުގައި އަލިފާން ރޯވެފައެވެ. މިހާދިސާގައި މީހަކަށް އަނިޔާއެއް ލިބުމުގެ ކުރިން ވަނީ މީހުން ބޯޓުން ބާލުވާފައެވެ.