އިންޑިއާގައި މީހުން އަރުވައިގެން ދަތުރުކުރި ދެ ރޭލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

މި ހާދިސާ ހިނގާދިޔައީ އިންޑިއާގެ ހައިދްރަބާދްގެ ކަޗެގުޑާ ރޭލު ސްޓޭޝަންގައި މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ. މިހާދިސާގައި އެއްވެސް މީހަކު މަރުވެފައިވާ ކަމަށް ސާފެއް ނުވެއެވެ. އެހެންނަމަވެސް 12 މީހަކަށްވަނީ އެކި ވަރުގެ އަނިޔާތައް ލިބިފައެވެ. މި އެންމެނަށް ފަރުވާދީ މިހާރު 2 މީހަކު ދޫކޮށްލާފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ވަނީ ބުނެފައެވެ.

އިންޑިއާގެ ކަމާބެހޭ އިދާރާތަކުން ބުނެފައިވަނީ މި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބެއް ކަމަށް ބެލެވިފައިވަނީ ކޮންޓްރޯލް ޓަވަރުން ނުބައިކޮށް މުއަމަލާތު ކުރެވުނު ގޮތުން ކަމަށެވެ. ނަސީބެއްގެ ގޮތުން އެކްސިޑެންޓް ހިނގި ވަގުތު މި ދެ ރޭލުވެސް ދުއްވާފައި ދިޔައީ މަޑުން ކަމަށްވެސް އެފަރާތުން ބުންޏެވެ.

މިހާދިސާގައި އަނިޔާވި ގިނަ މީހުންގެ ބޯ ވަނީ ފަޅައިގެން ގޮސްފައެވެ. އަދި ބައެއް މީހުންގެ ފަޔަށްވެސް ވަނީ އެކި ވަރުގެ އަނިޔާ ލިބިފައެވެ.

މިހާދިސާއާއި ގުޅިގެން މިހާރު ވަނީ އެ ސަރަހައްދުގައި ދުއްވަމުން އަންނަ 20 ރޭލުގެ ދަތުރުތައް މެދުކަނޑާލާފައެވެ.

އިންޑިއާގެ ރެއިލްވޭ މިނިސްޓަރ ވިދާޅުވީ، މިހާދިސާގެ މައުލޫމާތު ލިބުނުހާ އަވަހަށް ކަމާބެހޭ އިދާރާތްތަކުން ވަނީ އެ ސަރަހައްދަށް ގޮސްފައި ކަމާއި މިހާދިސާގައި ގެއްލުން ލިބުނު ފަރާތްތަކަށް ފަރުވާ ދިނުމާއި ކެއުން ބުއިމުގެ ކަންތައް އެފަރާތުން ކުރަމުން އަންނަ ކަމަށެވެ.

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ވަނީ އޭނާގެ ރިޔާސީ އިންތިހާބު ކެމްޕެއިނުގައި އިންޑިއާގެ އަހްމަދުއާބާދުން މުމްބާއީއަށް ދެވެނޭ ގޮތަށް 12 ރޭލު ސްޓޭޝަން އެޅުމަށް ވައުދުވެ އެ ވައުދު ފުއްދާފައެވެ.