ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި އަންގާރަ ދުވަހު 2 ރޭލެއް ޖެހިގެން ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 15 މީހުން މަރުވެ، 58 މީހަކު ޒަޚަމްވެއްޖެއެވެ.

ބަންގްލަދޭޝްގެ ފުލުހުންނާ ހަވާލާދީ އެޤައުމުގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ ޑާކާގެ ކަސްބާން އަވަށުގައި، މޮންޑޮލްބާގް ސްޓޭޝަން ކައިރިން ޗިޓަގޮންގް އަށް ދަތުރުކުރަމުން ދިޔަ ރޭލަކާއި ޑާކާގެ އެތެރޭގައި ދުއްވާ ރޭލަކާއި ޖެހިގެންނެވެ. މި އެކްސިޑެންޓުގައި ޖުމްލަ 3 ރޭލެއް ކައްސާލައިގެން ގޮސްފައިވާ ކަމަށް ވަނީ ރިޕޯޓު ކޮށްފައެވެ.

"އެކްސިޑެންޓުގައި މިހާތަނަށް 15 މީހުން މަރުވެފައިވާ ކަން ވަނީ ކަށަވަރުކުރެވިފައި. އޭގެ އިތުރަށް 58 މީހުންނަށް ވަނީ އަނިޔާވެފައި. އެމީހުންނަށް މިހާރު ކައިރި ހޮސްޕިޓަލްތަކުގައި ދަނީ ފަރުވާ ދެމުން." ކަސްބާންގެ ފުލުހުންގެ ޗީފް، އަނީސުއްރަހްމާން މީޑިއާތަކަށް މަޢުލޫމާތު ދެމުން ބުންޏެވެ.

މި ހާދިސާއާއި ގުޅިގެން ޑާކާގައި މިހާރު ވަނީ ރޭލްދަތުރުތައް ވަގުތީ ގޮތުން މެދުކަނޑާލާފައެވެ.

ބަންގްލަދޭޝްގެ ކަމާބެހޭ ފަރާތްތަކުން އަންނަނީ މި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު އިތުރަށް ތަހުގީގުކުރަމުންނެވެ. "އަހަރެމެން މިދަނީ އަދިވެސް މީހުން ސަލާމަތްކުރުމުގެ އޮޕަރޭޝަން ކުރިއަށް ގެންދަމުން." ރޭލު އޮފިސަރަކު މަޢުލޫމާތު ދީފައިވެއެވެ. މިހާތަނަށް ބެލިބެލުމުން، އެކްސިޑެންޓު ހިނގަން މެދުވެރިވުމުގައި ރޭލަކުން ނުބައި ސިގްނަލެއް ދެވުން ބޮޑު ރޯލެއް ކުޅެއެވެ.

ބަންގްލަދޭޝްގައި ރޭލު އެކްސިޑެންޓުތައް ހިނގުމަކީ އާއްމު ކަމެކެވެ. މިގޮތުން ގިނަ އެކްސިޑެންޓުތައް ހިނގަން މެދުވެރިވަނީ ނުބައިކޮށް ސިގްނަލް ދެވިގެން، ނޫނީ ރޭލު މަގުތަކުގެ ފެންވަރު ދަށްވެގެން ރޭލު ކައްސާލައިގެންނެވެ. އެފަދަ އެކްސިޑެންޓުތަކުގައި އެތައް ބަޔަކު ކޮންމެ އަހަރަކުވެސް އެޤައުމުން މަރުވެފައިވެއެވެ.