ދަތުރުކުރަމުންދިޔަ ފްލައިޓެއްގެ ތެރޭގައި ފަސިންޖަރަކު އޭނާގެ ކުރިމަތީގައި ހުރި ފަސިންޖަރުގެ ސީޓުގެ މައްޗަށް ހަޑިވެފައިވާ އޭނާގެ ކޮޅުފައި ނަގައިގެން، ހަމަޖެހިލައިގެން ހުރި ވީޑިއޯއެއް އާއްމުވެއްޖެއެވެ.

އޮސްޓްރޭލިއާގައި ދަތުރުކުރަމުން ދިޔަ ފްލައިޓެއްގެ ތެރޭގައި ހިނގި އެ ހާދިސާގެ ވީޑިއޯ ނަގާފައިވަނީ ހަޑިވެފައިވާ ފައި ކުރިމަތީ ސީޓު މައްޗަށް ނަގައިގެން ހުރުމުގެ ސަބަބުން އުނދަގޫވި އަންހެން ފަސިންޖަރެކެވެ. އެ ދަތުރުގައި އެ ފަސިންޖަރަށް ހަމަޔަށް ސީޓުގައި ބޯ ޖައްސާލެވޭނެ ގޮތެއްވެސް ނުވިއެވެ. އެ މަންޒަރު އޭނާ މީސްމީޑިއާގެ ވެބްސައިޓެއް ކަމަށްވާ 'ރެޑިޓް' ގައި ހިއްސާކުރަމުން ޖަހާފައިވަނީ، "މިއީ ދިގު ފްލައިޓަކަށް ވާނެ." ކަމަށެވެ.

ރެޑިޓްގައި އަންހެން ފަސިންޖަރު ހިއްސާކުރި ފޮޓޯ ވަނީ ވަރަށް އަވަހަށް މުޅި އިންޓަނެޓުގައި ދައުރުވާން ފަށާފައެވެ. އެ ފޮޓޯ އިން ފެންނަ ގޮތުގައި އަންހެން މީހާ އޭނާގެ ފަހަތު ސީޓުގައި ހުރި މީހާ، އޭނާގެ ސީޓު މައްޗަށް ފައިނަގައިގެން ހުރިތަން، ގޮތް ހުސްވެފައި ކަހަލަ ގޮތަކަށް ބަލަން ހުރެއެވެ.

ފަސިންޖަރުގެ މި ވިޔާނުދާ ޢަމަލާ ގުޅިގެން ގިނަ ބަޔަކު ދަނީ އޭނާ ކުށްވެރިކޮށް އެމީހުންގެ ޝުޢޫރުތައް ފާޅުކުރަމުންނެވެ. ކޮންމެ ފްލައިޓަކުން ދަތުރުކުރިއަސް، ކޮންމެ ފެންވަރެއްގެ މީހަކަސް އެއީ ވަރަށް ދަށުދަރަޖައިގެ ޢަމަލެއް ކަމަށް އެންމެންވެސް ޤަބޫލުކުރެއެވެ. ނަމަވެސް ބައެއް މީހުން ދެކޭ ގޮތުގައި އެ އަންހެން މީހާ ވަގުތުން ފްލައިޓް އެޓެންޑެންޓަކުގެ ސަމާލުކަމަށް އެކަން ގެންދަން ޖެހޭނެއެވެ.

"އަހަރެންނަށް ޤަބޫލުކުރަން ވެސް ދަތިވޭ ބައެއް މީހުންނަށް މިކަހަލަ ވިޔާނުދާ ކަންތައްތަކާ ކުރިމަތިލާން ޖެހިލުންވާތީ. ބައެއް މީހުން އެމީހުން ހިތަށް އަރާހާ ގޮތަކަށް ކަންތައްތައް ކުރަނީ އެހެން މީހުން އެކަމާ ގުޅިގެން އެއްވެސް އެއްޗެކޭ ބުނަން ނުކެރި، އެމީހުންގެ ހައްގުތަކާ ބެހޭގޮތުން އަޑުނުއުފުލާތީ." އަންހެން ފަސިންޖަރުގެ ވީޑިއޯ އާ މެދު އެކަކު އޭނާގެ ޙިޔާލު ހިއްސާކުރަމުން ބުންޏެވެ.