ވިލާތުގެ އިއްތިހާދު (އީޔޫ) ފަރާތުން މިހާރު ޣައްޒާ އިން އިސްރާއީލަށް ދެމުން ގެންދާ ރޮކެޓް ހަމަލާތައް ކުށްވެރިކޮށް ބަޔާނެއް ނެރެފިއެވެ.

"މިއަދުގެ ހެނދުނުގެ ވަގުތެއްގައި އިސްރާއީލުން ޣައްޒާގައި ޚާއްސަ އޮޕަރޭޝެއް ކުރިއަށް ގެންދިޔަ، އިސްލާމިކް ޖިހާދުގެ އިސް ލީޑަރަކާ ދެކޮޅަށް. އޭގެ ބަދަލުހިފުމެއްގެ ގޮތުން އިސްރާއީލްގެ މެދު އަދި ދެކުނު ހިސާބުތަކަށް ޣައްޒާއިން ވަނީ ގިނަ އަދަދެއްގެ ރޮކެޓް ހަމަލާތަކެއް ފޮނުވާލާފަ. ރޮކެޓް ހަމަލާތައް އާއްމުން ދިރިއުޅޭ ހިސާބުތަކަށް ފޮނުވާލުމަކީ އެއްވެސް ގޮތަކަށް ޤަބޫލުކުރެވޭނެ ކަމެއް ނޫން. އެކަންތައް މިހާރުން މިހާރަށް ހުއްޓާލަން ޖެހޭނެ." ވިލާތުގެ އިއްތިޙާދުގެ ބަޔާނުގައި ބުނެފައިވެއެވެ.

އީޔޫ އިން މިއަދު ނެރުނު ބަޔާނުގައި އިތުރަށް ބުނެފައިވާ ގޮތުން މިހާރު ފަލަސްތީނާއި، އިސްރާއީލާ ދެމެދު އުފެދިފައިވާ ހަމަނުޖެހުން ކޮންޓްރޯލްކުރުމަކީ، އެދެޤައުމުގެ އާއްމު ރައްޔިތުންގެ ސަލާމަތާއި، ރައްކާތެރިކަމަށް ކޮންމެހެންވެސް މުހިއްމު ކަމެއް ކަމަށެވެ. މިއަދުގެ ހަމަލާ ބަދަލްކުރުންތަކާ ގުޅިގެން މިހާރު ވިލާތުގެ ވަކި ވަކި ޤައުމުތަކުންވެސް އަންނަނީ ބަޔާންތައް ނެރެމުންނެވެ. އަދި އިސްރާއީލާއި ފަލަސްތީނުގެ މެދުގައި ހަމަލާ ބަދަލްކުރުންތައް ހުއްޓާލަން ވަނީ ނަސޭހަތްތެރިވެފައެވެ.

ފަލަސްތީނުގެ ޣައްޒާއިން މިއަދުގެ މިހާތަނަށް އިސްރާއީލްގެ އެކި ސަރަހައްދުތަކަށް 150 އަށްވުރެ ގިނަ ރޮކެޓް ހަމަލާތައް ފޮނުވާލާފައިވާ ކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ.

އިސްރާއީލަށް ރޮކެޓް ހަމަލާތައް ދެމުންދަނީ އިސްލާމިކް ޖިހާދުގެ ފަރާތުން، އެ ޖަމާޢަތުގެ އިސް ކޮމާންޑަރެއް ކަމަށްވާ ބަހާ އަބޫ އަލް-އަތާ ޝަހީދުކޮށްލުމުން، އޭގެ ބަދަލުހިފުމެއްގެ ގޮތުންނެވެ.

ޒަމާންތަކެއް ވަންދެން ފަލަސްތީނުގެ މަޢުސޫމް، ކުށެއްނެތް އެތައް ބަޔަކު ޝަހީދުކުރަމުން އަންނަ އިޒްރޭލުގެ ހައްދުފަހަނައަޅާފައިވާ ސިފައިންވެސް ދަނީ ފަލަސްތީނަށް މިއަދު ޑްރޯން މެދުވެރިކޮށް ހަމަލާތަކެއް ދެމުންނެވެ. އެ ހަމަލާތަކުގައި ކުށެއްނެތް އާއްމުން ޝަހީދުވެ، ގިނަ ބަޔަކު މިހާރުވެސް ޒަޚަމްވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މޯދީ

    ދަޓްަް ނޯމަލް

    1
    1