ލުބުނާނުގައި މުޒާހަރާ ކުރާ ފަރާތްތަކުން މުޒާހަރާ ނުކޮށް، ގެއަށް ދިޔުމަށް އެޤައުމުގެ ރައީސް، މިކެލް އައޫން ގޮވާލައިފިއެވެ. އޭނާގެ މިގޮވާލުމާއެކު އެޤައުމުގެ މުޒާހަރާ ކުރާ ފަރާތްތަކުގެ ރުޅިގަނޑު އިތުރަށް ބޮޑުވުން ނޫން ކަމެއް ނުވިއެވެ.

އައޫންގެ ގޮވާލުމާއެކު މުޒާހަރާ ކުރާ އެތައް ހާސް ޒުވާނުންގެ ރުޅިގަނޑު ފަޅައިގެން ގޮސް، ޓައިރުތައް ރޯކުރުމާއި، ބޮޑެތި މަގުތައް ބަންދުކުރުމުގެ އިތުރަށް ތަންތަނުގައި ހުޅު ޖަހަންވެސް ވަނީ ފަށާފައެވެ. ލުބުނާނުގެ ރައީސްގެ ގޮވާލުމާއި ގުޅިގެން އިތުރަށް ބޮޑުވެގެންދިޔަ މި ހަމަނުޖެހުންތައް ކޮންޓްރޯލް ކުރަން އުޅުމުގެ ތެރޭގައި ސިފައިން ޖެހި ބަޑީގެ އަމާޒަކަށް މުޒާހަރާގެ ބައިވެރިއަކު ވެ، އޭނާ ވަނީ ފަރުވާދެމުން ދަނިކޮށް މަރުވެފައެވެ.

"އަހަރެން ގޮވާލަން އެއްވެސް ލުބުނާނު ރައްޔިތަކު ނުރަނގަޅު ގޮތަކަށް ނޫޅުމަށް. ގޯސްކޮށް އުޅެންޏާ ދެން އިތުރުވާނީ ގޯސްތައް. ނަތީޖާއަކަށް ވަނީ އިތުރަށް ހަމަނުޖެހުންތައް ބޮޑުވުން. މުޒާހަރާ ކުރާ ހުރިހާ ފަރާތްތަކުންވެސް އަހަރެންނަށާއި، ދެން އުފެދޭ އާ ސަރުކާރަށް ތި ޑިމާންޑް ކުރާ ކަންތައްތައް ހައްލުކުރުމަށް ފުރުސަތު ދިނުމުގެ ގޮތުން ގެއަށް ދިޔުމަށް ގޮވާލަން." އައޫން ވިދާޅުވިއެވެ.

މުޒާހަރާތަކާ ގުޅިގެން އެންމެ ބޮޑު ޕްރެޝަރެއް ކުރިމަތިވި އެއްބޭފުޅަކީ ދާދިފަހުން އިސްތިއުފާ ދެއްވި އެޤައުމުގެ ކުރީގެ ބޮޑުވަޒީރު، ސާދް ހަރީރީ އެވެ. އޭނާ އިސްތިއުފާ ދެއްވުމާ ގުޅިގެން މިހާރު އެޤައުމުގެ އާ ބޮޑުވަޒީރަކު އައްޔަން ކުރުމާ ގުޅޭ ޤާނޫނީ ކަންކަން އެޤައުމުގެ ސަރުކާރުން ދަނީ ކުރަމުންނެވެ. އާ ސަރުކާރުގެ ކެބިނެޓް އެކުލަވާލާނެ ގޮތަކާމެދު ޕާޓީތަކުންވެސް ދަނީ މަޝްވަރާ ކުރަމުންނެވެ.

މުސްލިމުންގެ މެޖޯރިޓީ އޮންނަ އަރަބި ޤައުމުގައި މިފަހަކުން އައިސް ހިނގަމުންދާ ހަމަނުޖެހުންތަކަކީ 1975 ވަނަ އަހަރުން ފެށިގެން 1990 ވަނަ އަހަރާ ހަމަޔަށް ދެމިގެންދިޔަ އެޤައުމުގެ ދާޚިލީ ހަނގުރާމައަށްފަހު ހިނގަމުންދާ އެންމެ ބޮޑު ހަމަނުޖެހުމެވެ. ލުބުނާނުގައި އެޤައުމުގެ ސަރުކާރާ ދެކޮޅަށް އަޑުއުފުލަމުންދާ ފަރާތްތަކުން ގޮވާލަމުންދަނީ އެޤައުމުގެ ކޮރަޕްޓު ވެރިން މަޤާމުތަކުން ދުރުކުރުމަށެވެ.