އިސްރާއީލުން ދިން ހަމަލާއެއްގައި އިސްލާމިކް ޖިހާދުގެ ކޮމާންޑަރަކު ޝަހީދުވުމުން އިސްރާއީލާއި އިސްލާމިކް ޖިހާދާއި ދެމެދު ބަދަލުކުރަން ފެށި ހަމަލާތައް ހުއްޓާލަން އިސްރާއީލާއި އިސްލާމިކް ޖިހާދުން ވެސް އެއްބަސްވެއްޖެއެވެ.

ހަމަލާތައް ބަދަލުކުރުން ހުއްޓާލަން އެއްބަސްވެފައި ވަނީ ފަލަސްތީންގެ ގަޑިން ފަތިހު 05:30 ގައެވެ. އެއީ ދިވެހިރާއްޖޭގެ ގަޑިން މިއަދު ހެނދުނު 08:30 ގައެވެ.

ހަމަލާތައް ބަދަލުކުރުން ހުއްޓާލިއިރު އިސްރާއީލްގެ ހަމަލާތަކުގައި ފަލަސްތީންގެ 34 މީހަކު ވަނީ ޝަހީދުވެފައެވެ. އަދި މުޖާހިދުން ދިން ރޮކެޓް ހަމަލާތަކުގުގެ ސަބަބުން އިސްރާއީލްގެ 63 މީހަކަށް ހޮސްޕިޓަލްގައި ފަރުވަ ދީފައިވާ ކަމަށް އިސްރާއީލުން ބުނެއެވެ.

ހަމަލާތައް ބަދަލުކުރުން ހުއްޓާލަން އެއްބަސްވެފައިވާ ކަން އިސްލާމިކް ޖިހާދުން ވެސް ވަނީ ކަށަވަރު ކޮށްދީފައެވެ. ނަމަވެސް ހަމަލާތައް ބަދަލުކުރުން ހުއްޓާލުމާއި ގުޅޭ ގޮތުން އިސްރާއީލުން އަދި ވަކިއެއްޗެކޭ ނުބުނެއެވެ.

ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން ވަކި ބަޔަކަށް އަމާޒުކޮށް ހަމަލާ ނުދޭން އިސްރާއީލުން ވަނީ އެއްބަސްވެފައި ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި ޣައްޒާ އާއި ހުޅަނގުއައްސޭރިއަށް ހަމަލާ ދިނުން އިސްރާއީލުން ހުއްޓާލަން ޖެހޭ ކަމަށް ވެސް އެއްބަސްވުން ބުނެއެވެ.

މީގެ އިތުރުން ޣައްޒާ އާއި އިސްރާއީލް ގުޅޭ އިމުގައި ކޮންމެ ހުކުރު ދުވަހަކު ކުރާ މުޒާހަރާތަކަށް ހަމަލާ ދިނުން އިސްރާއީލުން ހުއްޓާލަން ޖެހޭނެ ކަމަށް އެއްބަސްވުމުުގައި ވެއެވެ. ނަމަވެސް މުޒާހަރާތަކަކީ ސުލްހަވެރި މުޒާހަރާތަކަކަށް ވާން ޖެހޭނެ ކަމަށް ވެސް އެއްބަސްވުމުގައި ވަނީ ބުނެފައެވެ.

މީގެ ކުރިން ހަމަލާތައް ބަދަލުކުރުން ހުއްޓާލަން އެކިފަހަރުމަތިން އިސްރާއީލުން ވެފައިވާ އެއްބަސްވުންތަކަށް އިހްތިރާމް ކުރަން ޖެހޭނެ ކަމަށް ވެސް މިއަދު ގާއިމްކުރި އެއްބަސްވުމުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ގަމާރު

    ތިވާނީ އިޒްރޭލު މީހުން ބަލިވެ ހަފުސްވީ ކަމަށް.

    7
    4
  2. ގަމާރުންގެ ވެސް ގަމާރު

    މިމީހުންނަށް ދުވަހަކުވެސް އިޒްރޭލަކީ ކިހާވަރެއްގެ ބައެއްކަމެއް އުޅެ އުޅެ ނޭގުނު.

    2
    1
    • ފިރްޢައުން

      އެއީ ޖަނަވާރުންދޯ.