މިދިޔަ ބުރާސްފަތި ދުވަހު ޣައްޒާ އަށް ދިން ހަމަލާއެއްގައި އެއް އާއިލާއެއްގެ 8 މެންބަރުން ޝަހީދުކޮށްލެވުނީ އޮޅިގެން ކަމަށް އިސްްރާއީލުން ބުނެފިއެވެ.

އިސްްރާއީލުގެ ނޫހެއް ކަމަށްވާ "ޓައިމްސް އޮފް އިސްްރާއީލް" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އިސްްރާއީލުން ހިންގި ތަހުގީގީ ހަރަކާތްތަކެއްގައި އެހަމަލާ ދީފައި ވަނީ ޣައްޒާގެ މެދުއި އޮންނަ އަވަށެއް ކަމަށްވާ، ދީރަ އަލް-ބަލަހް އަށެވެ. އެގައުމުގެ ހަނގުރާމަމަތީ ބާރުތަކާއި ހަވާލާދީ އެނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި ހަމަލާދިން އިމާރާތުގައި އެއްވެސް އާއިލާއެއް ދިރިއުޅެމުންދާކަން އެމީހުންނަށް އެނގިފައެއް ނުވެއެވެ.

އެސަރަހައްދުގައި ދިރިއުޅެމުން ދިޔަ ރަށްވެހިން ބުނެފައި ވަނީ އިސްްރާއީލުން ވައިގެ މަގުން އެހަމަލާ ފޮނުވާލައިފައިވަނީ އެއްވެސް އެންގުމަކާއި ނުލައެވެ. އަދި އިސްްރާއީލުގެ ސަލާމަތީ ބާރުތަކާއި އިސްލާމިކް ޖިހާދުގެ ނަމުގައި ޣައްޒާގައި ހަރަކާތްތެރިވަމުން ދިޔަ ޖަމާޢަތާ ދެމެދު ހަމަލާ ބަދަލުކޮށް، އެސަރަހައްދުގައިވާ ދެތަނެއް ބިމާ ހަމަކޮށްލައިފައިވާ ކަމަށްވެސް އެފަރާތްތަކުން ވަނީ މައުލޫމާތު ދީފައެވެ. އަދި އެހަމަލާ ބަދަލު ކުރުމުގައި "އަބޫ މާލްހޮސް" ގޭގެ 8 މެންބަރުން ޝަހީދުކޮށްލާފައި ވަނީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައިވެސް އެފަރާތްތަކާއި ހަވާލާދީ އިސްްރާއީލުގެ ނޫހުން ވަނީ ރިޕޯޓުކޮށްފައެވެ.

"އެގެއަކީ ގިނަ އަދަދެއްގެ ކުޑަ ކުދިން ދިރިއުޅެމުން ދިޔަ ގެއެއް. ހަމަލާ ދިނުމުގެ ކުރިން އެކަން އަންގާލި ނަމަ އެއްވެސް މީހަކު މަރު އަންނަން ދެން ގޭތެރޭގައި ނުތިބޭނެކަން ޔަގީން" އާއިލާގެ 8 މެންބަރުން ޝަހީދުކޮށްލި ގޭގެ އަވައްޓެރިއަކު ބުނެފައިވެއެވެ.

އިސްްރާއީލުން ބުނެފައިވާގޮތުގައި ހަމަލާ ބަދަލުކުރުން ތަކުގައި 25 މީހަކު ވަނީ ޝަހީީދުކޮށްލާފައެވެ. އެހެން ނަމަވެސް ޣައްޒާގެ އިންސާނީ ހައްގުތަކާ ބެހޭ ޖަމާތްތަކުން ހާމަކޮށްފައި ވަނީ އިސްްރާއީލުން ހިންގި އޮޕަރޭޝަން ތަކުގައި ޝަހީދުވެފައިވަނީ ވަނީ 18 މުޖާހިދުން ކަމަށެވެ. އަދި ޣައްޒާގެ އާންމުންގެ ތެރެއިން 16 ފަރާތެއް ޝަހީދުކޮށްލާފައި ވާކަަމަށާއި، އޭގެ ތެރޭގައި ތިން އަންހެނުންނާއި ކުޑަކުދިން ހިމެނޭ ކަމަށް އެފަރާތްތަކުން ވަނީ ބުނެފައެވެ.

އިސްްރާއީލާއި ޣައްޒާގެ މުޖާހިދުންނާއި ދެމެދު ހަމަލާތައް ބަދަލުކުރަން ފެށީ އިސްލާމިކް ޖިހާދުގެ ކޮމާންޑަރެއް ކަމަށްވާ އަބޫ އަލް-އަތާ ޝަހީދުކޮށްލުމުންނެވެ. އޭނާ ޝަހީދުވީ އޭނާގެ ގޭގައި ހުއްޓާ އިސްރާއީލުން ދިން ހަމަލާއެއްގައެވެ. އަބޫ އަލް-އަތާގެ މަރުގެ ބަދަލުހިފަން އިސްލާމިކް ޖިހާދުން ގެންދަނީ މެދުކެނޑުމެއްނެތި އިސްރާއީލަށް ރޮކެޓް ހަމަލާތައް ދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ސްނޯ

    ދުނިޔޭގެ ބޮޑު ޖޯކު.

    12
    1
  2. އަަައްބެ

    ކިތައްމީހުންބާ ށަހީދުކުރަން ހަމަޖެހިފަ އޮތީ

    5
    1
  3. ޖިންނި

    ހަމަ ގަސްތުގަ އެ ހުރިހައި ކަމެއްގަ ކަލޭމެނަށް އެހީވަނީ ވަށަވަށައިގެން އެ ތިބަ ޖާހިލު ޢަރަބި ވެރިން

    13
  4. ހަޔަތް

    ހޫން... 'އޮޅިގެންނޯ.

    9
    1
  5. ވާނުވާ

    އޮޅިގެން ނަތަންޔާހޫ ގެއަށް ބެމެއް އަޅާނެ މީހަކު ހޯދަންވީ

    21