އެމެރިކާ އިން މިސައިލު ހަމަލާތައް ދޭންވީ ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރާއި ދެކޮޅަށް ނޫންކަމަށް ރަޝިޔާ އިން ބުނެފިއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ރައްދު ދެމުން ރަޝިޔާގެ ހާރިޖީއްޔާ އިން ބުނީ މިސައިލު ހަމަލާތައް ދޭންވީ ނިރުބަވެރިންނާއި ދެކޮޅަށް ކަމަށާއި ގާނޫނީ ގޮތުން އުފެދިފައިވާ ސީރިޔާގެ ސަރުކާރާއި ދެކޮޅަށް ނޫން ކަމަށެވެ.

"މިސައިލު ހަމަލާތައް ފޮނުވަންވީ ނިރުބަވެރިންނާއި ދިމާލަށް. އެއްވެސް ހާލެއްގައި ސީރިޔާގައި އުފެދިފައިވާ ގާނޫނީ ސަރުކާރާއި ދިމާލަކަށް ނޫން. ނިރުބަވެރިކަމާއި ދެކޮޅަށް ސީރިޔާގެ ސަރުކާރުން މަސައްކަތް ކުރާތާ ގިނަ އަހަރުތަކެއް ވެއްޖެ" ރަޝިޔާގެ ހާރިޖީއްޔާގެ ތަރުޖަމާނު މާރިއާ ޒަހަރޯވާ ބުންޏެވެ.

ރަޝިޔާ އިން މިހެން ބުނެފައިވާ ސީރިއާގެ ސަރުކާރުގެ ބާރުގަދަ ހިސާބުތަކަށް މިސައިލު ހަމަލާތަކެއް ވަރަށް އަވަހަށް ދޭނެކަމުގެ އިންޒާރު ޓްރަމްޕް ވަނީ މިއަދު ދީފައެވެ. ނަމަވެސް ރަޝިއާ އިން އެ މިސައިލުތައް ވައްޓާލާނެ ކަމުގެ އިންޒާރު ދީފައެވެ.

"އެމެރިކާ އިން މިސައިލު ހަމަލާތަކެއް ދީފިނަމަ، އަހަރުމެން އެ ތަކެއް ވައްޓާނަން. އަދި މިސައިލު ހަމަލާ ދޭން ބޭނުންކުރި ތަކެތި ވެސް ނައްތާލާނަން" ލުބްނާނަށް ކަނޑައަޅުއްވާފައި ހުންނަވާ ރަޝިޔާގެ ސަފީރު ވިދާޅުވިއެވެ.

ސީރިޔާގެ ސަރުކާރުގެ ބާރުގަދަ ހިސާބުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އެމެރިކާ އާއި އެހެންވެސް ގައުމުތަކުން ދީފައިމިވަނީ ދާދިފަހުން ސީރިއާގައި އިދިކޮޅު ފަރާތްތަކުން ހިފާފައިވާ ދޫމާއަށް ކެމިކަލް ހަމަލާއެއް ސީރިއާގެ ސަރުކާރަށް ނިސްބަތްވާ ފަރާތްތަކުން ދީފައިވާތީއެވެ.

އެ ހަމަލާގައި 70 މީހަކު މަރުވިއިރު އެ ހަމަލާގައި ކްލޮރިން ގޭހާއި އެއަށް ވުރެ ބާރުގަދަ ގޭހެއް ބޭނުންކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެހަމަލާގައި މަރުވި މީހުންގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.

ރަޝިޔާ އަކީ ސީރިއާގެ ރައީސް ބައްޝާރުލް އަސަދަށް ތާއީދުކޮށް ވާގިވެރިވާ އެއް ގައުމެވެ.

ކިޔުންތެރިންގެ ހިޔާލު