އަލްޖީރިއާގެ އަސްކަރީއްޔާގެ މަތިންދާބޯޓެއް ވެއްޓުމުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު 257 އަށް އަރައިފިއެވެ.

މި ބޯޓު ވެއްޓިފައި ވަނީ އަލްޖީރިއާގެ ވެރިރަށް އަލްޖިއާޒް ކައިރީ އޮންނަ ބޯފާރިކް އެއާޕޯޓުން ނައްޓާލިތާ މާގިނަ އިރުތަކެއް ނުވަނީސް ކަމަށް މީޑިޔާ ރިޕޯޓުތައް ބުނެއެވެ.

މި ބޯޓުގައި 200 އަށް ވުރެ ގިނަ މީހުން ތިބި ކަމަށްވާއިރު މި ހާދިސާގައި 257 މީހުން މަރުވެފައިވާކަން މިހާތަނަށް ކަށަވަރުކުރެވިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މި ބޯޓުގައި ގިނައިން ތިބީ އަލްޖީރިއާގެ އަސްކަރިއްޔާ އަށް ނިސްބަތްވާ މީހުންނެވެ.

މިއީ 2003 ވަނަ އަހަރަށްފަހު އަލްޖީރިއާގައި ހިނގި މިފދަ އެންމެ ނުރައްކާތެރި ހާދިސާއެވެ. 2003 ވަނަ އަހަރު އަލްޖީރިއާގައި ހިނގި މިފަދަ ހާދިސާއެއްގައި 102 މީހުން ވަނީ މަރުވެފައެވެ.

އަސްކަރިއްޔާގެ މި މަތިންދާބޯޓު ވެއްޓެން ދިމާވި ސަބަބެއް އަދި އެނގިފައި ނުވާއިރު މިކަން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.