އިރާނުން އިސްރާއީލަށް ހަމަލާއެއް ދޭއިރު އެ ހަމަލާ ސީރިޔާ ތެރެއިން ދީފިނަމަ ސީރިޔާ ދުނިޔޭގެ ޗާޓުން ފޮހެލާނެ ކަމުގެ އިންޒާރު އިސްރާއީލުން ސީރިޔާ އަށް ދީފިއެވެ.

މިދިޔަ ހޯމަ ދުވަހު ސީރިއާގެ މިލިޓަރީ އެއާޕޯޓަކަށް ވަރުގަދަ ހަމަލާއެއް ދީފައިވާއިރު، ސީރިއާގެ ސަރުކާރަށް ވާގިވެރިވާ ރަޝިޔާ އާއި އިރާނުން ތުހުމަތު ކުރަނީ މި ހަމަލާދީފައިވަނީ އިސްރާއީލުން ކަމަށެވެ. އެ ހަމަލާގައި އިރާނަށް ނިސްބަތްވާ ހަތް މީހަކު މަރުވެފައިވެއެވެ. މި ހަމަލާއާ ގުޅިގެން އިސްރާއީލުން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

މިކަމާ ގުޅިގެން އިރާނު ސަރުކާރުގެ އިސް އޮފިޝަލަކު ވަނީ މި ހަމަލާއަށް ރައްދެއް ނުދީ އެގައުމުން ނޯންނާނެ ކަމަށް ވިދާޅުވެފައެވެ.

މި ވާހަކަތަކާ ގުޅިގެން އިސްރާއީލުގެ ސަލާމަތީ ކަންތައްތަކާއި ބެހޭ އިސް އޮފިޝަލަކު ބުނީ އިރާނުން އިސްރާއީލަށް ހަމަލާއެއް ދޭއިރު އެ ހަމަލާ ސީރިޔާ ތެރެއިން ދީފިނަމަ، ސީރިއާގެ ރައީސް ބައްޝާރުލް އަސަދާއި އޭނާގެ ސަރުކާރު އެކަމުގެ އަގު އަދާކުރަންޖެހޭނެ ކަމަށެވެ.

"ސީރިއާގެ ތެރެއިން އިރާނުން އިސްރާއީލަށް ހަމަލާއެއް ދީފިނަމަ، އަސަދުގެ ސަރުކާރު އަދި އައްސަދު ވެސް މެޕުން އަދި ދުނިޔެ އިން ވެސް ފޮހެލާނަން" އޮފިޝަލު ބުންޏެވެ.

މީގެއިތުރުން އިސްރާއީލުގެ ދިފާއީ ވަޒީރު ލީބަމަން ވެސް ވަނީ އިރާނަށް ވަރުގަދަ އިންޒާރެއް ދީފައެވެ.

"ކޮންމެ އަގެއް އަދާކުރަން ޖެހުނަސް ސީރިއާގައި އިރާނުގެ އަސްކަރީ ބާރުގަދަ ކުރަން އަހަރުމެން ފުރުސަތެއް ނުދޭނަން. އަހަރުމެންނަށް މިކަމުގައި އެއްވެސް ޗޮއިސެއް ނެތް" ލީބަމަން ބުންޏެވެ.

އިސްރާއީލުން ހަމަލާއެއް ދީފައިވާ ކަމަށް އިރާނުން ތުހުމަތު ކުރާއިރު މީގެކުރިން ވެސް އިސްރާއީލުން ވަނީ ސީރިއާގެ ބައެއް ހިސާބުތަކަށް ވައިގެ ހަމަލާތަކެއް ދީފައެވެ.

އިރާނުން މިގޮތަށް ތުހުމަތު ކުރި ނަމަވެސް ސީރިއާގެ ސަރުކާރުން އެ ހަމަލާގެ ތުހުމަތު ކުރަނީ އެމެރިކާ އަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙުސައިން މ. މުލި

    ބަލަ އެމެރިކާ އާ އިސްރާއީލަކީ ޓުވިސް ދހެބެންނެއްނު
    ޢ
    އެދެގައުމު މެޕުން ފޮހެލާނެނަމަ ކިހާރަނގަޅު