އަވައްޓެރި ސްރީލަންކާގެ އާ ރައީސަކު ހޮވުމަށް ބާއްވާ ރިޔާސީ އިންތިހާބުގެ ވޯޓުލުން ފަށައިފިއެވެ.

މިއީ ސްރީލަންކާގައި ރައީސަކު ހޮވުމަށް ބާއްވާ އަށް ވަނަ ރިޔާސީ އިންތިހާބެވެ. އެގައުމުގެ ރައީސަކު ހޮވުމަށް ވޯޓުލުން ފަށާފައިވަނީ ލަންކާ ގަޑިން 7:00 ގައެވެ. ވޯޓު ފޮށިތައް ބަންދު ކުރުމަށް ހަމަޖެހިފައިވަނީ ލަންކާ ގަޑިން މިއަދު ހަވީރު 5:00 ގައެވެ. ލަންކާގެ އެކި ހިސާބުތަކުގައި ވޯޓުލުމަށް ހާއްސަކޮށްގެން ވަނީ 12،845 ވޯޓު މަރުކަޒުތައް ގާއިމު ކޮށްފައެވެ.

ސްރީލަންކާގައި މިހާރު ކުރިއަށްދާ ރިޔާސީ އިންތިހާބުގައި ޖުމްލަ 35 ކެނޑިޑޭޓުން ވާދަކުރައްވައެވެ. އަދި މި އިންތިހާބުގައި 16 މިލިއަން މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ.

މިފަހަރު ކުރިއަށްދާ ރިޔާސީ އިންތިހާބުގައި 35 ކެނޑިޑޭޓުން ވާދަކުރައްވާއިރު މީގެ ތެރޭގައި ހިމެނެނީ އެންމެ އަންހެން ކެނޑިޑޭޓެކެވެ. މިއީ، 2010 ވަނަ އަހަރަށްފަހު މިހާ ގިނަ ކެނޑިޑޭޓުން އެޤައުމުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ފުރަތަމަ ފަހަރެވެ. މިއަދުގެ އިންތިހާބުގައި ސްރީލަންކާގެ ކުރީގެ ރައީސް އަދި މިހާރުގެ ރައީސްވެސް ވާދައެއް ނުކުރައްވައެވެ.

މި އިންތިހާބުގައި އެންމެ ނަން ވިދާލާފައިވަނީ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ކޮއްކޯފުޅު ގޯޓާބަޔަ ރާޖަޕަކްސައާއި އެގައުމުގެ ހައުސިންގް މިނިސްޓަރު ސަޖިތު ޕްރޭމަދާސްގެ އިތުރުން އެގައުމުގެ ކޮމިއުނިސްޓް ޕާޓީއެއް ކަމުގައިވާ ޖަނަތާ ވިމުކްތި ޕެރަމުނަ (ޖޭވީޕީ)ގެ ލީޑަރު އަދި ކެންޑިޑޭޓު އަނޫރަ ކުމާރަ ޑިސާނާޔަކަ (އޭކޭޑީ)އެވެ. އަންހެން ބޭފުޅަކަށް ވާދަ ކުރައްވަނީ ސޯޝަލިސްޓް ޕާޓީ އޮފް ސްރީލަަންކާގެ ފަރާތުން ވާދަކުރާ ޑރ. އަޖަންތާ ޕެރޭރާއެވެ.

މިއަދު ކުރިއަށްދާ ސްރީލަންކާގެ ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް މަހިންދަ ރަޖަޕަކްސަގެ ކޮއްކޯފުޅު ވާދަކުރައްވާތީ، ލަންކާގެ ގިނަ މީޑީއާތަކުން އަންނަނީ އޭނާ އެ އިންތިހާބު ކާމިޔާބު ކޮށްފާނެ ކަމަށް ލަފާކުރަމުންނެވެ. އެހެން ނަމަވެސް ޖޭވީޕީގެ ކެނޑިޑޭޓަށްވެސް އިންތިޚާބު ކާމިޔާބު ކުރުމުގެ ފުރުސަތު އޮތް ކަމަށް ގިނަ ބަޔަކު ބުނެއެވެ.