އަވައްޓެރި ސްރީލަންކާގެ ބައެއް ނިކަމެތި އާއިލާތަކަށް އެޤައުމުގެ ރައީސް، މައިތިރިޕާލަ ސިރިސެނާގެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފިއެވެ.

ލަންކާގެ ރައީސް ކަމުން ވަކިވުމުގެ ކުރީން، އެޤައުމުގެ ނިކަމެތީންނަށް އެހީތެރިވުމަށް ސިރިސެނާ ގިނަ ޕްރޮޖެކްޓުތަކެއް ފަށާފައިވާއިރު، އިއްޔެ އެޤައުމުގެ ރިޔާސީ ގަނޑުވަރުގައި އޮތް ރަސްމިއްޔާތެއްގައި، އެއްމާބަނޑު ދެ ކުދިންނާއި އެއްމާބަނޑު ތިން ކުދިން އަދި އެއްމާބަނޑު 4 ކުދިން ތިބި 69 އާއިލާއަކަށް ސިރިސެނާ ވަނީ 1 މިލިއަން ރުޕީސް އާއި 2.5 މިލިއަން ރުޕީސް އާއި ދެމެދުގެ ފައިސާގެ އެހީތެރިކަމެއް ވެދެއްވާފައެވެ.

މީގެ އިތުރުން މިއަހަރުގެ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ސިރިސެނާ ވަނީ އެހީއަށް ބޭނުންވެފައިވާ ކުޑަކުދިންނަށް އެހީތެރިވުމަށް ޚާއްސަ ފަންޑެއްވެސް ހުޅުވައިދެއްވާފައެވެ. މި ފަންޑު ހުޅުވައިދެއްވުމުގެ ގޮތުން ސިރިސެނާ ވަނީ ލަންކާގެ ފަޤީރު ހިސާބުތަކުގެ 12 ހޮސްޕިޓަލަކަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް ނިންމަވާފައެވެ.

މިއަދު ސްރީލަންކާގައި އެޤައުމުގެ ރިޔާސީ އިންތިޚާބު ފަށައިގެން ކުރިޔަށްދާއިރު، ސިރިސެނާގެ ނިމިދިޔަ ފަސް އަހަރުގެ ދައުރުގައި އެޤައުމަށް ކޮށްދެއްވި ކަންކަމުގެ އަގު ވަޒަންކުރުމުގެ ގޮތުން އިއްޔެ ލަންކާގެ ރައީސް އޮފީހުގެ މުވައްޒަފުން ވަނީ ޚާއްސަ ހަރަކާތެއްވެސް ކުރިޔަށް ގެންގޮސްފައެވެ. ސިރިސެނާގެ ރިޔާސީ ދައުރުގައި އޭނާ ވަނީ ލަންކާގެ ނިކަމެތީންނަށް އެހީތެރިވުމުގެ ގިނަ ޕްރޮގްރާމްތަކެއް ކުރިޔަށްގެންދަވާފައެވެ.

މިއަދު ލަންކާގައި ކުރިޔަށްގެންދާ އިންތިޚާބަކީ އެޤައުމުގެ ތާރީޚުގައިވެސް އެންމެ ފާހަގަކޮށްލެވޭ އެއް އިންތިޚާބެވެ. މި އިންތިޚާބުގައި އެގައުމުގެ މިހާރުގެ ރައީސް އާއި ބޮޑު ވަޒީރު ބައިވެރިވެވަޑައިނުގަންނަވާ އިރު، މިއީ 1982 ވަނަ އަހަރަށް ފަހު އެޤައުމުގެ ރައީސުންނާއި ބޮޑުވަޒީރުން އިންތިޚާބުގައި ބައިވެރިވެވަޑައި ނުގަންނަވާ ފުރަތަމަ އިންތިޚާބެވެ.

ސްރީލަންކާގައި މިހާރު ކުރިއަށްދާ ރިޔާސީ އިންތިހާބުގައި ޖުމްލަ 35 ކެނޑިޑޭޓުން ވާދަކުރައްވައެވެ. އަދި މި އިންތިހާބުގައި 16 މިލިއަން މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ.