ފްރާންސްގެ އިރުދެކުނުގެ ސަރަޙައްދަކަށް މިދިޔަ ހަފްތާގެ ތެރޭގައި އައި ބިންހެލުމުގެ ސަބަބުން އެ ސަރަޙައްދުގެ ގިނަ އަދަދެއްގެ އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި އެތައް ހާސް ބަޔަކު ހާލުގައި ޖެހިއްޖެއެވެ.

ނޫސްތައް ބުނާގޮތުގައި މިދިޔަ ހޯމަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އެޤައުމުގެ އަވަށެއް ކަމަށްވާ ލެޓެއިލް އަށް ރެކްޓަރ މިންގަނޑުން 4.8 ގެ ބާރުމިނުގައި އައި ބިންހެލުން، ދިހަ ސިކުންތަށް ދިގުދެމިގެން ދިޔައެވެ. މި ދިހަ ސިކުންތުގެ ތެރޭގައި އެ އަވަށުގެ 250 އަށްވުރެ ގިނަ އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

ފްރާންސަށް އައި މި ބިންހެލުމުގައި ހަތަރު މީހަކަށް އަނިޔާވެފައި ވެއެވެ. އޭގެތެރެއިން އެކެއްގެ ހާލު ސީރިއަސް ކަމަށް ފްރާންސްގެ ނޫސްތަކުގައި ބުނެފައި ވެއެވެ.

އޮފިޝަލުންނާއި ހަވާލާދީ ނޫސްތަކުގައި ބުނެފައިވާ ގޮތުގައި ހޯމަ ދުވަހުގެ ބިންހެލުމުގެ ސަބަބުން 8500 އަށްވުރެ ގިނަ މީހުން ވަނީ ރައްކާތެރި ސަރަޙައްދުތަކަށް ބަދަލުކޮށްފައެވެ. އަދި ބިންހެލުމާއި ގުޅިގެން ވަގުތީ ހިޔާތަކެއް ޤާއިމްކުރެވި އެމީހުން އެތަންތަނަށް ބަދަލު ކުރެވިފައިވާއިރު، ބިންހެލުމުގައި ލިބުނު ގެއްލުންތަކަށްފަހު، އިމާރާތްތައް ރައްކާތެރިކަން ކަށަވަރު ކުރެވެންދެން އެ ސަރަޙައްދަށް އާންމުން ދިޔުންވެސް ވަނީ މަނާކޮށްފައެވެ.

މި ބިންހެލުން އައި ސަރަޙައްދާއި ދުރުނޫން ހިސާބެއްގައި ނިއުކްލިއާ ސްޓޭޝަނެއްވެސް ހިންގަމުން ދިޔައިރު، ބިންހެލުމުގައި އެތަނަށް ގެއްލުމެއް ނުލިބެއެވެ. ނަމަވެސް ރައްކާތެރިކަމަށްޓަކައި މިހާރު އެ ސްޓޭޝަން ހިންގުން ވަގުތީގޮތުން ވަނީ މެދުކަނޑާލާފައެވެ.

ފްރާންސަށް މިދިޔަ ހަފްތާގައި އައި މި ބިންހެލުމާއި ގުޅިގެން އެޤައުމުގެ އެތައް ހާސް ފަޔާފައިޓަރުންނެއް ވަނީ ހަރަކާތްތެރިވާން ފަށާފައެވެ. އަދި ބިންހެލުން އައި ސަރަޙައްދުގެ އިމާރާތްތައް ބަލައި އެތަންތަނުގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ މަސައްކަތް އެފަރާތްތަކުން ދަނީ މެދުކެނޑުމެއް ނެތި ކުރަމުންނެވެ.

ކުދި ބިންހަލުންތަކުގައި މިފަދަ ބޮޑެތި ގެއްލުންތައް ލިބިގެން ދިއުމަކީ މަދުން ނޫނީ ނުހިނގާ ކަމެކެވެ. މިފަދަ ކުދި ބިންހެލުންތައް ދުނިޔޭގެ އެކި ކަންކޮޅުތަކަށް އައުން ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކަންނެލިއޮޑި

    ވިސްނާ ފިކުރު ކުރޭ! ބިންހެލުމުގައި ވީކަމަށް ބުނަނީ 10 ސިކުންތު. ނަމަވެސް ގެއްލުން އިންތިހާއަށް ބޮޑު.

    30
    2