ޕާކިސްތާނަށް ވަރަށް ބޯކޮށް ވިއްސާރަ ކުރަމުން ގެންދާ މި ދުވަސްކޮޅުގައި އެ ގައުމަށް ހޮޅު އަޅައި ގިނަ އަދަދެއްގެ މީހުންގެ ފުރާނަ ގެއްލިއްޖެއެވެ.

އެ ގައުމުގެ ތަރްޕަރްކަރު ޑިސްޓްރިކްޓުގައި ވާރޭ ވެހި، ފެންބޮޑުވެފައި ވާއިރު، ހުއްޓުމެއްނެތި ގުގުރައި ހޮޅުވެސް ވަނީ އަޅާފައެވެ. ހޮޅު އެޅި ވަގުތު 26 މީހެއްގެ ގަޔަށް ހޮޅު އަޅާފައި ވާއިރު، ގިނަ އަދަދެއްގެ ޖަނަވާރުތަކެއްވެސް މިކަމުގެ ސަބަބުން މަރުވެފައި ވާކަމަށް އެ ގައުމުގެ ރިޕޯޓުތައް ބުނެއެވެ.

ޕާކިސްތާނުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިވާ ފަރާތްތަކުން ބުނެފައި ވަނީ ހޮޅު އެޅުމުގެ ސަބަބުން އިތުރު 16 މީހަކަށް ފަރުވާ ދެމުން އަންނަ ކަމަށާއި، އެ ހިސާބުގަނޑުގެ ހާލަތު ވަރަށް ގޯސް ކަމަށެވެ.

އެ ގައުމުގެ މޫސުމާއި ބެހޭ ޤައުމީ އިދާރާ އިން ބުނެފައި ވަނީ މިއީ ހުޅަނގު މޫސުމުގެ ވިއްސާރަ ކުރަމުން ގެންދާ ދުވަސްކޮޅު ކަަމަށާއި މި ކަންތައް ދިމާވަނީ އެހެންވެގެން ކަަމަށެވެ.

ކޮންމެ އަހަރެއްގައިހެން ޕާކިސްތާނުގައި ހޮޅު އަޅައިގެން އެތައް ބައެއްގެ ފުރާނަ ގެއްލިފައި ވެއެވެ.