ސީރިއާގެ މައްސަލައާއި ގުޅިގެން ނިއުކްލިއަރ ހަނގުރާމައެއް ފެށުމުގެ ވަގުތު ކުޑަތަން ވެއްޖެ ކަމަށް ރަޝިއާގެ އަސްކަރީ ޖެނެރަލެއް ވިދާޅުވެއްޖެއެވެ.

ސްކައި ނިއުސް އާއި ވާހަކަ ދައްކަވަމުން ރަޝިއާގެ އަސްކަރީ ޖެނެރަލް އެވްގެނީ ބުޒެސްކީ ވިދާޅުވީ ސީރިއާއަށް ހަމަލާދޭން އެމެރިކާއިން ފޮނުވާ މިސައިލްތަށް ވައްޓާލުމަކީ ރަޝިއާގެ އެންމެ ފަހުގެ ވިސްނުން ކަމަށާއި ސީރިއާ ބިމުގައި ރަޝިއާގެ ލޭ އޮހޮރޭނަމަ އެމެރިކާގެ ލޭ ވެސް އޮހޮރިގެން ދާނެ ކަމަށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ރައްދު ދެމުން ރަޝިޔާގެ ހާރިޖީއްޔާ އިން ބުނީ މިސައިލު ހަމަލާތައް ދޭންވީ ނިރުބަވެރިންނާއި ދެކޮޅަށް ކަމަށާއި ގާނޫނީ ގޮތުން އުފެދިފައިވާ ސީރިޔާގެ ސަރުކާރާއި ދެކޮޅަށް ނޫން ކަމަށެވެ.

"މިސައިލު ހަމަލާތައް ފޮނުވަންވީ ނިރުބަވެރިންނާއި ދިމާލަށް. އެއްވެސް ހާލެއްގައި ސީރިޔާގައި އުފެދިފައިވާ ގާނޫނީ ސަރުކާރާއި ދިމާލަކަށް ނޫން. ނިރުބަވެރިކަމާއި ދެކޮޅަށް ސީރިޔާގެ ސަރުކާރުން މަސައްކަތް ކުރާތާ ގިނަ އަހަރުތަކެއް ވެއްޖެ" ރަޝިޔާގެ ހާރިޖީއްޔާގެ ތަރުޖަމާނު މާރިއާ ޒަހަރޯވާ ބުންޏެވެ.

ރަޝިޔާ އިން މިހެން ބުނެފައި ވަނީ ސީރިއާގެ ސަރުކާރުގެ ބާރުގަދަ ހިސާބުތަކަށް މިސައިލު ހަމަލާތަކެއް ވަރަށް އަވަހަށް ދޭނެކަމުގެ އިންޒާރު ޓްރަމްޕް ވަނިކޮށެވެ.

ނަމަވެސް ރަޝިއާ އިން ވަނީ އެމެރިކާގެ މިސައިލްތައް ވައްޓާލާނެ ކަމަށް ބުނެފައެވެ.

"އެމެރިކާ އިން މިސައިލު ހަމަލާތަކެއް ދީފިނަމަ، އަހަރުމެން އެ ތަކެއް ވައްޓާނަން. އަދި މިސައިލު ހަމަލާ ދޭން ބޭނުންކުރި ތަކެތި ވެސް ނައްތާލާނަން" ލުބްނާނަށް ކަނޑައަޅުއްވާފައި ހުންނަވާ ރަޝިޔާގެ ސަފީރު ވިދާޅުވިއެވެ.

ސީރިޔާގެ ސަރުކާރުގެ ބާރުގަދަ ހިސާބުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އެމެރިކާ އާއި އެހެންވެސް ގައުމުތަކުން ދީފައިމިވަނީ ދާދިފަހުން ސީރިއާގައި އިދިކޮޅު ފަރާތްތަކުން ހިފާފައިވާ ދޫމާއަށް ކެމިކަލް ހަމަލާއެއް ސީރިއާގެ ސަރުކާރަށް ނިސްބަތްވާ ފަރާތްތަކުން ދީފައިވާތީއެވެ.

އެ ހަމަލާގައި 70 މީހަކު މަރުވިއިރު އެ ހަމަލާގައި ކްލޮރިން ގޭހާއި އެއަށް ވުރެ ބާރުގަދަ ގޭހެއް ބޭނުންކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެހަމަލާގައި މަރުވި މީހުންގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަޙުމަދު

    ސާބަހޭ ރަޝިޔާ ސާބަސް، އެމެރިކާ ސައިޒަށް ކަނޑާލާ! އެއީ ދުނިޔެއަށް އޮތް ނުރައްކަލެއް.

  2. އަބްދުއްލާ

    ހަމަލާދީފިނަމަ އެމެރިކާ ސައިޒް ކުރަންވާނެ.

  3. ސާޖިދު

    ރެސްޕެކްޓް އޯލް ފިއަރ ނަން....މަދަރ ރަޝިޔާ..