ޔޫރަޕްގެ ޤައުމެއް ކަމަށްވާ އައިސްލޭންޑަށް ފާއިތުވެދިޔަ ހަތަރުގަޑިއިރު ތެރޭ 25 ލޮޅުން އަތުވެއްޖެއެވެ.

މިއަދި އައިސްލޭނަޑަށް މި ލޮޅުންތައް އަންނާން ފެށީ، ރާއްޖެ ގަޑިން ހަވީރު 4:45 ހާއިރުއެވެ. އޭގެފަހުން މިހާތަނަށް 25 ލޮޅުމެއް އެޤައުމަށް އައިސްފައިވާއިރު މިހާތަނަށް އައިސްފައިވަނީ ކުދި ބިންހެލުންތަކެކެވެ.

ބިންހެލުންތައް މޮނިޓާކުރާ އިދާރާތަކުން ބުނާގޮތުގައި އައިސްލޭންޑަށް ލޮޅުން އަންނަމުން ދަނީ ރެކްޓަރ މިންގަނޑުން 3.0 އާއި 4.6 އާއި ދެމެދުގެ ބާރުމިންތަކުގައެވެ. މިހާތަނަށް މިއަދު އެޤައުމަށް އައި އެންމެ ބާރުގަދަ ލޮޅުމުގެ ބާރުމިން 4.6 އަށް އަރާއިރު، 4.0 ގެ ބާރުމިނުގައިވެސް ގިނަ ލޮޅުންތަކެއް ވަނީ އައިސްފައެވެ.

މިއަދު އައިސްލޭންޑަށް އަންނަމުންދާ ލޮޅުންތަކުގައި މިހާތަނަށް އެޤައުމުގެ އެއްވެސް ހިސާބަކަށް ގެއްލުމެއް ލިބުނުކަމެއް އަދި އެނގިފައެއް ނުވެއެވެ. އަދި މި ލޮޅުންތަކުގައި މީހަކަށް އަނިޔާއެއް ލިބިގެންވެސް ރިޕޯޓްކޮށްފައެއް ނުވެއެވެ.

އައިސްލޭންޑަށް މިއަދު ހަވީރުން ފެށިގެން ހުއްޓުމެއް ނެތި މިގޮތަށް ލޮޅުންތައް އަންނަމުން ދަނީ ކީއްވެ ކަމެއް އަދި އެނގިފައެއް ނުވެއެވެ. ނަމަވެސް މިފަދަ ކުދި ލޮޅުންތަކަކީ ބޮޑު ބިންހެލުމެއް އަންނާން އުޅޭކަމުގެ ނިޝާން ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

އައިސްލޭންޑަށް އާދަޔާއި ޚިލާފަށް ކުއްލިއަކަށް ގިނަ އަދަދެއްގެ ލޮޅުންތައް އަންނަމުންދާއިރު، މިދިޔަ ހަފްތާގައި ފްރާންސްގެ އިރުދެކުނު ސަރަޙައްދެއްގައި އޮންނަ އަވަށަކަށްވެސް އާދަޔާއި ޚިލާފު ގޮތަކަށް ބިންހެލުމެއް އައިސްފައި ވެއެވެ. ދިހަ ސިކުންތަ ދެމިގެންދިޔަ އެ ބިންހެލުމުގެ ބާރުމިން ރެކްޓާރ މިންގަނޑުން 4.8 އަށް އެރިއިރު، ބިންހެލުމުގައި 250 އިމާރާތަކަށް ބޮޑެތި ގެއްލުން ލިބި އެތައް ހާސް ބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަލުވާން ޖެހުނެވެ.

ކުދި ބިންހަލުންތަކުގައި މިފަދަ ބޮޑެތި ގެއްލުންތައް ލިބިގެން ދިއުމަކީ މަދުން ނޫނީ ނުހިނގާ ކަމެކެވެ. މިފަދަ ކުދި ބިންހެލުންތައް ދުނިޔޭގެ އެކި ކަންކޮޅުތަކަށް އައުން ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައެވެ.