އެމެރިކާއަށް ދިޔަ ދަރިވަރަކު ހަނގުރާމަވެރި ޖަމާޢަތަކާއި ގުޅުން އޮންނަ ކަމަށް ބުނެ ހައްޔަރުކޮށްފިއެވެ.

ނޫސްތައް ބުނާގޮތުގައި މި މައްސަލައިގައި އެމެރިކާއިން ހައްޔަރުކޮށްފައިވަނީ ޔަމަނަށް ނިސްބަތްވާ ދަރިވަރެކެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ، އެމެރިކާގެ އެފްބީއައި އިން ތިން އަހަރު ދުވަހުގެ މުއްދަތަކަށް ކުރިޔަށްގެންދިޔަ ތަހުޤީޤަކަށްފަހު ކަމަށް އެމެރިކާގެ އިދާރާތަކުން ނޫސްތަކުގައި ބުނެފައި ވެއެވެ.

އޮފިޝަލުން ބުނާގޮތުގައި އުމުރުން 25 އަހަރުގެ އެ ޒުވާނާ ހައްޔަރުކޮށްފައި ވަނީ، އީރާނުގައި ހަރަކާތްތެރިވާ ހޫތީ ހަނގުރާމަވެރިންނާއި ގުޅުން އޮތް ކަމަށް ބުނެއެވެ. އޭނާ ހައްޔަރުކުރީ އެމެރިކާގެ ޕެންސީލްވޭނިއާގެ ސިޓީއެއް ކަމަށްވާ އަލްޓޫނާގައި އޭނާ ދިރިއުޅޭ ގެއިންނެވެ. އޭނާއަކީ 2014 ވަނަ އަހަރުން ފަށައިގެން އެމެރިކާގެ ޔުނިވާސިޓީއެއްގައި ކިޔަވަމުންދާ ދަރިވަރެއް ކަމަށް ނޫސްތައް ބުނެއެވެ.

އެމެރިކާގެ އެފްބީއައި އިން ބުނެފައިވާ ގޮތުގައި، އެ އިދާރާއިން އެ ޒުވާނާގެ ހަރަކާތްތައް ބަލައި ތަހުޤީޤެއް ކުރިޔަށްގެންދިޔައީ، އޭނާ ތައުލީމު ހާސިލްކުރަމުންދިޔަ ޑްރެކްސެލް ޔުނިވާސިޓީން ހުށަހެޅި މައްސަލައަކާއި ގުޅިގެންނެވެ. އެ އިދާރާއިން ބުނިގޮތުގައި، ޔުނިވާސިޓީން ހުށަހެޅީ، އެ ޒުވާނާ މީސްމީޑިއާ މެދުވެރިކޮށް އާންމުކޮށްފައިވާ ފޮޓޯތަކާއި ޕޯސްޓުތަކެއްގެ މައްސަލައެވެ.

އޮފިޝަލުން ބުނެފައިވާ ގޮތުގައި، އޭނާ އާންމުކުރި ފޮޓޯތަކުގެ ތެރޭގައި، ހަނގުރާމަވެރިންނާއެކު އޭނާ ހުންނަ މަންޒަރު ފެންނަ ފޮޓޯއެއްވެސް ހިމެނެއެވެ. އެ ފޮޓޯގައި އިތުރު ހަނގުރާމަވެރިންތަކަކާއި އެކު އޭނާ ހުރީ ބަޑިއެއްވެސް ހިފައިގެން ކަމަށް ވެއެވެ.

މި މައްސަލައިގައި އޭނާއަށް ދައުވާ ކުރުމަށް އެމެރިކާގެ ކަމާއިބެހޭ އިދާރާތަކުން މިހާރު ތައްޔާރުވަމުންދާއިރު، މައްސަލަ އާއި ގުޅުންހުރި ތަހުޤީޤުތައް ކުރިޔަށްގެންދާ ކަމަށް އެފަރާތުން ވަނީ ހާމަކޮށްފައެވެ. އިދާރާތަކުން ބުނެފައިވާ ގޮތުގައި އެ ޒުވާނާއަކީ ހަނގުރާމަވެރިންގެ ތަމްރީނުތައްވެސް ހަދާފައިވާ މީހެކެވެ. އެހެންކަމުން އޭނާއަކީ މުޖުތަމަޢަށް ނުރައްކަލެއް ކުރިމަތިކުރުވަފާނެ މީހެއް ކަމަށް އެފަރާތްތަކުން ވަނީ ނިންމާފައެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވާ ޒުވާނާއަށް ކުރާ ތުހުމަތުތައް އޭނާ ދޮގުކުރެއެވެ. ނަމަވެސް އޮފިޝަލުން ބުނެފައިވަނީ އެ ތުހުމަތުތަކަށް އެކަށީގެންވާ މިންވަރަށް އެފްބީއައި އިން ހެކި ހޯދާފައިވާ ކަމަށެވެ.