އެމެރިކާގެ މައިކްރޮސޮފްޓް ކުންފުނީގެ ބާނީ، ބިލް ގޭޓްސް، 2 އަހަރު ފަހުން އަނެއްކާވެސް ދުނިޔޭގެ އެންމެ މުއްސަނދިމީހާގެ ޝަރަފް ހޯދައިފިއެވެ.

'ބްލޫމްބާގް ބިލިއަނަރ އިންޑެކްސް' އިން ދައްކާ ގޮތުން، ހުކުރު ދުވަހާ ހަމަޔަށް، ބިލް ގޭޓްސްގެ މުއްސަނދިކަން ވަނީ އެމޭޒަން ކުންފުނީގެ ވެރިޔާ، ޖެފް ބެޒޮސް އަށްވުރެ މައްޗަށް ޖެހިލާފައެވެ. މީގެ ކުރިން ގިނަ އަހަރުތަކެއް ވަންދެން އެންމެ މުއްސަނދި މީހާގެ ގޮތުގައި އޮތުމަށްފަހު، މީގެ 2 އަހަރު ކުރިން ބިލް ގޭޓްސް ފަހަތަށް ޖެއްސީ ބެޒޮސް އެވެ. ބިލް ގޭޓްސްގެ މިލްކިއްޔާތުގައި މިހާރު 110 ބިލިއަން އެމެރިކާ ޑޮލަރު ހުރިއިރު، ޖެފް ބެޒޮސްގެ މިލްކިއްޔާތުގައި ހުރީ 109 ބިލިއަން ޑޮލަރެވެ.

ބިލް ގޭޓްސްގެ މުއްސަނދިކަން އިތުރުވެފައި މިވަނީ މިއަހަރުގެ ތެރޭގައި މައިކްރޮސޮފްޓް ކުންފުނީގެ ހިއްސާގެ އަގު ރިކޯޑް މިންވަރަކަށް މައްޗަށް ޖެހިފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން، މައިކްރޮސޮފްޓްގެ ހިއްސާގެ އަގުވަނީ މިއަހަރުގެ މިހާތަނަށް 48 އިންސައްތަ މައްޗަށް ޖެހިލާފައެވެ. އެ ކުންފުނިން ވަނީ ދާދި ފަހުންވެސް 485 މިލިއަން ޑޮލަރުގެ ފައިދާއެއް ލިބިފައިވާ ކަން އިއުލާންކޮށްފައެވެ.

މައިކްރޮސޮފްޓް އިން ވަނީ އެމޭޒަން ފަހަތަށް ޖައްސާލުމަށްފަހު، ވަރަށް ފަހުން، އެމެރިކާގެ އަސްކަރީ ހެޑްކުއާޓާ، ޕެންޓަގަން އާއެކު 10 ބިލިއަން ޑޮލަރުގެ 'ކްލައުޑް ކޮމްޕިއުޓިންގ' އެއްބަސްވުމެއްގައި ވެސް ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން ޕެންޓަގަންގެ އަސްކަރީ މަޢުލޫމާތުތައް ރައްކާތެރިކުރުމާއި، ޕެންޓަގަން އަށް ބޭނުންވާ އެންމެ ފަހުގެ ޓެކްނޮލޮޖީ ފޯރުކޮށްދިނުމުގެ ޒިންމާ، 10 އަހަރުގެ މުއްދަތަކަށް މައިކްރޮސޮފްޓް ކުންފުނިން ވަނީ ހަވާލުވެފައެވެ.

އެމޭޒަން ކުންފުނީގެ ވެރިޔާ، ޖެފް ބެޒޮސް ވަނީ މިއަހަރުގެ ތެރޭގައި އޭނާގެ އަނބިމީހާ، މެކެންޒީ ވަރިކޮށްފައެވެ. އޭގެ ސަބަބުން އެމޭޒަންގައި ބެޒޮސްގެ ހިއްސާ އިން މެކެންޒީ އަށް 25 އިންސައްތަ ލިބިގެން ދާނެއެވެ. މެކެންޒީގެ މިލްކިއްޔާތުގައި މިހާރު 35 ބިލިއަން ޑޮލަރު ހުންނާނެ ކަމަށް ވަނީ އަންދާޒާކުރެވިފައެވެ.

ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ލިސްޓުގެ ތިންވަނައިގައި މިވަގުތު އޮތީ 103 ބިލިއަން އެމެރިކާ ޑޮލަރާއެކު، ފަރަންސޭސި ބިލިއަނަރު ބަނާޑް އަނޯލްޓް އެވެ. މި ލިސްޓުގެ ހަތަރު ވަނައިގައި، އެމެރިކާގެ ވޯރެން ބުފެޓް އޮތީ މިލްކިއްޔާތުގައި ހުރި 103 ބިލިއަން ޑޮލަރާއެކުގައެވެ. ފޭސްބުކްގެ ބާނީ، މާރކް ޒަކަރބާގް އޮތީ 74.5 ބިލިއަން އެމެރިކާ ޑޮލަރާއެކު މި ލިސްޓުގެ ފަސް ވަނައިގައެވެ.

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ ޝަރަފް އަނެއްކާވެސް ބިލް ގޭޓްސް އަށް ލިބުމަކީ އެއީ ޙައިރާންވާން ޖެހޭ ކަމެއް ނޫނެވެ. އޭނާގެ ދުރުރާސްތާ ވިސްނުމާއެކު، މައިކްރޮސޮފްޓް ކުންފުނި އޮތީ ޓެކްނޮލޮޖީގެ ދާއިރާގައި މާ ބޮޑަށްވެސް އުހުގައެވެ. ބިލް ގޭޓްސް އަކީ އޭނާގެ މުއްސަނދި ކަމުން، ބޭނުންޖެހިފައިވާ މީހުންނާ ހިއްސާކުރާ ދީލަތި މީހެކެވެ. އޭނާގެ ޗެރިޓީން ކޮންމެ އަހަރަކުވެސް އެތައް ބިލިއަން ޑޮލަރެއް އެހީއަށް ބޭނުންވެފައިވާ މީހުންނަށް ހަދިޔާކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މިކްސްފުރުޓް ތަގް ލައިފް

    ބިލް ގެ ރަނގަޅުކަމުންނޭ އަހަރުމެނަށް ވިންޑޯސް 10 އާއި އެކްބޮކްސް 1 ބޭނުންކުރެވެނީ. ވިންޑޯސް 10 އާއި ވިންޑޯސް ގެ އެކި އެކި ޕްރޮޑަކްޓް ތައް ބޭނުން ކުރާ މީހުން މިވަނީ ބިލިއަނައް އަރާފަ. މިކަމުން ވެސް ދޭހަވެގެންދޭ ބިލް އަކީ މިހާރުގެ ދުނިޔޭގެ ހަޤީޤީ މަހުޖަނުކަން!... ކައިލީ ބިލިއަނަރަކަށް ވިޔަސް އަހަރުމެންގެ ބިލް ގޭޓްސް ބުރޯ އައްތުރެ މާމައްޗަކައް ކައިލީ އަކައް ނޭރޭނެ! ވާނެކަމެއްނޫން!

    24
    4