ހައްދުފަހަނައަޅާފައިވާ އިސްރާއިލް އަސްކަރިއްޔާއިން، ފަލަސްތީނުގެ ކުށެއް ނެތް ކުޑަކުދިން މަރާގޮތް ދައްކާ، އެކުދިންގެ މަރު ސިއްރުކުރާ ގޮތް ދައްކާ ފިލްމު "ފޮކްސްޓްރޮޓް"، ޕެރިހުގައި ބާއްވާ ދުނިޔޭގެ އެންމެ ބޮޑު އެއް ފިލްމު ފެސްޓިވަލުގައި ދައްކާތީ، އެޤައުމުން އެފެސްޓިވަލް ބޮއިކޮޓްކޮށްފިއެވެ.

ބައިނަލްއަޤުވާމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނެފައިވާ ގޮތުގައި، އަންނަ މާޗު މަހުގެ 13 ވަނަ ދުވަހު، ފިލްމު ފެސްޓިވަލް ފެށުމުގެ ރަސްމިއްޔާތު ބޭއްވުމަށް ނިންމާފައިވާއިރު، އެރަސްމިއްޔާތުގައި ޕެރިހުގައި ހުންނަ އިސްރާއިލް އެމްބަސީން ބައިވެރި ނުވާނެކަން މިހާރުވަނީ އަންގާފައެވެ.

އިސްރާއިލްގެ ނޫހެއްކަމަށްވާ "ޓައިމްސް އޮފް އިޒްރޭލް" އާ ހަވާލާދީ އެހެން ބައެއް ނޫސްތަކުން ބުނެފައިވާގޮތުގައި، އެމްބަސީން އެގޮތަށް ނިންމީ އެޤައުމުގެ ފޮރިން މިނިސްޓްރީން އެންގުމުންކަމަށެވެ.

ފެސްޓިވަލް ބޮއިކޮޓް ކުރުމަށްފަހު ޔަހޫދީ ޒަޔަނިސްޓް ދަޢުލަތުގެ އެމްބަސީން ބުނެފައިވަނީ އެގޮތަށް ނިންމާފައިވަނީ، ފެސްޓިވަލުގައި ގިނަ އަދަދެއްގެ ޔަހޫދީންވެސް ބައިވެރިވާއިރު، އެކަމުން އެފަރާތްތަކަށް "ގެއްލުމެއް" ވެދާނެތީކަމަށެވެ.

މި ފެސްޓިވަލުގައި އިޒްރޭލު ތަމްސީލު ކުރާ ފިލްމަކީވެސް "ފޮކްސްޓްރޮޓް" އެވެ.

ކިޔުންތެރިންގެ ހިޔާލު