ފަލަސްތީންގެ އިސްލާމިކް ޖިހާދުން އަލަށް އުފެއްދި ރޮކެޓަކުން އިސްރާއީލަށް ހަމަލާ ދިނުމާއި އެކު އިސްރާއީލަށް ބޮޑު ސިހުމެއް ލިބިއްޖެއެވެ.

އިސްރާއީލަށް ބޮޑު ސިހުމެއް ލިބުނީ އިސްލާމިކް ޖިހާދުން އުފެއްދި މި ރޮކެޓްގެ ބާރު މާގަދަ ވުމުންނެވެ. ފަލަސްތީންގެ ޖަމާޢަތަކަށް މިފެންވަރުގެ ރޮކެޓެއް އުފެއްދިދާނެ ކަމަށް އިސްރާއީލުން ލަފައެއް ނުކުރެއެވެ.

އިސްރާއީލްގެ މީޑިއާތަކުން ބުނާ ގޮތުގައި އިސްލާމިކް ޖިހާދުން އަލަށް އުފެއްދި ރޮކެޓެއް މިދިޔަ ހަފްތާގައި އިސްރާއީލަށް ފޮނުވާލާފައި ވާއިރު އެ ރޮކެޓްގައި 300 ކިލޯގްރާމްގެ ގޮވާތަކެތި ހުރިކަމަށެވެ. މި ރޮކެޓް އަމާޒުވި އިސްރާއީލްގެ ސަރަހައްދުގައި 52 ފޫޓް ވަށަމިނުގައި ހަ ފޫޓް ފުން ވަޅުގަނޑެއް ހެދުނެވެ.

މިއީ ހަނގުރާމަވެރި އެހެން އެއްވެސް ޖަމާޢަތްތަކުން މީގެ ކުރިން ނުއުފައްދާ ވަރުގެ ހަތިޔާރެއް ކަމަށާއި މީގެ ކުރިން އެއްވެސް ޖަމާޢަތެއްގެ އަތުގައި މިހައި ގިނަ އަދަދެއްގެ ގޮވާތަކެތިން ތައްޔާރުކުރި ހަތިޔާރެއް ހުރިކަން އެނގިފައި ނުވާކަމަށް ވެސް އިސްރާއީލުން ބުނެއެވެ.

ރޮކެޓްގެ ބާރުގަދަވުމުން މިހާރު ވެސް އިސްރާއީލްގެ ތުހުމަތު ވަނީ އީރާނަށް އަމާޒުވެފައެވެ. އިސްރާއީލުން ބުނާ ގޮތުގައި އިސްލާމިކް ޖިހާދުން ރޮކެޓް ތައްޔާރުކޮށްފައި ވަނީ އީރާނުން ފޯރުކޮށްދިން ތަކެތި ބޭނުންކޮށްގެން އަދި އީރާނުގެ އިންޖިނިއަރުން ދިން މައުލޫމާތުގެ އަލީގައެވެ.

"އިސްލާމިކް ޖިހާދުގެ ބާރު ހަމާސް އަށް ވުރެ ގަދަ. އިސްލާމިކް ޖިހާދުން ވަނީ ޓެކްނިކަލް ގޮތުން ބޮޑެތި ކާމިޔާބީތަކެއް ހޯދާފައި. މިކާމިޔާބީތައް އެޖަމާޢަތައް ލިބެނީ އީރާންގެ ސަބަބުން. އީރާނުން އިސްލާމިކް ޖިހާދަށް އެތައް މިލިއަން ޑޮލަރެއްގެ އެހީތައް ދަނީ ލިބެމުން." އިސްރާއީލްގެ އޮފިޝަލަކު ބުންޏެވެ.

މިދިޔަ ހަފްތާގެ އަންގާރަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހާއި ހަމައަށް ޣައްޒާ އިން ވަނީ އިސްރާއީލަށް 450 އަށް ވުރެ ގިނަ ރޮކެޓް ފޮނުވާލާފައެވެ.

އިސްރާއީލުން މިދިޔަ ހަފްތާގައި ޣައްޒާއަށް ދިން ހަމަލާތަކުގައި 34 މީހުން ޝަހީދުވިއެވެ. އޭގެތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.

ކިޔުންތެރިންގެ ހިޔާލު