ޔަމަންގައި ޙަރަކާތްތެރިވާ ނިރުބަވެރި ހަނގުރާމަވެރި ޖަމާޢަތެއް ކަމަށްވާ ހޫތީން، ސައުދީގެ ވެރިރަށް ރިޔާދަށް މިސައިލް ޙަމަލާއެއް ދީފިއެވެ.

ރިޕޯޓްތައް ބުނާގޮތުގައި ހޫތީ ހަނގުރާމަވެރިން ރިޔާދަށް ފޮނުވާލީ ބްލާސްޓިކް މިސައިލެކެވެ. މި މިސައިލް ސައުދީގެ އެއްވެސް ސަރަޙައްދެއްގައި ޖެހުމުގެ ކުރިން އެޤައުމުގެ ވައިގެ ސަރަޙައްދު ބަލަހައްޓާ އިދާރާ، "ސައުދީ އެންޓި-ޑިފެންސް މިސައިލްއިން" ވަނީ ވައްޓާލާފައެވެ.

މީޑިޔާ ރިޕޯޓްތަށް ބުނާގޮތުން މި މިސައިލް ވައްޓާލާފައި ވަނީ އެޤައުމުގެ ވެރިރަށް ކަމުގައިވާ ރިޔާދްގެ މަތިން ދަތުރު ކުރަމުންދަނިކޮށެވެ.

މި ޙަމަލާގެ ޒިންމާ ހޫތީން ނަގާފައިވާއިރު، އެ ޖަމާޢަތުންން ހިންގާ ޓީވީ ޗެނަލަކުން ބުނެފައިވަނީ މިސައިލް އަމާޒުކުރީ ސައުދީގެ ސަލާމަތާއި ބެހޭ ވުޒާރާއަށް ކަމަށެވެ. މިއަދު ފޮނުވާލި މިސައިލް ސައުދީގެ ވައިގެ ސަރަޙައްދުން 800 ކިލޯމީޓަރަށް ދަތުރުކޮށްފައިވާކަމަށް ވެސް އެ ޗެނަލުން ވަނީ ރިޕޯޓުކޮށްފައެވެ.

މި ޙަމަލާ ދީފައި މިވަނީ، ސައުދީއަށް އަމާޒުކޮށް ޙަމަލާދޭނެ ކަމުގެ އިންޒާރު މީގެ ކުރިން ހޫތީން ދީފައިވަނިކޮށެވެ. އެގޮތުން މިއަހަރު ވެގެންދާނީ "ބްލާސްޓިކް މިސައިލްގެ އަހަރަކަށް" ކަމަށް ސައުދީއަށް އިންޒާރު ދެމުން އެ ޖަމާޢަތުން ބުނެފައިވެއެވެ.

ސައުދީއަށް އަމާޒުކޮށް މިދިޔަ އަހަރުން ފެށިގެން ގިނަ މިސައިލް ހަމަލާތަކެއް ދޭތެރެ ދޭތެރެއިން ދެމުންދާއިރު، ސައުދީ އިން ދަނީ ކޮންމެ ފަހަރަކުވެސް މިސައިލް އަމާޒަށް ވާސިލް ވުމުގެ ކުރިން ވައްޓާލަމުންނެވެ.

ސައުދީގެ ކަމާއި ބެހޭ ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި ހޫތީ ހަނގުރާމަވެރިންނަށް ސައުދީ އާއި ދެކޮޅަށް ޙަމަލާ ދިނުމަށް ހަތިޔާރު ފޯރުކޮށްދެމުން ދަނީ އެ ޖަމާޢަތަށް ވާގިވެރިވާ އީރާނުންނެވެ. ނަމަވެސް އެޤައުމުން ދަނީ އެކަން ދޮގު ކުރަމުންނެވެ.