ތެލުގެ އަގުބޮޑުވުމުގެ ސަބަބުން މިދިޔަ ހުކުރު ދުވަހުން ފެށިގެން އީރާނުގެ އެކި ހިސާބުތަކުގައި އެޤައުމުގެ ސަރުކާރާ ދެކޮޅަށް ރައްޔިތުން ކުރަމުންދާ މުޒާހަރާތަކުގައި މިހާތަނަށް 100 އަށްވުރެ ގިނަ މީހުން މަރާލާފައިވާ ކަމަށް ބައިނަލްއަޤްވާމީ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާޢަތް، އެމްނެސްޓީ އިންޓަނޭޝަނަލް އިން ހާމަކޮށްފިއެވެ.

އެމްނެސްޓީ އިންޓަނޭޝަނަލް އިން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މުޒާހަރާތައް ކޮންޓްރޯލް ކުރަން ސިފައިން، އާއްމުންނާ ދެކޮޅަށް ބޭނުންކުރަން ނުޖެހޭ ބާރުގެ ބޭނުން ކުރަމުންދާ ކަމަށާއި މިހާތަނަށް މުޒާހަރާތަކުގައި 106 މީހުން މަރުވެފައިވާ ކަމަށެވެ. "އިތުބާރުހިފޭ މަސްދަރުތަކުން މަޢުލޫމާތު ލިބިފައިވަނީ މިހާތަނަށް އީރާނުގެ 21 ސިޓީ އަކުން 106 މީހަކު މަރުވެފައިވާ ކަމަށް. މުޒާހަރާތަކުގައި މަރުވާ މީހުންގެ އަސްލު އަދަދު މިއަށްވުރެވެސް ބޮޑަށް އިތުރުވުމަކީ އެކަށީގެންވާ ކަމެއް." އެ ޖަމިއްޔާގެ ބަޔާނުގައި ބުނެފައިވެއެވެ.

އެމްނެސްޓީ އިން އީރާނުގެ ކަންތައް ދިރާސާކުރާ، ރަހާ ބެހްރީނީ ބުނީ އެމްނެސްޓީގެ އަދަދުތަކަކީ ސައްހަ އަދަދުތަކެއް ކަމަށާއި، އެ މަޢުލޫމާތަކީ މުޒާހަރާ ކުރާ ފަރާތްތަކާއި، އެމީހުންގެ އާއިލާގެ މީހުންގެ އިތުރުން، އީރާނުގެ ނޫސްތަކާއި، އެޤައުމުގައި ޙަރަކާތްތެރިވާ ބޭރުގެ މީޑިއާތަކުން ލިބޭ މަޢުލޫމާތަށް ބިނާކޮށް މިހާތަނަށް އެނގިފައިވާ އަދަދު ކަމަށެވެ. އަދި ޤާނޫނުތަކުން ބޭރުން އެޤައުމުގައި ރައްޔިތުން "މަރަމުންދާ" ކަމަށް އޭނާ ބުންޏެވެ.

"އަހަރެމެންނަށް މަޢުލޫމާތު ލިބޭ ގޮތުން އީރާނުގެ ސެކިއުރިޓީ އޮފިސަރުން ދަނީ މަރުވެފައިވާ މީހުންގެ ހަށިތައްވެސް ހަވާލުކުރަން ދެކޮޅު ހަދަމުން، ނޫނީ އެމީހުންގެ ހަށިތައް އަވަސް އަރުވާލާފައި، އާއިލާގެ މީހުންނަށް އެމީހުންގެ އޮޓޮޕްސީ ހެދުމުގެ ފުރުސަތުވެސް ނުދީ ވަޅުލަމުން. މިއީ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި، މުޢާހަދާތަކާއި މުޅިން ޙިލާފަށް އީރާނުން ކުރަމުންދާ ކަމެއް." ރަހާ ބުންޏެވެ.

ބޭރު ދުނިޔޭގެ ޚަބަރުތައް ގެނެސްދޭ އެންމެ އިތުބާރު އެއް މީޑިއާ، އަލް ޖަޒީރާ އިން ރިޕޯޓު ކޮށްފައިވާ ގޮތުން މިހާތަނަށް އީރާނުގެ ސަރުކާރާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކާ ގުޅިގެން ސިފައިންގެ 5 މީހަކާއި، އާއްމުންގެ 6 މީހަކު ވަނީ މަރުވެފައެވެ. އީރާނުގެ ކަމާބެހޭ ފަރާތްތަކުން މިކަމާ ގުޅިގެން ރަސްމީ ގޮތެއްގައި އެއްވެސް މަޢުލޫމާތެއް ދީފައެއް ނުވެއެވެ.

މިދިޔަ ހުކުރު ދުވަހުން ފެށިގެން އީރާނުގައި މުޒާހަރާތައް ކުރަމުން ދަނީ އެޤައުމުގެ ސަރުކާރުން ތެލުގެ ސަބްސިޑީޒް ކަނޑާލަން ނިންމުމާ ގުޅިގެން ތެލުގެ އަގު 50 އިންސައްތަ އަށްވުރެ މަތިވެފައި ވާތީއެވެ. އީރާނުގެ ރައީސް، ހަސަން ރޫހާނީ ވިދާޅުވީ ތެލުގެ ސަބްސިޑީޒް ކަނޑައިގެން، ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން ސަރުކާރަށް އިތުރަށް ލިބޭ ފައިސާ ޚަރަދު ކުރައްވާނީ ފަޤީރު އާއިލާތަކަށް ސަބްސިޑީޒް ދިނުމަށް ކަމަށެވެ. މި ނިންމުމާ ދެކޮޅު ހެދުމުގެ ގޮތުން އެޤައުމުގެ އެކި ކަންކޮޅުތަކުގެ ރައްޔިތުން ދަނީ ސަރުކާރާ ދެކޮޅަށް ވަރުގަދަ މުޒާހަރާތަކެއް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޤަބީލާ

    އަމިއްލަ ބިމުން ، ކަނޑުން ލޮނުނަގާބީދައިން ނެގެންހުރި އެއްޗެއް އެބިމުގެ އަޞްލު ރައްޔިތުންނަށް ބޮޑު އަގުގައި ވިއްކަން ހެޔޮވެދާނޭ ހެއްޔެވެ؟ މީގެ ކުރިން އަހުރެން ހީކޮށްގެން މިހުރީ އަލަށް ބޮޑު ތެޔޮވަޅު ފެނުމުން ރައްޔިތުންނަށް ހިލޭ ތެޔޮ ދޭނޭކަމަށެވެ.

    2
    10
    • ބާބޫ

      ބުރޯ، އީރާން އާ ދެކޮޅައް އިގްތިސާދީ ފިޔަވަޅު އަޅާފަ އޮންންތާ 40 އަހަރު ތީ ވާނުވާ ނުއެގޭ ވިސްނުން.

      12
    • ގަޅިބާ

      ޤަބީލާ! ހުޅަނގަށް ގޮސް ހުސްނުވާށެވެ. އެމީހުންނާއި އެމީހުންގެ މީޑިއާދައްކާހާ، ކިޔާހާ ވާހަކައަކީ ތެދެއްނޫނެވެ. ޔޫއެސް ޑޮލަރަށް ތަބާވެ ގައުމުގަ ސެންޓްރަލް ބޭންކެއް ނުހުޅުވާ ކޮންމެގައުމަކީ ޓެރަރިސްޓް ގައުމެކެވެ. އީރާންވެސް މާދަމާ ސެންޓްރަލް ބޭންކެއް ހުޅުވާފަ ވޯލްޑްބޭންކް އަށް ދެރީމަ އެމެރިކާނުން ހެޕީވާނެއެވެ. އެކަންނުވެގެން މުޅިދުނިޔެ ނުކެވިގެން އުޅޭބައިގަނޑު ރަނގަޅަށް ދަންނާށެވެ. ފަހުޒަމާނަކީ ބޮޑު އޮޅުވާލުމެކެވެ. ބުއްދީގެ އަހުލުވެރިންގެ ތެރެއިންވޭތޯ ދުއާކުރާށެވެ. ނޫނީ ދެދުނިޔެއިން ގެއްލިދާނެއެވެ. ޝުކުރިއްޔާ

      11
      1