ހައްދުފަހަނަ އަޅާފައިވާ އިސްރާއީލް ސިފައިން ރޭ ދަންވަރުގެ ވަގުތެއްގައި ސީރިއާ އަށް ދިން ވައިގެ ހަމަލާތަކެއްގައި އެ ޤައުމުގެ ކުށެއްނެތް 2 މީހަކު ނިޔާވެ، އެތައް ބަޔަކު ޒަޚަމްވެއްޖެއެވެ.

ސީރިއާގެ ދަޢުލަތުގެ ޓީވީ، 'ސަނާ' އިން މަޢުލޫމާތު ދިން ގޮތުގައި ބުދަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ދިމިޝްކުގެ އަވަށެއް ކަމަށްވާ ސަސާގެ ގެޔަކަށް މިސައިލްގެ ހަމަލާ އަމާޒުވެ، އެގޭ އެއްކޮށް ބިމާ ހަމަވެ، އާއްމުންގެ 2 މީހަކު ވަނީ ނިޔާވެފައެވެ. އެ ހަމަލާތަކުގައި މަދުވެގެން 3 މީހަކު ޒަޚަމްވެގެން ހޮސްޕިޓަލުގައި ފަރުވާދެމުންވެސް އެބަގެންދެއެވެ.

އިސްރާއީލުން ދިން ހަމަލާތަކާއި ގުޅިގެން ބުނީ އެމީހުން ހަމަލާދިނީ ސީރިއާގައި ހުރި އީރާނާއި އަދި ސީރިއާގެ އަސްކަރީ މަރުކަޒުތަކަކަށް ކަމަށެވެ. އަދި އެ ހަމަލާއަކީ އަންގާރަ ދުވަހު އިސްރާއީލަށް ރޮކެޓު ހަމަލާތައް ދިނުމަށް އެ މަރުކަޒުތައް ބޭނުންކޮށްފައިވާތީ، ބަދަލްހިފުމުގެ ގޮތުން ދީފައިވާ ހަމަލާތަކެއް ކަމަށެވެ. ސީރިއާގެ ދިފާޢީ ބާރުތަކުން ރޭ އިސްރާއީލުން ފޮނުވާލި ގިނަ މިސައިލް ހަމަލާތަކެއް ނާކާމިޔާބު ކޮށްލާފައިވާ ކަމަށް ބޭރުގެ ބައެއް މީޑިއާތަކުން މަޢުލޫމާތު ލިބެއެވެ.

އިސްރާއީލް އަސްކަރިއްޔާގެ ތަރުޖަމާނު އަވިޗޭ އަދްރާއީ ބުނީ އެމީހުންގެ ފައިޓާ ޖެޓްތަކުން ރޭ ސީރިއާގެ ގިނަ އަމާޒުތަކަށް ހަމަލާދީފައިވާ ކަމަށެވެ. އަންގާރަ ދުވަހު ސީރިއާގެ ބައެއް ތަންތަނުން އިސްރާއީލަށް ފޮނުވާލި 4 ރޮކެޓް ހަމަލާއެއް ނާކާމިޔާބުކޮށްލާފައިވާ ކަމަށް އިސްރާއީލުން ބުނެއެވެ. އީރާނުން ސީރިއާގައި ޙަރަކާތްތެރިވަމުންދާ ދިޔުމާއި ދެކޮޅަށް އިސްރާއީލުން އަޅަން ޖެހުނު ފިޔަވަޅެއް އަޅާނެ ކަމަށް އިސްރާއީލްގެ އަސްކަރިއްޔާއިން ހާމަކުރިއެވެ.

ހައްދުފަހަނައަޅާފައިވާ އިސްރާއީލްގެ ހަމަލާގެ ސަބަބުން މިހާތަނަށް އީރާނުން ރަސްމީކޮށް ބަޔާނެއް ނެރެފައެއް ނުވެއެވެ. ނަމަވެސް، ރަޝިއާ އިން މިހާރު ވަނީ އެ ހަމަލާތައް ކުށްވެރިކޮށްފައެވެ. އިސްރާއީލުން ހަމަލާދީފައިވަނީ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި މުޅިން ޙިލާފަށް ކަމަށް ރަޝިއާގެ ޚާރިޖިއްޔާގެ ފަރާތުން ވަނީ ބުނެފައެވެ.