އެތައް އަހަރެއް ވަންދެން ކުޑަކުދިންނަށް ޖިންސީ ގޯނާކުރި ކުރި އެމެރިކާގެ ބިލިއަނަރު، ޖެފްރީ އެޕްސްޓީން އާއި އިނގިރޭސި އަމީރު، އެންޑްރޫ އޮތް ގުޅުން އިތުރަށް ހާމަވެގެން ދިޔުމާއެކު އިނގިރޭސި ޝާހީ އާއިލާ އިން އެންޑްރޫ އަށް ދެމުން ދިޔަ ހުރިހާ އިނާޔަތެއް ކަނޑާލައިފިއެވެ.

ބިލިއަނަރު ޖެފްރީ އެޕްސްޓީން ވަނީ ކުޑަކުދިން ޖިންސީ ބޭނުމަށް އެކުދިން ބޭނުންކޮށްފައިވާ ކަމުގެ އެތައް މައްސަލައެއްގައި އުމުރު ދުވަހުގެ ޖަލު ހުކުމެއްގައި ހުއްޓާ މިއަހަރުގެ އޯގަސްޓު މަހުގެ ތެރޭގައި މަރުވެފައެވެ. އެންޑްރޫ އަކީ އިނގިރޭސި ރާނީ، އެލިޒަބެތްގެ ތިންވަނަ ދަރިފުޅެވެ. އަދި އޭނާއަކީ ބިލިއަނަރު އެޕްސްޓީން ވަރަށް ގާތް ރަހުމަތްތެރިއެކެވެ.

މި ހަފްތާގެ ތެރޭގައި އަމީރު، އެންޑްރޫ އެޕްސްޓީން އާ އެއްކޮށް ބޭއްވި ގާތްގުޅުމުގެ އިތުރު މަޢުލޫމާތުތަކެއް އާއްމުވެގެން ދިޔުމާއެކު އޭނާ ހޫނުފެނަށް ވަނީ ވެއްޓިފައެވެ. އޭނާ ވަނީ އިނގިރޭސި ޝާހީ އާއިލާއަށް ހުތުރު ނަމެއް އޭނާގެ ސަބަބުން ލިބިފައިވާ ކަން ޤަބޫލުކޮށް، އިއްޔެގެ ވަގުތެއްގައި ކުއްލި ގޮތަކަށް ރާނީގެ ކިބައިން މަޢާފަށް އެދިފައެވެ. އިނގިރޭސި ޝާހީ އާއިލާއަށް އެޤައުމުގެ ރައްޔިތުންގެ ލާރިން އެންޑްރިއު އަށް ކޮންމެ މަހަކު ދެމުން ދިޔަ 249،000 ޕައުންޑް ވަނީ ދިނުން ނިމުމަކަށް ގެނެސްފައެވެ. ޝާހީ އާއިލާއާއި ގުޅުންހުރި އިވެންޓުތަކުންވެސް އަމީރު އެންޑްރޫ ދުވަސްކޮޅަކަށް ނުފެންނާނެ ކަން މިހާރު ވަނީ ޔަޤީންކުރެވިފައެވެ.

އިނގިރޭސި އަމީރު، އެންޑްރޫގެ މައްސަލަ ބައިނަލްއަޤްވާމީ ގޮތުން ބޮޑަށް ސަމާލުކަމެއް ލިބިގެން ދިޔައީ މީގެ 2 ދުވަހެއް ކުރިން އޭނާ އިނގިރޭސި ޓީވީ ޗެނަލް، ބީބީސީ އަށް ދިން އިންޓަވިއުއެއްގެ ސަބަބުންނެވެ. އެ އިންޓަވިއުގައި އެންޑްރޫ ބުނީ އޭނާ އެޕްސްޓީން ދެކުނީ ވަރަށް ހިންގާލައިގެން އުޅުނު، އެމެރިކާގެ ހުރިހާ ދާއިރާއެއްގެ ފަންނާނުންވެސް ދަންނަ، އަދި ކަންކަން ރާވާ، ހިންގުމުގައި އެފަދަ ދެވަނައެއް ނެތް ގޮތުގައެވެ. އަދި އޭނާގެ ރައްޓެހިން ހުރިހާ ދާއިރާއަކަށް ފުޅާވެފައި އޮތްއިރު، އެމެރިކާ އަށް އަމީރު ދަނީ އޭނާގެ ކިބައިން ކަންކަން ދަސްކުރުމަށްޓަަކައި ކަމަށް ބުންޏެވެ.

ނަމަވެސް، ކުޑަކުދިން ލައްވާ އެޕްސްޓީން ހަށިވިއްކާ ކަމުގެ އެއްވެސް މަޢުލޫމާތެއް އޭނާ އާއި އެއްކޮށް ރަހުމަތްތެރިކަން ބޭއްވިއިރު އެނގިފައި ނުވާ ކަމަށް ބުންޏެވެ. އެ އިންޓަވިއުގައި އޭނާ ވަނީ އެޕްސްޓީންގެ ފަރާތުން ގޯނާ ލިބުނު ފަރާތްތަކުގެ ވާހަކަތައް އަޑުއިވުމުން އޭނާ ދެރަވާ ކަމަށް ބުނެފައެވެ. އެ އިންޓަވިއުގައި އެންޑްރޫ އަށް އޭނާގެ މަޢުސޫމްކަން ދެއްކިފައިވާ ކަމަށް ގިނަ ބަޔަކު ޤަބޫލެއް ނުކުރެއެވެ. އޭގެ ބަދަލުގައި އަމީރު އެންޑްރޫ ވަނީ އޭނާ އެޕްސްޓީންގެ ގިނަ އަދަދެއްގެ އެޕާޓްމެންޓުތަކާއި، ގެތަކާއި، އެހެން ޤައުމުތަކުގައި ހުންނަ އޭނާގެ ގެތަކަށްވެސް ގޮސްފައިވާ ކަމަށް އެއްބަސްވެފައެވެ. މިވާހަކަތަކުގެ ސަބަބުން އެންޑްރިއު ވަނީ އިތުރަށް ހޫނުފެނަށް ވެއްޓިފައެވެ.

ކުޑަކުއްޖަކާއެކު އެކު އެޕްސްޓީން ބަދުއަޙުލާޤީ ޢަމަލެއް ހިންގި މައްސަލައެއްގައި އެންމެ ފުރަތަމަ ޖަލަށް ލެވި، 2010 ވަނަ އަހަރުގެ ތެރޭގައި ދޫކޮށްލުމާއެކު، އެންޑްރޫ ވަނީ އޭނާ ޖަލުން މިނިވަން ވުމުގެ "ޕާޓީ" ގައި ވެސް ބައިވެރިވެފައެވެ. ތަހުޤީޤީ ނޫސްވެރިންނަށް ވަނީ އެދުވަސްވަރުވެސް ޖެފްރީގެ ގެއިން ކުޑަ އަންހެން ކުދިން ވަދެ، ނިކުމެ ހަދާތަން ފެނިފައެވެ. އެ ޕާޓީވެސް 2 ހަފްތާއެއްހާ ދުވަހަށް ދިގުދެމިގެން ދިޔައިރު އެންޑްރިއު ހުރީ އެޕްސްޓީން އާ އެއްކޮށެވެ. އިނގިރޭސި އަމީރު ގަމީހެއް އެއްޗެއް ނުލާ، ކުޑަ އަންހެން ކުދިންގެ ގައިގައި ބައްދައިގެން ހުރިތަން ފެންނަ ފޮޓޯތަކެއްވެސް ވަނީ ދައުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހަސަންލަތީފް

    ހަސަން ލަތީފޭ! ކަލޭ ގުރޭޑް 7ގަ އުޅުނުއިރު މޮޅުކަމެއް ކުރަންވެގެން އަމިއްލަ މަންމަގެ ގިފިލި ބަލާފައައިސް އެވާހަކަ ކުލާސްތެރޭ ގޮވި ހަނދާން ވޭހެއްޔެވެ. މާބޭޑް ގޮލައަކަށް ވާންވެގެން ދޯ

    26
    3