އަވައްޓެރި ސްރީލަންކާގެ ބޮޑުވަޒީރުކަމާއި، އެޤައުމުގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ ހަވާލުވެވަޑައިގެންފިއެވެ.

ރާޖަޕަކްސަ މަޤާމާއި ހަވާލުވެވަޑައިގެން ބޮޑުވަޒީރުކަމުގެ ހުވާކުރެއްވީ މިއަދު މެންދުރު ލަންކާގެ ރައީސް އޮފީހުގައި އޮތް ރަސްމިއްޔާތެއްގައެވެ.

ރާޖަޕަކްސަ ލަންކާގެ ބޮޑުވަޒީރުކަމަށް އައްޔަން ކޮށްފައި މިވަނީ، 2015 ވަނަ އަހަރުން ފަށައިގެން އެޤައުމުގެ ބޮޑުވަޒީރުކަމުގެ މަޤާމުގައި ހުންނެވި ރަނިލް ވިކްރަމަސިންގެ އިއްޔެ މަޤާމުން އިސްތިއުފާ ދެއްވާފައި ވަނިކޮށެވެ.

ރަނިލް ލަންކާގެ ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވާފައި ވަނީ ނިމިދިޔަ ލަންކާގެ ރިޔާސީ އިންތިޚާބު، ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ކޮއްކޯފުޅު، އަދި ލަންކާގެ ކުރީގެ ޑިފެންސް ސެކްރެޓަރީ، ގޮޓަބަޔާ ރާޖަޕަކްސަ ކާމިޔާބު ކުރައްވައި، ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ފަހުން، ބޮޑުވަޒީރުކަމުން ރަނިލް ދުރުކުރުމުގެ މަސައްކަތް އެޤައުމުގެ ސިޔާސީ ފަރާތްތަކުން ފަށާފައިވާ ދަނޑިވަޅެއްގައެވެ.

އިންތިޚާބުގައި ގޮޓަބަޔާ ކުރި ހޯއްދަވާފައި ވަނީ، ރަނިލްގެ ޕާޓީ ކަމަށްވާ ޔުނައިޓެޑް ނޭޝަނަލް ޕާޓީ އިން މި އިންތިޚާބަށް ނެރުނު، ލަންކާގެ ހައުސިންގް މިނިސްޓަރ ސަޖިތު ޕްރަމަދޭސަ އާއި ވާދަކޮށެވެ.

މިއަދު ރާޖަޕަކްސަ ލަންކާގެ ބޮޑުވަޒީރުކަމާއި ހަވާލުވެވަޑައިގެންނެވި ރަސްމިއްޔާތުގައި، އެޤައުމުގެ ކުރީގެ ރައީސް، މައިތިރިޕާލަ ސިރިސެނާ އާއި ކުރީގެ ބޮޑުވަޒީރު ރަނިލްވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި އެޤައުމުގެ އެނޫންވެސް ސިޔާސީ ބައެއް އިސް ފަރާތްތައް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައި ވެއެވެ.

މަޤާމުން އިސްތިއުފާ ދެއްވުމުގެ ކުރީން ރަނިލް އިއްޔެ ވަނީ ލަންކާގެ ކެބިނެޓް ބައްދަލުވުމެއްވެސް ބާއްވާފައެވެ.

މިއަދު ލަންކާގެ ބޮޑުވަޒީރު ކަމާއި ހަވާލުވެވަޑައިގެންނެވި ރާޖަޕަކްސަ އަކީ ނިމިދިޔަ ވެރިކަމުގައި ވެސް އެ މަޤާމާއި ހަވާލުވެވަޑައިގެންނެވި ބޭފުޅެކެވެ. ރަނިލް މަޤާމުން ދުރުކޮށް އޭރުގެ ރައީސް، ސިރިސެނާ، ރާޖަޕަކްސައަށް ބޮޑުވަޒީރުކަން ދެއްވުމުން އެ ނިންމުން ބާތިލުކޮށްފައި ވަނީ ލަންކާގެ ސުޕްރީމް ކޯޓުންނެވެ. އެއާއެކު ބޮޑުވަޒީރުކަމުގެ މަޤާމު ރަނިލް އަށް އަލުން ލިބިވަޑައިގަތެވެ.

1994 ވަނަ އަހަރުން ފެށިގެން ރަނިލް އަކީ ލަންކާގެ ޔުނައިޓެޑް ނޭޝަނަލް ޕާޓީގެ ލީޑަރެވެ. ގޮޓަބަޔާ ރާޖަޕަކްސަ ވެރިކަމަށް ވަޑައިގަތުމުން އެ ޕާޓީ ވެގެން ގޮސްފައި ވަނީ ލަންކާގެ އިދިކޮޅު މައި ޕާޓީއަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މޯދީ

    މިތާގަ ވެރިކަމުން ފޭބުމާއެކު ޖަލަށް!

    7
    1
  2. މުހައްމަދު

    މި މީންހުންނަށް ތާއީދުކުރި އެމީހުންނަށް ގައުމު ހިންގަން ނޭގިގެން އެމީހުންވެސް ފެއިލްވެގެން ހިނގައްޖެ. މިވސް އިބުރަތެއް.

    16
    1