އިޒްރޭލުގެ ސަލާމަތީ ބާރުތަކުން ހައްޔަރުކޮށްފައިވާ ފަލަސްތީނުގެ މަޝްހޫރު ޒުވާން އެކްޓިވިސްޓް، އަޙަދު ތަމީމީ އަދި އޭނާގެ މަންމައާ ދެކޮޅަށް ކޮށްފައިވާ ދަޢުވާގެ އަޑުއެހުންތައް ފަށައިފިއެވެ. މި އަޑުއެހުންތައް ފަށާފައިވާކަން ހާމަވެފައިވާއިރު އަޑުއެހުންތައް ކުރިއަށްގެންދަނީ ސިއްރުން ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފައެވެ.

17 އަހަރުގެ އަޙަދާއި އޭނާގެ މަންމަ ހައްޔަރުކޮށްފައިވަނީ އިޒްރޭލު ސިފައިންގެ ދެ މީހުންގެ މޫނުމަތީގައި ޖަހާ މަންޒަރު ފެންނަ ވީޑިޔޯއެއް އާއްމުވުމުންނެވެ.

"އަލް ޖަޒީރާ" އިން ހާމަކޮށްފައިވާގޮތުގައި މައްސަލައިގެ އަޑުއެހުންތައް ފެށިފައިވަނީ އިއްޔެގެ ވަގުތެއްގައި އޫފަރުގެ ޑިޓެންޝަން ސެންޓަރުގައެވެ. އަދި، އަޑުއެހުންތައް ސިއްރުކޮށްފައިވަނީ އަޙަދަށް "ރައްކާތެރި ނޫން" ކަމަށް ބުނެކަމަށްވެސް އެ މީޑިޔާއިން ހާމަކޮށްފައިވެއެވެ.

މީގެއިތުރުންވެސް، މައުލޫމާތު ލިބިފައިވާ ގޮތުގައި އަޙަދުގެ ޝަރީއަތުގެ މަޖިލީހުގެ އަޑުއެހުންވަނީ ދެ ގަޑިއިރަށް ދެމިގެންގޮސްފައެވެ. އަދި ދެން އަންނަ އަޑުއެހުން ވަނީ މާޗު މަހުގެ 11 ވަނަ ދުވަހަށް ތާވަލުކޮށްފައެވެ. އަޙަދުގެ މަންމަގެ އަޑުއެހުން މާޗު ހަޔަކަށް ތާވަލުކޮށްފައިވާއިރު، ދެމީހުންގެ އަޑުއެހުންތައް ކުރިއަށް ގެންދަނީ ވަކިންނެވެ.

ޝަރީއަތްތައް ނިންމާ، ޙުކުމްކުރަންދެން، ދެމައިން ބަންދުގައި ބޭތިއްބުމަށް އިޒްރޭލުގެ ނާއިންސާފު ކޯޓަކުން މީގެކުރިންވަނީ ޙުކުމްކޮށްފައެވެ.