ބްރެޒިލްގެ ޖަލަކުން ފިލަން މަސައްކަތް ކުރި ޤައިދީންތަކެއް މަރާލައިފިއެވެ. މި ޤައިދީންތައް މަރުވެފައިވަނީ، އެމީހުން ފިލަން މަސައްކަތް ކުރަނިކޮށް ދިން ބަޑީގެ ހަމަލާތަކެއްގައެވެ.

ނޫސްތަކުން ބުނާ ގޮތުގައި އެމީހުން ފިލަން މަސައްކަތްކޮށްފައިވަނީ އެހެން ބައެއްގެވެސް އެހީތެރިކަމާއެކުގައެވެ. ގައިދީން ހަތިޔާރު އެޅި ބައެއް ފަރާތްތަކުގެ މަދަދު ހޯދާފައިވާއިރު، ޤައިދީންގެ ފަރާތުން ޖަލު އޮފިސަރުންނަށް ވެސް ބަޑީގެ ހަމަލާތަކެއް ދީފައިވެއެވެ.

ބްރެޒިލްގެ ސެންޓާ އިޒަބެލް ޕެނިޓަންޝަރީގައި ޖަލު އޮފިސަރުންނާއި ޤައިދީންނާއި އެމީހުންނަށް މަދަދުވެރިވާ ފަރާތްތަކުގެ މެދުގައި ހިނގި ހަމަލާ ބަދަލުކުރުންތަކުގައި 19 ޤައިދީއަކު މަރުވުމުގެ އިތުރުން، އެއް ޖަލު އޮފިސަރަކު ވެސް މަރުވެފައިވެއެވެ. ހަމައެހެންމެ، ހަތަރު އޮފިސަރަކަށް އަނިޔާވެ، ދެ އޮފިސަރަކު ސީރިޔަސް ހާލަތުގައި އޮތްކަމަށް މައުލޫމާތު ލިބެއެވެ.

މި މައްސަލައާ ގުޅިގެން ބްރެޒިލްގެ ސަލާމަތީ ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ޖަލުގައި ބަންދުކޮށްފައި ތިބި ޤައިދީންނަކީ، ހަތިޔާރު އެޅި ވަރުގަދަ ގްރޫޕަކާ ގުޅުން އޮންނަ ބައެކެވެ. އަދި، ބެލި ބެލުންތަކުން ޖަލުގެ އެތެރޭގައި ހަތިޔާރު ގެންގުޅުންކަން އެނގެން އޮތްކަމަށްވެސް ބުނެފައިވެއެވެ.

މީޑިޔާތަކުން ފާހަގަކުރާ ގޮތުގައި ބްރެޒިލްގެ ގިނަ ޖަލުތަކަކީ ނުރައްކާތެރި ކުށްވެރިންނައިގެން ތޮއްޖެހިފައިވާ ޖަލުތަކެކެވެ. ހަމައެހެންމެ، އެޤައުމަކީ ދުނިޔޭގެ ނިސްބަތުން މަރުގެ މައްސަލަތައް ވެސް އެންމެ ގިނަ އެއް ޤައުމެވެ.