ޕެސިފިކް ކަނޑަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

ބިންހެލުންތައް މޮނިޓާކުރާ އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އިން ބުނެފައިވާ ގޮތުގައި މި ބިންހެލުން އައިސްފައި ވަނީ އަލަސްކާގެ ހުޅަނގު އައްސޭރިން ޕެސިފިކް ކަނޑުގައި އެ ޤައުމުގެ ޖަޒީރާ ރަށްތަކެއް ހިމެނޭ ސަރަޙައްދަކަށެވެ.

އެ އިދާރާއިން ބުނެފައިވާ ގޮތުގައި މިއަދު ހެނދުނުގެ ވަގުތެއްގައި އެ ބިންހެލުމުގެ ބާރުމިން ރެކްޓަރ މިންގަނޑުން 6.4 އަށް އަރައެވެ. މި ބިންހެލުން އައީ ބިމުގެ 40 ކިލޯމީޓަރު އަޑިން، އަލަސްކާގެ އަންޑްރެއަނޯފް އައިލޭންޑާއި އެލޫޓިއަން އައިލޭންޑްސް ކައިރިއަށެވެ.

މި ބިންހެލުމުގެ ލޮޅުންތައް މި ރަށްތަކަށް އައި ނަމަވެސް ބިންހެލުމުގައި ލިބުނު ގެއްލުމެއް އަދި އެމެރިކާގެ އިދާރާތަކުން ހާމަކޮށްފައެއް ނުވެއެވެ. މި ބިންހެލުމާއި ގުޅިގެން ސުނާމީއެއް އަރާފާނެ ކަމުގެ އިންޒާރު ނެރެފައި ނުވެއެވެ. މިއީ ފާއިތުވެދިޔަ ދިހަ ވަރަކަށް ދުވަހުގެ ތެރޭގައި މި ސަރަޙައްދަށް އައި ދެވަނަ ބިންހެލުމެވެ.

އެމެރިކާ ސަރަޙައްދަށް އަންނަ ބިންހެލުންތައް އިތުރުވެފައިވާއިރު، އެޤައުމަށް ކައިރި މުސްތަޤުބަލެއްގައި ބާރުގަދަ ބިންހެލުމެއް އައިސް ގެއްލުން ބޮޑު ސުނާމީއެއް އެރުމުގެ ފުރުސަތު އޮތް ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

ޕެސިފިކް ކަނޑުން އެމެރިކާ އޮންނަ ސަރަޙައްދަށް މިއަދު ރެކްޓަރ މިންގަނޑުން 6.4 ގެ ބިންހެލުމެއް އައިއިރު، މީގެ ތިން ދުވަސް ކުރިން ރަޝިޔާ އާއި ޖަޕާން ކައިރިން މި ކަނޑަށް ރެކްޓަރ މިންގަނޑުން 6.3 ގެ ބާރުގަދަ ބިންހެލުމެއް އައިސްފައި ވެއެވެ. އެ ދުވަހު މެކްސިކޯގެ އައްސޭރިއަށްވެސް ހަމަ އެ ބާރުމިނުގައި ބިންހެލުމެއް އައެވެ.