ހައްދުފަހަނައަޅާފައިވާ ނިރުބަވެރި އިސްލާމިކް ސްޓޭޓްސް (އައިއެސް) އާއި ގުޅިގެން ސީރިޔާގައި ހަނގުރާމަކުރަމުން ދަނިކޮށް އަތުލައިގެންފައިވާ އިނގިރޭސި ހަނގުރާމަވެރިން އަނބުރާ ޤައުމަށް ގެންދިއުމަށް ތައްޔާރުވަމުންދާ ކަމަށް އެޤައުމުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު، މާކް ސެޑްވިލް ވިދާޅުވެއްޖެއެވެ.

ނޫސްތަކަށް މަޢުލޫމާތު ދެއްވަމުން މާކް ވިދާޅުވީ، ހަނގުރާމައަށް ގޮސްފައިވާ އެޤައުމުގެ ހަނގުރާމަވެރިންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު، ކުރުދީންގެ ކޭމްޕުތަކުގައި ހައްޔަރުކޮށްފައި އެބަތިބި ކަމަށެވެ.

އިނގިރޭސި ހަނގުރާމަވެރިން އަނބުރާ ޤައުމަށް ގެންދިއުމަށް ނިންމާފައިވާކަން މާކް ހާމަކޮށްފައި މިވަނީ، ހައްޔަރުކޮށްފައި ތިބި ހަނގުރާމަވެރިން އަނބުރާ ޤައުމުތަކަށް ނުގެންގޮސްފިނަމަ އެ ހަނގުރާމަވެރިން ހައްޔަރުކޮށްފައިވާ ކޭމްޕުތަކުން ދޫވެ މިނިވަން ވެދާނެ ކަމުގެ ނުރައްކާ ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.

އެގޮތުން ތުރުކީން މިހާރު ސީރިޔާގައި ކުރުދީ ހަނގުރާމަވެރިންނާއި ދެކޮޅަށް ފަށާފައިވާ ހަރަކާތްތަކުގެ ސަބަބުން ކުރުދީންނަށް ހައްޔަރުކޮށްފައިވާ ހަނގުރާމަވެރިން ބެލެހެއްޓުމަށް ހުރަސްއެޅޭނެތީ ހަނގުރާމަވެރިން ދޫވެދާނެ ކަމުގެ ބިރު އޮތް ކަމަށް އެ ޖަމާޢަތުންވެސް ކުރިން ބުނެފައި ވެއެވެ.

ހައްޔަރުކޮށްފައިވާ އިނގިރޭސި ހަނގުރާމަވެރިން އަނބުރާ ޤައުމަށް ގެންދިއުމަށްފަހު އެފަރާތްތަކާއި ދެކޮޅަށް ދަޢުވާ ކުރުމަށް މިހާރު ވަނީ ނިންމާފައެވެ. މާކް ވިދާޅުވެފައިވަނީ، ޤައުމަށް އަނބުރާ އެމީހުން ގެންދިޔަ ނަމަވެސް، ޤާނޫނުތަކާއި އެމީހުން ކުރިމަތިލާން ޖެހޭނެ ކަމަށެވެ.

އައިއެސް އާއި ގުޅިގެން ހަނގުރާމަ ކުރުމަށް ގިނަ އަދަދެއްގެ އިނގިރޭސިން ސީރިޔާއަށް ގޮސް ހަރަކާތްތެރިވަމުންދާއިރު، އިނގިރޭސިވިލާތަށް ނިސްބަތްވާ 60 އަށްވުރެ ގިނަ ކުޑަކުދިންވެސް އެޤައުމުގައި ހާލުގައިޖެހިފައި ތިބި ކަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަލީ

    އިނގެރޭސިން އެމީހުންގެ އޭޖެންޓުން ގެންދަނީ.

    3
    4
  2. ގުޑުގުޑާ

    60 ކުޑަކުދިން ހާލުގަޖެހޭނީ ދެތިންހާސް މީހުން ތިތަނަށް ދިޔައިމަ، އޭގެމާނައަކީ އިނގިރޭސިވިލާތުގައި ހައްދުފަހަނައެޅުން މާބޮޑޭ ދިވެހިރާއްޖެއަށްވުރެވެސް؟؟؟؟

    7
    1
  3. މުބީނު މާރނީ

    ކޮން ހަރުކަށި ހިޔާލެކޭ ހައްދުފަހަނާ އަޅާފައެކޭތަ ތިޔަ ކިޔަނީ ؟ މިއީ އެހެން ދީނަކަށް އުޅުން. ނުވަތަ އަމިއްލަ އަށް ދީނެއް ހަދައިގެން އުޅުން. މިއީކީ އިސްލާމް ދީނެއް ނޫން. މިއީ ކުފުރުވުން. ﷲ އަށް އުރެދުން.

    7
    1
  4. ނަސީ

    ކޮބާ ނަޝީދު މިކަމާ ވިދާޅުވަނީ ކީކޭ؟