މަދު ވަގުތުކޮޅެއްގައި އަލްބޭނިއާއަށް އައި ބާރުގަދަ ގިނަ ބިންހަލުންތަކަކާއެކު އެޤައުމަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

ރާއްޖެ ގަޑިން މިއަދު 8:30 ހާއިރު ފަށައިގެން އަލްބޭނިއާއަށް ބާރުގަދަ ބިންހެލުންތައް އަންނަމުންދާއިރު، ރެކްޓަރ މިންގަނޑުން 5.1 އާއި 5.3 އަދި 5.4 ގެ އިތުރުން 6.4 ގެ ބާރުމިނުގައި ބިންހެލުންތައް އައިސްފައި ވެއެވެ. މީގެ އިތުރުން ބާރުގަދަ އިތުރު ލޮޅުންތައް އަދިވެސް އެޤައުމަށް އަންނަމުންދާ ކަމަށް އިދާރާތަކުން ބުނެއެވެ.

މި ބިންހެލުންތަކުގައި މިހާތަކަށް ތިން މީހަކު މަރުވެފައިވާ ކަމަށް އަލްބޭނިއާގެ އިދާރާތަކުން ބުނާއިރު، އެތައް ބަޔަކަށް އެކި ވަރުގެ އަނިޔާ ވެގެން ފަރުވާދެމުން ދެއެވެ.

ބައެއް ނޫސްތައް ބުނާގޮތުގައި މި ބިންހެލުންތަކުގެ ސަބަބުން އަނިޔާވި 50 އަށްވުރެ ގިނަ މީހަކަށް އަލްބޭނިއާގެ ހޮސްޕިޓަލް ތަކުގައި ދަނީ ފަރުވާދެމުންނެވެ. އޭގެތެރޭގައި ބިމާއި ހަމަވި އިމާރާތްތަކުގެ ދަށުވި މީހުންވެސް ހިމެނޭއިރު، ބައެއް މީހުންނަށް ސީރިއަސް ހާލުގައި ފަރުވާދެމުންދާ ކަމަށް ވެއެވެ.

ބިންހެލުންތައް މޮނިޓާކުރާ އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އިން ބުނެފައިވާ ގޮތުގައި މިއީ ފަހުގެ ތާރީޚެއްގައިވެސް އަލްބޭނިއާއަށް އައި އެންމެ ބާރުގަދަ ބިންހެލުންތަކެވެ. މިއަދު އައި ބިންހެލުންތަކުގެ ތެރެއިން އެންމެ ބާރުގަދަ ބިންހެލުން އައިސްފައި ވަނީ އަލްބޭނިއާގެ ހުޅަނގު އައްސޭރީގައި އޮންނަ އެޤައުމުގެ ވެރިކަންކުރާ ޓިރާނާ އާއި 20 މޭލު ދުރުގައި އޮންނަ ސަރަޙައްދަކަށެވެ.

ޔޫރަޕިއަން މެޑިޓަރޭނިއަން ސެއިސްމޮލިޖިކަލް ސެންޓަރުން ބުނެފައިވާ ގޮތުގައި، މިހާތަނަށް އެޤައުމަށް އައި ލޮޅުންތަކާއި ބިންހެލުންތަކުގެ އަދަދު 20 އަށް އަރައެވެ. އެންމެ ފަހުން އެޤައުމަށް ފާރުގަދަ ބިންހެލުމެއް އައީ މީގެ ގަޑިއެއްހާއިރު ކުރީން، ރެކްޓަރ މިންގަނޑުން 5.4 ގެ ބާރުމިނުގައެވެ. އެ ބިންހެލުން އައީ އެ ޤައުމު ހިމެނޭ ސަރަޙައްދުން ކަނޑުގެ ސަރަޙައްދަށް ކަމަށް އެ އިދާރާއިން ބުނެއެވެ.

އިދާރާތަކާއި ހަވާލާދީ ނޫސްތަކުގައި ބުނެފައިވާ ގޮތުގައި މި ބިންހެލުމުގެ ސަބަބުން 8000 އަށްވުރެ ގިނަ މީހުންނަށް ގެއްލުންވާނެ ކަމަށް ބެލެވެއެވެ. އަދި 12 މިލިއަނަށްވުރެ ގިނަ މީހުންނަށް މި ލޮޅުންތަކުގެ އިހުސާސް ކުރެވިފައިވާނެ ކަމަށް އިދާރާތަކުން ބުނެއެވެ. މި ބިންހެލުންތަކުގެ ލޮޅުންތައް، ގްރީސް އާއި މޮންޓެންގެރޯ އާއި ކޮސީވޯގެ އިތުރުން އުތުރު މެސިޑޯނިއާއަށްވެސް އައިސްފައި ވެއެވެ. މީގެ އިތުރުން އިޓަލީގެ ބައެއް ހިސާބުތަކަށްވެސް ބިންހެލުމުގެ ލޮޅުންތައް އިހުސާސް ކުރެވިފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުސޭނުބޭ

    70 ޕަސެންޓް މުސްލިމުން އުޅޭތަނެއް! ޔާﷲ އެބައި މީހުންގެ ކިބައިން ތި މުސީބާތް ދުރުކުރައްވާފާންދޭ!

    39
    • ދިވެހި

      އާމީން

      29