ގްރީސްއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

މި ބިންހެލުން އައިސްފައިވަނީ ގްރީސްގައި އޮންނަ އެޤައުމުގެ ޖަޒީރާ ރަށެއް ކަމަށްވާ ކްރީޓް އައިލޭންޑްސް އަށް މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

ބިންހެލުންތައް މޮނިޓާކުރާ އިދާރާތަކުން ބުނެފައިވާ ގޮތުގައި މި ބިންހެލުން އައީ ރެކްޓަރ މިންގަނޑުން 6.0 ގެ ބާރުމިނުގައި ބިމުގެ 40 ކިލޯމީޓަރު އަޑިންނެވެ.

މި ބިންހެލުން ގިނަ ވަގުތުތަކަކަށް ދެމިގެން ދިޔައިރު، ބިންހެލުމުގެ ސަބަބުން ލިބުނު ގެއްލުމެއް އަދި އެނގިފައެއް ނުވެއެވެ. ނަމަވެސް މި ބިންހެލުމުގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ނޫސްތައް ބުނެއެވެ.

މި ބިންހެލުން އައި ވަގުތު ގްރީސްގެ ދިހަމިލިއަން ވަރަކަށް މީހުންނަށް ބިންހެލުމުގެ ލޮޅުމުގެ އިހުސާސް ކުރެވިފައިވާ ކަމަށް ވެއެވެ. މި ބިންހެލުމާއި ގުޅިގެން ސުނާމީގެ އިންޒާރެއް ނެރެފައެއް ނުވެއެވެ.

ގްރީސް އަށް މިއަދު ބިންހެލުމެއް އައިސްފައި ވާއިރު އިއްޔެ އަލްބޭނިއާ އަށް އައި ބާރުގަދަ ބިންހެލުމެއްގައި 20 މީހަކު މަރުވެފައި ވެއެވެ. އިއްޔެ ހެނދުނުގެ ވަގުތެއްގައި އަލްބޭނިއާއަށް ބިންހެލުން އައީ ރެކްޓަރ މިންގަނޑުން 6.4 ގެ ބާރުމިނުގައެވެ. އެ ބިންހެލުން އައި ސަރަޙައްދުގެ ގިނަ އަދަދެއްގެ އިމާރާތްތައް ބިމާއި ހަމަވިއިރު، މަރުވި މީހުންގެ ތެރޭގައި ގިނައީ އިމާރާތްތަކުގެ ދަށުގައި ތާށިވެގެން މަރުވި މީހުންނެވެ.

އަލްބޭނިއާއަށް އިއްޔެ އައި ބާރުގަދަ ބިންހެލުމަށްފަހު ވެސް ރެކްޓަރ މިންގަނޑުން 5.0 އަށްވުރެ މަތިން ބާރުގަދަ އިތުރު ލޮޅުންތައްވެސް އައިސްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު