ބަންގްލަދޭޝްގެ ތާރީޙުގައިވެސް އެ ޤައުމުގައި ދިން އެންމެ ނުރައްކާތެރި އެއް ނިރުބަވެރި ހަމަލާދިން ކަން ސާބިތުވެ، 7 މީހެއްގެ މައްޗަށް އެޤައުމުގެ ކޯޓަކުން މަރުގެ ޙުކުމް އިއްވައިފިއެވެ. އެމީހުން މަރަން ޙުކުމް ކޮށްފައިވަނީ ދަން ޖައްސައިގެންނެވެ.

ނިރުބަވެރިންނަށް މަރުގެ ޙުކުމް އިއްވާފައިވަނީ ވެރިރަށް ދާކާގެ 'އެންޓި-ޓެރަރިޒަމް' ކޯޓަކުންނެވެ. މަރުގެ ޙުކުމް އެމީހުންގެ މައްޗަށް އިއްވީ އެމްޑީ މަޖީބުރް ރަހްމާން އެވެ. 7 މީހުންގެ މައްޗަށް މަރުގެ ޙުކުމް އިއްވިއިރު، އެމީހުން ﷲ އަކްބަރު އޭ ގޮވި ކަމަށް ބަންގްލަދޭޝްގެ ބޭރުގެ ބައެއް ނޫސްތަކުން ވަނީ ރިޕޯޓު ކޮށްފައެވެ.

އެ މައްސަލައިގައި ދަޢުވާ ކޮށްފައިވާ އެކަކުގެ މައްޗަށް ދަޢުވާ ސާބިތުނުވެ، އޭނާ ވަނީ ކޯޓުން ދޫކޮށްލާފައެވެ. ނިރުބަވެރިންނަށް މިއަދު ޙުކުމް ކުރިއިރު، ކޯޓުގެ ސަރަޙައްދުގެ ސެކިއުރިޓީ ވަނީ ވަރަށް ވަރުގަދަ ކޮށްފައެވެ. ކޯޓުގެ ޢިމާރާތާއި، އެ މަގު ހިމެނޭ ގޮތަށް އެތައް ސަތޭކަ ސިފައިންނެއް ފޯރިމަރަން ތިއްބެވެ.

2016 ވަނަ އަހަރުގެ ތެރޭގައި ބަންގްލަދޭޝްގެ ވަރަށް މަޝްހޫރު ރެސްޓޯރެންޓެއް ކަމަށްވާ 'ހޯލޭ އާޓިސަން' ރެސްޓޯރެންޓަށް ދިން ހަމަލާތަކުގައި 22 މީހަކު ވަނީ މަރާލާފައެވެ. އެންމެ ފުރަތަމަ ބަޑި އާއި އެހެނިހެން ހަތިޔާރުތަކާއެކު ނިރުބަވެރި ހަނގުރާމަވެރިންތަކެއް އެ ރެސްޓޯރެންޓަށް ވަދެ، 12 ގަޑިއިރެއްހާ އިރު ވަންދެން، ބަޔަކު ރަހީނުކޮށްގެން ވަނީ އެމީހުންނަށް ބިރު ދައްކާފައެވެ.

ނިރުބަވެރިން ރެސްޓޯރެންޓު ތެރޭގައި ތިބި މީހުންނަށް ހަމަލާދިނީ ބަންގްލަދޭޝްގެ ސިފައިން އެ ރެސްޓޯރެންޓަށް ވަދެގެން އައުމުންނެވެ. އެ ހަމަލާތަކުގެ ޒިންމާ އައިސިސް ޖަމާޢަތުން ވަނީ ނަގާފައެވެ. އެ ހަމަލާތަކުގެ ފަހަތުގައިވާ 2 މީހަކު އަދިވެސް އަތުލައިގަނެފައިނުވާ ކަމަށް ބަންގްލަދޭޝްގެ ކައުންޓަރ-ޓެރަރިޒަމް ޔުނިޓުން ހާމަކުރެއެވެ.