އެމެރިކާ އިން މިސައިލް ހަމަލާއެއް ނުވަތަ ވައިގެ ހަމަލާއެއް ސީރިއާ އަށް ދިން ނަމަވެސް އެހަމަލާ އަކުން ސީރިއާގައި ތިބި ރަޝިއާ ސިފައިން ހިމާޔަތް ކުރާނެ ކަމަށާއި ސީރިއާގައި ތިބި ރަޝިއާ ސިފައިންގެ ހިމާޔަތުގައި ކޮންމެ ފިޔަވަޅެއް އަޅަން ވެސް ރަޝިއާ އިން ފަސް ނުޖެހޭނެ ކަމަށް ބުނެ ރަޝިއާ އިން އެމެރިކާ އަށް އިންޒާރުދީފިއެވެ.

ރަޝިއާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާން މާރިއާ ޒަކަރޯވާ ވިދާޅުވީ ސީރިއާގެ މައްސަލައިގައި އެމެރިކާގެ އެކުވެރިން ކަމަށްވާ ފަރަންސޭސިވިލާތާއި ޖަރުމަންވިލާތް އަދި އިނގިރޭސިވިލާތުން ވެސް އަސްކަރީ ފިޔަވަޅެއް އެޅުމުގެ ކުރިން ސީރިއަސްކޮށް ވިސްނަން ޖެހޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ ރަޝިއާ އާއި އެމެރިކާގެ ހާރިޖީ ވަޒީރުން ފާއިތުވި ދެމަސް ދުވަސް ތެރޭގައި މަޝްވަރާތަކެއް ކުރިއަށް ނުގެންދިޔަ ނަމަވެސް އަބަދުވެސް ދެގައުމުގެ ދެމެދުގައި އެކި ކަންކަމުގައި ވާހަކަދެކެވި މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ.

ސީރިއާގެ މައްސަލަ އަނެއްކާވެސް ހޫނުވެފައި މިވަނީ ދިމިޝްކްގެ ކައިރީގައި އޮންނަ ޢޫތާގެ އަވަށެއް ކަމަށްވާ ދޫމާ އަށް ސީރިއާގެ ރައީސް ބައްޝާރުލް އަސަދަށް ވަފާތެރި ސިފައިން ކެމިކަލް ހަމަލާއެއް ދީފައިވާ ކަމަށް އެމެރިކާ އިން ބުނުމުންނެވެ. ސީރިއާ ސަރުކާރާއީ ރަޝިއާ ސަރުކާރުން ތަކުރާރުކޮށް ބުނަމުން ދަނީ ދޫމާ އަށް ކެމިކަލް ހަމަލާއެއް ދީފައި ނުވާ ކަމަށެވެ.

ނަމަވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނަމުން ގެންދަނީ ސީރިއާ އިން އެގައުމުގެ ރައްޔިތުންނާއި ދެކޮޅަށް ކެމިކަލް ހަމަލާ ދީފައިވާ ކަމަށާއި މިކަމަށްޓަކައި "ވަރަށް ބޮޑު އަގެއް ސީރިއާ އިން ދައްކަން ޖެހޭނެ" ކަމަށެވެ.

ބައްޝާރުގެ ވެރިކަން ދިފާޢު ކުރުމުގައި މިހާތަނަށް ވެސް އެންމެ އިސް ދައުރެއް އަދާކުރީ ރަޝިއާ އިންނެވެ. ރަޝިއާގެ ގިނަ އަދަދެއްގެ ސިފައިން މިހާރު ވެސް ސީރިއާގައި އެބަތިއްބެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. އަބްދުއްލާ

  ތިޔައީ ޓްރަމްޕް އާ ސައޫދީ ރަސްގެ ފާނުގެ ފޯންކޯލްގެ ނިންމުމެއް

 2. ޢހ

  ސާބަހޭ ރަޝިއާ

 3. ާއަހުމަދު ރާއްޖެތެރެ

  ތިއުޅެނީ ހަތިޔާރު ވިއްކަން

 4. އަފީ

  އެމެރިކާގެ ހަތިޔާރު މިހާރު މެދުއިރުމަތިން ނުގަންނާތީ، މިކަމުގެ ސަބަބުން ޓްރަމްޕް ކެމްޕެއިންގައި ވައުދުވީ ވައުދު ނުފުއްދުނީމާ، ދެން އެމެރިކާގެ ހަތިޔާރުގެ ޑިމާންޑް ދައްވެ ރަސީޔާއަށް މިކަމުން އެތަށް މަންފާއެއް ލިބޭނޭކަން %100 ޔަގީންވާތީ ޓްރަމްޕް ބެނުންވަނީ އިގިރޭސިވިލާތާ، ޖަރުމަނު އަދި ފްރަންސްގެ ހަތިޔާރު އަކީ އެމެރިކާއިން ދޭ އެއްޗެއްކަން އަންގަން. މި ބޮޑުމަންޒަރު ހަމަކުރަން ޓްރަމްޕް މަސައްކަތް މި ކުރަނީ