އިރާޤުގައި އެޤައުމުގެ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރާ ފަރާތްތަކަށް އަމާޒުކޮށް ސަލާމަތީ ބާރުތަކުން ބުރާސްފަތި ދުވަހު ދިން ބަޑީގެ ހަމަލާ ތަކެއްގައި 44 މީހުން މަރުވެއްޖެއެވެ.

މިއާއެކު އިއްޔެ ވެފައިވަނީ އޮކްޓޯބަރު މަހުގެ ތެރޭގައި މުޒާހަރާތައް ފެށުނު ފަހުން އެންމެ ލޭއޮހޮރުން ބޮޑު އެއް ދުވަހަށެވެ. އިއްޔެގެ މުޒާހަރާތަކުގައި އެންމެ ގިނަ މީހުން މަރުވެފައިވާ ކަމަށް ރިޕޯޓު ކުރެވިފައިވަނީ އިރާޤުގެ ނަސީރިޔާ ސިޓީ އިންނެވެ. އެ ސިޓީ އިން އެކަނިވެސް ވަނީ 33 މީހަކު މަރުވެފައެވެ. މި ހަމަނުޖެހުންތަކުގައި އެ ސިޓީއިން 233 މީހަކު ޒަޚަމްވެފައިވެސް ވެއެވެ.

މުޒާހަރާގެ ބައިވެރިން މައިތިރި ކުރުމުގެ ގޮތުން ސިފައިން ލައިވް ވަޒަނާއި ކަރުނަ ގޭސް ކެނިސްޓާވެސް ގިނަ އަދަދަކަށް ބޭނުންކޮށްފައިވާ ކަމުގެ މަޢުލޫމާތު ވަނީ ލިބިފައެވެ. އިރާޤުގެ ޝީއީންގެ ބޮޑު އާބާދީއެއް އޮންނަ ސިޓީއެއް ކަމަށްވާ ނަޖަފް ގައި އިއްޔެ ކުރި މުޒާހަރާތަކުގައި ވަނީ 11 މީހަކު މަރުވެފައެވެ. އިރާޤުގައި އެންމެ ވަރުގަދަ މުޒާހަރާތަކެއް ކުރަމުން ދަނީ އެޤައުމުގެ ދެކުނުގެ ހިސާބުތަކުގައެވެ.

ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމުގެ ގޮތުން ވެރިރަށް ބަޣުދާދުން މިހާރު ވަނީ ގިނަ އަދަދެއްގެ ސިފައިން އެ ސަރަޙައްދުތަކަށް ފޮނުވާފައެވެ. މުޒާހަރާގެ ބައިވެރިން ވަނީ އިރާޤުގެ ސަލާމަތީ ބާރުތަކުން އާއްމުންގެ ގަޔަށް ބަޑި ޖަހައި ގިނަ ބަޔަކު މަރަމުންދާތީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ.

"އަހަރެމެން ބްރިޖު ކައިރީގައި ހުރި މަގުތަކެއް ބަންދުކޮށްގެން 4 ދުވަސް ވެއްޖެ. ސިފައިން ޤަތުލް އާއްމު ހިންގީ އެ ބްރިޖުތައް ހުޅުވަން ވެގެންނޭ ކިޔައި. ނަސީރިޔާގައި ހިނގަމުން މިދާ ކަންކަމަކީ ޤަބޫލުކުރަންވެސް ދަތި ކަންތައްތަކެއް. އަހަރެމެންނާ ދިމާލަށް މިހާ ލާއިންސާނީ ބާރުގެ ބޭނުން ކުރަން ޖެހޭ އެއްވެސް ހުއްޖަތެއް ނުދެއްކޭނެ. އަހަރެމެންގެ ލޭ ކެކެނީ. އަހަރެމެންގެ އަޚުން ވަނީ މަރާލާފަ." ނަސީރިޔާގައި ޙަރަކާތްތެރިވާ މުޒާހަރާގެ ބައިވެރިޔަކު ބޭރުގެ މީޑިއާ އަކަށް މަޢުލޫމާތު ދެމުން ބުންޏެވެ.

އިއްޔެގެ ހަމަނުޖެހުންތަކުގެ ތެރެއިން ގިނަ އާއްމު ރައްޔިތުން މަރާލާފައިވާއިރު، އޭގެ ކުރީ ދުވަހު މުޒާހަރާގެ ބައިވެރިން ވަނީ އިރާޤުގައި ހުންނަ އީރާނުގެ ކޮންސިއުލޭޓެއްގައިވެސް ރޯކޮށްލާފައެވެ. އިރާޤުގައި ފެށިގެން މިއުޅޭ މުޒާހަރާތަކަކީ އިރާޤުގައި އީރާނުގެ ބައިވެރިވުމާ ދެކޮޅުވެރިވުމުގެ ގޮތުން ހިނގަމުންދާ މުޒާހަރާތަކެއް ކަމަށް ޚަބަރު ލިބެއެވެ. މުޒާހަރާތަކުގެ ތެރެއިން މިހާތަނަށް އިރާޤުގެ 360 މީހުން މަރުވެ، 15000 ގިނަ މީހުން ޒަޚަމްވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ލަބީބު

    "ޞައްދާމު ޙުސެއިންއަށްފަހު ޢިރާޤު ފިނިފެންމަލުގެ ދާނަކަށް ނުވާނެ! ޢިރާޤު ވާނީ ލޭގެ ކޯރަކަށް. މިކަން ރައްޔިތުން ކަށަވަރުކޮށް ދެކޭނެ! " = ޝަހީދު ޞައްދާމު ޙުސައިން=

    7
    2
  2. ޖަހާންގީރު

    ހުޅަނގުގެ ޑިމޮކްރަސީ ބޭނުންވި މީހުން މިހާރު ތިބޭނެ ޖަމަލު ދުލުގެ ފިހުނު ފަތަފޮޅިކާން

    2
    1