އިނގިރޭސިވިލާތުގެ ބޮޑުވަޒީރު މޭ
އިނގިރޭސިވިލާތުގެ ބޮޑުވަޒީރު މޭ

ކެމިކަލް ހަމަލާގެ މައްސަލައިގައި ސީރިއާއަށް ވަރުގަދަ ރައްދެއް ދޭން އިނގިރޭސިވިލާތުގެ ކެބިނެޓުން ނިންމައިފިއެވެ.

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ޓްރޭސާ މޭ ރިޔާސަތު ބެލެހެއްޓި ކެބިނެޓް ބައްދަލުވުމުގައި ވަނީ ކެމިކަލް ހަމަލާގެ މައްސަލާގައި ސީރިއާގެ ސަރުކާރަށް ހަރުކަށި ރައްދެއް ދޭން ނިންމާފައެވެ.

އިނގިރޭސިވިލާތުގެ ކެބިނެޓުން ނިންމާފައި ވަނީ ސީރިއާގެ މައްސަލައިގައި އެމެރިކާ އާއި ފްރާންސާއި ގުޅިގެން ކުރިއަށް ދިއުމަށެވެ. އަދި އެދެގައުމުން މިމައްސަލައިގައި ނިންމާ ކަންކަމަށް އެހީތެރިވުމަށް ވެސް ވަނީ ނިންމާފައެވެ.

ސިރިއާ ސަރުކާރާއި ދެކޮޅަށް އެމެރިކާއިން ވެސް ދަނީ ހަމަލާދޭން ތައްްޔާރު ވަމުންނެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ރައްދު ދެމުން ރަޝިޔާގެ ހާރިޖީއްޔާ އިން ބުނީ މިސައިލު ހަމަލާތައް ދޭންވީ ނިރުބަވެރިންނާއި ދެކޮޅަށް ކަމަށާއި ގާނޫނީ ގޮތުން އުފެދިފައިވާ ސީރިޔާގެ ސަރުކާރާއި ދެކޮޅަށް ނޫން ކަމަށެވެ.

"މިސައިލު ހަމަލާތައް ފޮނުވަންވީ ނިރުބަވެރިންނާއި ދިމާލަށް. އެއްވެސް ހާލެއްގައި ސީރިޔާގައި އުފެދިފައިވާ ގާނޫނީ ސަރުކާރާއި ދިމާލަކަށް ނޫން. ނިރުބަވެރިކަމާއި ދެކޮޅަށް ސީރިޔާގެ ސަރުކާރުން މަސައްކަތް ކުރާތާ ގިނަ އަހަރުތަކެއް ވެއްޖެ" ރަޝިޔާގެ ހާރިޖީއްޔާގެ ތަރުޖަމާނު މާރިއާ ޒަހަރޯވާ ބުންޏެވެ.

ރަޝިޔާ އިން މިހެން ބުނެފައިވާ ސީރިއާގެ ސަރުކާރުގެ ބާރުގަދަ ހިސާބުތަކަށް މިސައިލު ހަމަލާތަކެއް ވަރަށް އަވަހަށް ދޭނެކަމުގެ އިންޒާރު ޓްރަމްޕް ވަނީ ދީފައެވެ. ނަމަވެސް އެ މިސައިލުތައް ވައްޓާލާނެ ކަމުގެ އިންޒާރު ރަޝިއާ އިން ވަނީ ދީފައެވެ.

"އެމެރިކާ އިން މިސައިލު ހަމަލާތަކެއް ދީފިނަމަ، އަހަރުމެން އެ ތަކެތި ވައްޓާނަން. އަދި މިސައިލު ހަމަލާ ދޭން ބޭނުންކުރި ތަކެތި ވެސް ނައްތާލާނަން" ލުބްނާނަށް ކަނޑައަޅުއްވާފައި ހުންނަވާ ރަޝިޔާގެ ސަފީރު ވިދާޅުވިއެވެ.

ސީރިޔާގެ ސަރުކާރުގެ ބާރުގަދަ ހިސާބުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އެމެރިކާ އާއި އެހެންވެސް ގައުމުތަކުން ދީފައިމިވަނީ ދާދިފަހުން ސީރިއާގައި އިދިކޮޅު ފަރާތްތަކުން ހިފާފައިވާ ދޫމާއަށް ކެމިކަލް ހަމަލާއެއް ސީރިއާގެ ސަރުކާރަށް ނިސްބަތްވާ ފަރާތްތަކުން ދީފައިވާތީއެވެ.

އެ ހަމަލާގައި 70 މީހަކު މަރުވިއިރު އެ ހަމަލާގައި ކްލޮރިން ގޭހާއި އެއަށް ވުރެ ބާރުގަދަ ގޭހެއް ބޭނުންކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެހަމަލާގައި މަރުވި މީހުންގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.

މިހަގުރާމައިގެ ތެރެއަށް ރަޝިއާ ވަދެ ބައްޝާރުގެ ސަރުކާރަށް މަދަދުވެރިވާން ފެށުމާއިއެކު ގިނަ އާންމު ރައްޔިތުންތަކެއް މިހަގުރާމައިގައި މަރުވާން ފެށިއެވެ. ނަމަވެސް ރަޝިއާއިން ބުނަމުންދަނީ އެބައިމީހުން ބޮން އަޅަމުންދަނީ އިދިކޮޅު ހަގުރާމަވެރިންގެ މަރުކަޒުތަކަށެވެ. ނަމަވެސް މިހަމަލާތައް ގިނަ އަދަދަކަށް އާންމު ރައްޔިތުންނަށް ފޯރާކަމަށް މީޑިއާ ތަކުން ރިޕޯޓްކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ވަރުގަދަ ރައްދެއް ދެންޏާ އެންމެ ފުރަތަމަ ދޭންޖެހޭނީ އިނގިރޭސިވިލާތަށާއި އެމެރިކާއަށާއި އިޒްރަޭލޭ ކިޔުނު ޔަހޫދީ ޖަމާއަތަށް.ކިތައް މުސްލިމު ގައުމު ހަލާކު ސުންނާފަތި ކުރެވިއްޖެ މިހާރު.މިމީހުން ހަމަނިދި ނުނިދާނެ ސަލާމަތުން އިސްލާމީ އެންމެ ގައުމެއް އޮތަސް.މުޅި އަރަބިކަރަ ފަސާދަކޮށްފި.ތީ މާކުރިންސުރެ ރޭވިފަވާ މުސްލިމުންނާ ދެކޮޅު ޕްރޮޕެގެންޑާއެއްގެ ދަށުން ކުރާކަންކަން.މީ މުޅިދުނިޔެ ދަންނަ ބޮޑު ސިއްރެއް.

    • ހަދާންވޭތަ އިރާގް ސޭމް ގޭމްސް ކުޅެނީ އަނެއްކާ އަނެއްތަން ހިފަންވީ މާސް ޑިސްޓުރަކްސަން ޓެރިރިސްޓްގެ ނަމުގައި

  2. ދަންނަވަންތޯ ވާހަކައެއް. އިނގިރޭސިންނަށް އޮޅިގެން އުޅުނަސް އިނގިރޭސި ދިދައާއި އިނގިރޭސި ތަހުތައް އިރުއޮއްސުނުތާ ކިތައްމެ ޒަމާނެއްވެއްޖެ. ދޯސްޑޭސް އާ ގޯން.