އެމެރިކާގެ އެފްބީއައިގެ ކުރީގެ ޑިރެކްޓަރު ޖޭމްސް ކޯމީ ވަނީ އޭނާ އަލަށް ނެރެން އުޅޭ ފޮތެއްގައި އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަސައްކަތްކުރަނީ ކުރީ ޒަމާނުގެ މާފިއާ ގޭންގްސްޓާރެއް ގޮތަށްކަމަށް ބުނެފައެވެ. އޭގެ އިތުރުންވެސް ޑޮނަލްޑް ޓްރަމްޕް އަކީ ތެދުހެދުމަށް އެއްވެސް ވަރަކަށް މަސައްކަތްކުރާ މީހެއް ނޫންކަމަށް ކޯމީ ވަނީ އެ ފޮތުގައި ބުނެފައެވެ.

ކޯމީ އެފްބީއައިގެ ޑިރެކްޓަރކަމުގެ މަގާމުގައި ހޭދަކުރި ދުވަސްތަކުގެ ތަޖުރިބާތައް އެފޮތުގައި ހިމަނާފައިވާއިރު އޭނާ ވަނީ ޑޮނަލްޑް ޓްރަމްޕް އޭނާގެ ގާތުގައި ޓްރަމްޕްއަށް ވަފާތެރިވުމަށް ބުނުމުން އޭނާއަށް އިހުސާސްވެގެންދިޔައީ ޓްރަމްޕް އަކީ ކުރީ ޒަމާނުގެ މާފިއާ ނުވަތަ "މޮބެގެ" އިސް ލީޑަރެއްގެ ގޮތުގައިކަމަށް ބުނެފައެވެ. އަދި ޓްރަމްޕް އަކީ އެއްވެސް ކަމެއްގައި އެއް އުސޫލެއް ގެންގުޅުމުގެ ގާބިލުކަމެއް ނުހުންނަ މީހެއްކަމަށްވެސް ކޯމީ ބުނާއިރު އެއީ ޓްރަމްޕްގެ ވެރިކަން ފެތުރެމުންދާ އަލިފާންގަނޑަކަށް ބަދަލުވި މައިގަނޑު އެއް ސަބަބުކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ކޯމީ ވަނީ މީގެ ކުރިންވެސް ޑޮނަލްޑް ޓްރަމްޕް ދޮގުހެދިކަމަށް ސެނެޓުގައި އޭނާ ހެކިބަސްދިނުމަށް ބޭއްވުނު ސެޝަންގައި ބުނެފައެވެ. ޑޮނަލްޑް ޓްރަމްޕް އެފްބީއައިގެ ޑިރެކްޓަރުގެ މަގާމުން ޖޭމްސް ކޯމީ ވަކިކުރިއިރު ޓްރަމްޕް ވަނީ ކޯމީ ގާތުގައި އެފްބީއައި އިން ބަލަމުން އައި މައްސަލައެއްގައި އޭރު އެމެރިކާގެ ގައުމީ ސަލާމަތުގެ ކަންކަމާއި ހަވާލުވެ ހުރި ޖެނެރަލް މައިކަލް ފްލިންގެ މައްސަލައެއް ދޫކޮށްލުމަށްވެސް އެދިފައެވެ.

ޖޭމްސް ކޯމީގެ ފޮތުން ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގެ ދުވަސްވަރުގެ އިތުރުން އޭގެ ކުރީގެ ބައެއް ހާދިސާތަކާއި ބެހޭގޮތުންވެސް ކުރިން ނޭނގޭ އެތައް މައުލޫމާތެއް ހާމަވެގެންދާނޭކަމަށް ބެލެވިފައިވާއިރު މިއީ ކޯމީ އަލުން އެނބުރި އާންމުންގެ ތެރެއަށް އައިފަހުން އޭނާގެ ފަރާތުން އިވިގެންދިޔަ އެންމެ ވަރުގަދަ ބަސްތަކެވެ.

ކޯމީ މިހާރު ޓްރަމްޕާއި ދެކޮޅަށް ވާހަކަދައްކަމުން ގެންދިޔަ ނަމަވެސް ތަޖުރިބާކާރުން ބުނާ ގޮތުގައި ޓްރަމްޕަށް ވެރިކަން ލިބުމުގެ އަސްލަކީ ކޯމީ އެވެ. އެއީ ރިޔާސީ އިންތިޚާބު ކެމްޕޭންގެ އެންމެ ފަހު ދުވަސްކޮޅު ކޯމީ ހިލަރީ ކްލިންޓަންގެ އީމެއިލްތަކުގެ މައްސަލަތައް އަލުން ތަޙްޤީޤު ކުރަން ފެށުމުން ހިލަރީ އަށް އިންތިޚާބު ކާމިޔާބު ނުކުރެވި އެތަޙްޤީޤުގެ ސިޔާސީ ފައިދާ ޓްރަމްޕަށް ކުރުމުންނެވެ.