އިރާޤުގައި އެޤައުމުގެ ސަރުކާރާ ދެކޮޅަށް އާއްމުން މުޒާހަރާ ކުރަމުންދާތާ 2 މަހެއްހާ ދުވަސް ފަހުން، އެޤައުމުގެ ބޮޑުވަޒީރުކަމުން އާދިލް އަބްދުލް މާހިދު އިސްތިއުފާ ދެއްވައިފިއެވެ.

ހުކުރު ދުވަހު އާދިލް އޭނާގެ އިސްތިޢުފާގެ ސިޓީ އިރާޤުގެ ޤާނޫނުހަދާ މަޖިލީހަށް ހުށަހަޅުއްވާފައިވާއިރު، މިއަދު ވެރިރަށް ބަޣްދާދުގައި ކުރިއަށް ދިޔަ މަޖިލީހުގެ ޖަލްސާގައި ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ވަނީ އާދިލްގެ އިސްތިއުފާގެ ސިޓީ ބަލައިގެންފައެވެ. އިރާޤުގެ ޤާނޫނު އަސާސީގައި އޮންނަ ގޮތުން ބޮޑު ވަޒީރަކު އިސްތިއުފާ ދެއްވައިފިނަމަ، ޤާނޫނުހަދާ މަޖިލީހުގެ މެޖޯރިޓީ އޮންނަ ޕާޓީ އަކުން ބޮޑު ވަޒީރު ކަމަށް އާ ބޭފުޅަކު ގެންނަން ހުށަހަޅަން ޖެހެއެވެ.

އާދިލް އިސްތިއުފާ ދެއްވަން ނިންމި ނިންމުމުގައި 2 މަހުގެ ތެރޭގައި މަރާލާފައިވާ 400 އާއްމުންގެ މީހުންގެ މަރާއި، އެއް ދުވަހެއްގެ ތެރޭގައި މުޒާހަރާ ކުރަމުން ދިޔަ 40 އަށްވުރެ ގިނަ މީހުން މަރާލާފައިވާ ގަތުލްއާއްމު ބޮޑު ރޯލެއް ކުޅެއެވެ. އިރާޤުގެ ދެކުނުގައި އޮންނަ ޝީއީންގެ ބޮޑު އާބާދީއެއް އޮންނަ ސިޓީތައް ކަމަށްވާ ނަސީރިޔާ އާއި ނަޖަފްގައި މުޒާހަރާ ކުރަމުން ދިޔަ މީހުންނާ ދިމާލަށް ސިފައިން ލައިވް ވަޒަން ބޭނުންކޮށް ގިނަ ބަޔަކު މަރާލުމާ ގުޅިގެން އެކަން މުޅި ދުނިޔެއިންވެސް ވަނީ ކުށްވެރިކޮށްފައެވެ.

ޝީއީންގެ އެންމެ އިސް ލީޑަރު، އާޔަތުއްﷲ އަލީ އަލް-ސިސްތާނީ ވަނީ މުޒާހަރާތައް ރޫޅާލުމަށް އިރާޤުގެ ސަލާމަތީ ބާރުތަކުން އާއްމު ރައްޔިތުންނާއި ދެކޮޅަށް ބަޑީގެ ބޭނުންކޮށްފައިވާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އެ ލާއިންސާނީ ހަމަލާތަކުގެ ސަބަބުން އާ ސަރުކާރެއް އެކުލަވާލަން މަޖުބޫރުވެއްޖެ ކަމަށް އޭނާ ބުންޏެވެ. އިރާޤު ސަރުކާރުގެ މިހާރުގެ ކެބިނެޓުގެ މިނިސްޓަރުންވެސް އާޔަތުއްﷲ ގެ ވާހަކަތައް ބަލައިގަނެ، ސަރުކާރަށް ބޮޑެތި ބަދަލްތަކެއް ގެންނަން ޖެހޭ ކަމަށް ވަނީ އެއްބަސްވެފައެވެ.

މެދުއިރުމަތީގެ ޤާނޫނީ މާހިރުން ލަފާ ކުރާ ގޮތުގައި އިރާޤުގެ ބޮޑުވަޒީރު ކަމުގެ މަޤާމުގައި ވަގުތީ ގޮތުން، އިސްތިއުފާ ދެއްވާފައިވާ މަހްދީގެ ޕާޓީގެ މެމްބަރަކު 1 މަސް ދުވަހުގެ މުއްދަތަކަށް ހުންނަވާނެއެވެ. އެއީ މަޖިލިހުގެ މެޖޯރިޓީ ޕާޓީގެ ފަރާތުން އާ ބޮޑުވަޒީރަކު ހުށަހަޅައި، އާ ސަރުކާރެއް އެކުލަވާލެވެންދެނެވެ.