އެމެރިކާގެ ވޮޝިންޓަންގެ ސިޓީއެއް ކަމަށްވާ ނޯތް ބެންޑުގައި، ނުރައްކާތެރި ބައްޔެއްގެ އަސަރުހުރި އެއްޗެއް ބަންދުކޮށްފައި ހުރި ޕެކޭޖެއް ނުބައި ތަނަކަށް ޑެލިވަރީ ކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

އިއްޔެގެ ވަގުތެއްގައި ހިނގި މި ހާދިސާގައި، ޕެކޭޖު އޮޅިގެން ޑެލިވަރީ ކުރެވިފައިވަނީ ނޯތު ބެންޑުގެ އާންމު ފިލްމު ތިއޭޓަރެއް ހިންގާ އިމާރާތެއްގެ އެޑްރެހަށެވެ. މި ޕެކޭޖު އެތަނަށް ގެންގޮސްފައި ވަނިކޮށް ފެނުނީ އެ ތިއޭޓަރުގެ ވެރިޔާއަށެވެ. އޭނާވަނީ އެއީ ކޮން އެއްޗެއްތޯ ބެލުމަށް ޕެކޭޖު ހުޅުވާފައެވެ.

މި ޕެކޭޖު ހުޅުވުމުން، އޭގައި ހުރީ ނުރައްކާތެރި އެއްޗެއްކަން ލިޔެފައިވާ ލިޔުމެއް އޭނާއަށް ވަނީ ފެނިފައެވެ. އެއާއެކު އޭނާ ވަނީ ކަމާއި ބެހޭ ފަރާތްތަކުގެ ސަމާލުކަމަސް އެކަން ގެންގޮސްފައެވެ. މި ރިޕޯޓާއި ގުޅިގެން ނޯތު ބެންޑުގެ ފަޔާފައިޓަރުންނާއި އެނޫންވެސް އިމްޖެންސީ ޚިދުމަތްދޭ އޮފިޝަލުން ވަގުތުން ހަރަކާތްތެރިވާން ފެށިއިރު، ޕެކޭޖު ފެނުނު ފިލްމު ތިއޭޓަރުންނާއި އެ ސަރަޙައްދުގެ އެނޫން އިމާރާތްތަކާއި މަގުތަކުން ވަނީ މީހުން ހުސްކޮށްފައެވެ.

އޮފިޝަލންނާއި ހަވާލާދީ ބައެއް ނޫސްތަކުގައި ބުނެފައިވަނީ، ޕެކޭޖުގައި ބަންދުކޮށްފައި ހުރީ، ނުރައްކާތެރި ގައިންގަޔަށް އަރާ ބައްޔެއްގެ އަސަރު ހުރި ކުޑަކަމުދާތަކެތި ކަމަށެވެ. މިތަކެއްޗަކީ ނޯތު ބެންޑުގެ 40 މޭލު ދުރުގައި އޮންނަ ޓެކޯމާ ސިޓީގެ މެޑިކަލް ކްލިނިކަކުން ނޯތު ބެންޑުގައި ހުންނަ ލެބަކަށް ޓެސްޓުތަކެއް ހެދުމަށް ފޮނުވި އެއްޗެއް ކަމަށް ވެއެވެ.

ޕެކޭޖު ނުބައި އެޑްރެހަކަށް ޑެލިވަރީ ކުރުމުގެ ސަބަބުން ހިނގި މި ނުރައްކާތެރި ހާދިސާގެ ތެރެއިން، ތިއޭޓަރުގެ ވެރިޔާ އެ ޕެކޭޖު ހުޅުވާފައި ވުމުން އޭނާ ވަގުތުން ހޮސްޕިޓަލަށް ގެންގޮސް ޓެސްޓުތަކެއް ހަދާފައި ވެއެވެ. ބަލީގެ އެއްވެސް އަސަރެއް އޭނާގެ ހަށިގަނޑަށް ފޯރާފައިވޭތޯ ބެލުމަށް ހެދި އެ ޓެސްޓުން، އޭނާގެ ސިއްޙީ އެއްވެސް މައްސަލައެއް ނެތްކަން ހާމަވެފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.

ކަމާއި ބެހޭ ފަރާތްތަކުން މިހާރު ދަނީ މި މައްސަލަ ތަހުޤީޤު ކުރަމުންނެވެ. ނަމަވެސް އެކަމާއި ގުޅޭގޮތުން އެފަރާތުން އަދި ރަސްމީ ބަހެއް ބުނެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޔަހުޔާބެ

    އެމެރިކާ ހިންގާ ބައެއް ވިޔާނުދާ ޢަމަލުތައް މަތިޖެހުމަށް ވަރަށް ގިނައިން އޮޅުމަކުން ނޭ ބުނާފަހަރު އާދެއެވެ، އިރާޤް ހަގުރާމައިގެ ދުވަސްވަރު އަލްޖަޒީރާ ގެ އޮފީހަށް ބޮންއެޅުމާއި އިރާޤް އާއި އަފްޣާނިސްތާނުގެ ހޮސްޕިޓާ ތަކަށް ބޮން އެޅުން ވެސް އޮޅުނު ކަންކަމަށް ވެފައި ވެއެވެ.

    3
    5