ސީރިޔާގެ ސަރުކާރާއި ދެކޮޅަށް އެމެރިކާއިން ވައިގެ މަގުން ހަމަލާދީފިނަމަ ރަޝިޔާއާއި އެމެރިކާއާއި ދެމެދުގައި ހަނގުރާމައެއް ފެށިގެން ދިޔުމުގެ ވަރަށް ބޮޑު ފުރުސަތެއް އެބަ އޮތްކަމަށް ރަޝިޔާއިން ޔުނައިޓެޑް ނޭޝަންސްއަށް ކަނޑައަޅުއްވާފައި ހުންނަ އެމްބެސެޑަރު ވަސިލީ ނެބެންޒިއާ ބުނެފިއެވެ. ނެބެންޒިއާ ބުނިގޮތުގައި މިވަގުތު އެންމެ މުހިންމީ ހަނގުރާމައެއްގެ ނުރައްކާތަކާއި ދުރުވުންކަމަށާއި އެމެރިކާއިން ސީރިޔާއަށް ހަމަލާއެއް ނުދޭނޭކަމުގެ އެއްވެސް ޔަގީންކަމެއް ނެތްކަމަށް ވަސިލީ ވަނީ ބުނެފައެވެ.

ރަޝިޔާގެ އަސްކަރިއްޔާގެ އިސް އޮފިޝަލުން ވަނީ އެމެރިކާގެ ދޭ ހަމަލާއެއްގެ މިސައިލްތައް ރަޝިޔާއިން ވައްޓާލާނޭކަމަށާއި އަދި ރަޝިޔާގެ އަސްކަރިއްޔާއަށް ނުރައްކަލެއް އައިސްފި ހިނދެއްގައި ރައްދުގައި އެމެރިކާއަށްވެސް ހަމަލާދޭނޭކަމަށް ބުނެފައެވެ. އެމެރިކާއިން ދަނީ އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާއިއެކު ޖާސޫސީ މައުލޫމާތު އެއްކޮށް ސީރިޔާއަށް ރައްދުދޭނޭ ވަކި ގޮތެއް ކަނޑައެޅުމަށް ނިންމަމުންނެވެ. އެމެރިކާއިން ވަނީ ސީރިޔާގެ ސަރުކާރުގެ ފަރާތުން އެފަދަ އެހެން ކެމިކަލް ހަމަލާއެއް ދިނުމުން ކޮންމެ ގޮތަކަށްވިޔަސް ހުއްޓުވަން ޖެހޭކަމަށް ބުނެފައެވެ.

ސީރިޔާއިން އެގައުމުގެ ޑޯމާ ސަރަހައްދުގައި ސެރިން ނަމަކަށްކިޔާ ނާރވް އެޖެންޓް ކެމިކަލްއެއް ބޭނުންކޮށްގެން އާންމުންނަށް ހަމަލާދިންކަމަށް ތުހުމަތުކުރެވިފައިވާއިރު އެގައުމުގެ ސަރުކާރާއި ރަޝިޔާއިން ވަނީ އެފަދަ އެއްވެސް ހަމަލާއެއް ދިންކަމުގެ ހެތްކެއް އެ ސަރަހައްދުން ފެންނަން ނެތްކަމަށް ބުނެފައެވެ. އެހެންނަމަވެސް އެމެރިކާގެ އޮފިޝަލުން ވަނީ އެ އެހަމަލާގެ ޝިކާރައަކަށްވި ބައެއް މީހުންގެ ފަރާތުން ލޭގެ ސާމްޕްލްތަކެއް ލިބިފައިވާކަމަށާއި އަދި އެ ހަމަލާގެ ހެކި ލިބޭނޭކަމުގެ ވަރަށް ބޮޑު ގެރެންޓީއެއް އެބަ އޮތްކަމަށް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މަޒީނާ

    ޓުރަމްޕަކަށް ނުކެރޭނެ ހަމަލަދޭކައް.. އެމެރީކާ އަކު މީހާރު ބޮޑު ގައުމަކާ ކުރީމަތީލެވޭނެ ވަރު ބާރެއް ނެތް..ޕެޓްރޯ ޑޮލަރު ރީޕްލޭސް ކުރަން ޕެޓްރޯ ޔުއާން އޮތީ ތައްޔާރައް..