މުސްލިމުންގެ މުގަދަސް ބިނާ މަސްޖިދުލްއަޤްޞާގަ އަޅުކަންކުރަން ބޭނުންކަމަށްބުނެ ވަދެގަތް ޔަހޫދީންތަކަކަށް ހުރަސްއެޅުމުން މަސްޖިދުލްއަޤްޞާއަށް ގެއްލުން ދޭން މަސައްކަތްކޮށްފި އެވެ.

ރިޕޯޓްތައް ބުނާ ގޮތުން މިސްކިތަށް ވަނަ ނުދިނުމުން އެތައް އިރެއްވަންދެން މަސްޖިދުލްއަޤްޞާގެ ގޯތި ތެރޭގައި ތިބެ ހައްދުފަހަނައަޅާފައިވާ ޔަހޫދީންތައް ވަނީ ހަމަނުޖެހުން ހިންގައިފައެވެ. އެމީހުން ކުރި ހުރިހާ ކަމަކަށްވެސް ޔަހޫދީ ފުލުހުން ވަނީ ހިމާޔަތްދީ އެއްބާރުލުން ދީފައެވެ.

ޔަހޫދީ ފުލުހުން މަސްޖިދުލްއަޤްޞާގަ ޔަހޫދީންނަށް ވަނީ ހިމާޔަތްދީފައެވެ. ނަމަވެސް މުސްލިމް ޒުވާނުން ބިރެއް ނެތި އެމީހުންނާއި ކުރިމަތިލައި މިސްކިތަށް ވަނުން ވަނީ ހުއްޓުވައިފައެވެ.

ފަލަސްތީނުގެ މިނިވަން ކަމައްޓަކައި އެގައުމުގެ ރައްޔިތުން ކުރަމުންދާ މުޒާހަރާގައި އިސްރާއީލުގެ އަނިޔާވެރި ސިފައިން ޝަހީދު ކޮއްލި ފަލަސްތީނުގެ ރައްޔިތުންގެ އަދަދު 31 އަރައިފައިވާއިރު ފަލަސްތީނުގެ ހެލްތް ވުޒާރާއިން ބުނާ ގޮތުގައި މުޒާހަރާގައި ޒަހަމްވި މީހުންގެ އަދަދު މިހާރު ވަނީ 2,850 އަށް އަރާފައެވެ. އަދި 79 މީހަކު ވަނީ ސީރިއަސް ހާލަތުގައި އެވެ.

މުޒާހަރާ ރޫޅާލުމަށް ބަޑި ޖެހުމުގެ އިތުރުން މުޒާހަރާ ރޫޅާލަން އިސްރާއީލް ސިފައިން ވަނީ ގިނަ އަދަދަކަށް ކަރުނަގޭސް ވެސް ޖަހާފައެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ބުނަމުންދަނީ، މި މުޒާހަރާއަކީ ފެންސު ފަޅާލާފައި އިސްރާއީލުގެ ތެރެއަށް ހަނގުރާމަވެރިން ވަނުމަށް ނުވަތަ އިސްރާއީލަށް ހަމަލާތައް ދިނުމަށް ފަރުދާއަކަށް ކުރަމުންދާ ކަމެއް ކަމަށެވެ.

ފަލަސްތީނު ރައްޔިތުން މުޒާހަރާ ކުރަމުން ދަނީ އަމިއްލަ ގެދޮރުން ނެރެ ރެފިއުޖީންނަށް ހަދާފައިވާ ފަލަސްތީން ރައްޔިތުންނަށް އެނބުރި އަމިއްލަ ވަޒަނަށް ދެވޭނެ ގޮތް ހަދައިދިނުމަށް ގޮވާލައެވެ. އެތައް ހާސް ބަޔަކު ބައިވެރިވި މުޒާހަރާ ކުރިއަށް ގެންދިޔައީ ޣައްޒާ ގައެވެ.

މުޒާހަރާ ރޫޅާލަން އިސްރާއީލް ސިފައިން ބަޑި ޖަހާފައި ވަނީ އެއްވެސް އިންޒާރެއް ދިނުމެއް ނެތި ސީދާ މީހުންގެ ބޮލަށް ނުވަތަ މެއަށް ވަޒަން އަރާގޮތައް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އިސްރާއީލް ސިފައިންގެ އަނިޔާވެރި އަމަލުތައް ހައްދުފަނައަޅާފައި ވާއިރު އދ.ގެ ހައިކޮމިޝަނަރ ފޯ ހިއުމަން ރައިޓްސް ގެ ތަރުޖަމާން ލިޒް ތްރޯސެލް މިއަދު ވިދާޅުވީ ފަލަސްތީންގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން އިންތިހާއަށް ކަންބޮޑުވާ ކަމަށާއި އިންސާނީ ޙައްޤުތަކަށް އިޙްތިރާމް ކުރުމަށް އިސްރާއީލަށް ގޮވާލާ ކަމަށެވެ.

މީގެ ދެ ހަފްތާ ކުރިން ފަލަސްތީނުގެ އެތައް ހާސް ރައްޔިތުން "ގްރޭޓް މާޗް އޮފް ރިޓާން"ގެ ނަމުގައި ފެށި މުޒާހަރާތަކަކީ 1948 ވަނަ އަހަރު އިސްރާއީލު އުފެދުމުން، އެބިން ދޫކޮށް ދާން ޖެހުނު ފަލަސްތީނުގެ ރައްޔިތުންނަށް އެމީހުންގެ ކާބަފައިންގެ ބިމަށް ރުޖޫއަވުމުގެ ހައްގު އޮތް ކަމަށް ބުނެ ކުރާ މުޒަހަރާތަކެކެވެ.

ނަމަވެސް އިސްރާއީލުން ބުނާ ގޮތުގައި އެއީ ގާޒާގެ ވެރިކަން ކުރާ ހަމާސްއިން އިސްރާއީލަށް ހަމަލާ ދިނުމަށްޓަކައި ކުރިއަށްގެންދާ މުޒާހަރާތަކެކެވެ.

ކިޔުންތެރިންގެ ހިޔާލު