ދާދި ފަހުން އަވަށްޓެރި ސްރީ ލަންކާގެ ރައީސް ކަމާއި ހަވާލުވެވަޑައިގެން ގޮޓަބަޔަ ރާޖަ ޕަކްސަ އެ ގައުމުގައި ގާއިމް ކޮށްފައިވާ ޓެކްސް ނެގުމުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ނިންމަވައިފިއެވެ.

އެ ގައުމުގެ ރިޕޯޓުތައް ބުނާގޮތުން ގޮޓަބަޔަ އިސްވެ ހުންނަވައިގެން ކުރިއަށް ގެންދިޔަ ކެބިނެޓު ބައްދަލުވުމުގައި މިގޮތަށް ކަންތައް ކުރަން ނިންމާފައި ވަނީ ރައްޔިތުންނަށް ލުޔެއް ދިނުމުގެ ގޮތުންނެވެ. މިގޮތުން މީގެ ކުރިން ނަގަމުން އައި ގިނަ ޓެކްސްތަކެއް އުވާލައި، އިތުރު ޓެކްސްތައް ނަގާނެ ނިޒާމަށް ބަދަލު ގެނައުމާއި ގުޅޭ ގޮތުން އެ ކެބިނެޓު ބައްްދަލުވުމުގައި ވަނީ މަޝްވަރާތައް ކޮށްފައެވެ.

މިގޮތަށް ބަދަލު ގެންނެވިކަން ހާމަކޮށްފައި ވަނީ ކެބިނެޓުގެ ސްޕޯކްސްޕާސަން އެ ގައުމުގެ މީޑިއާތަކަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ސަރުކާރުން ވަނީ ވެލިއު އެޑެޑް ޓެކްސް 15 އިންސައްތަ އިން 8 އިންސައްތަ އަށް ކުޑަކުރަން ނިންމައި، ނޭޝަން ބިލްޑިން ޓެކްސް އެއްކޮށް އުވާލާފައެވެ. އަދި އެކޮނޮމިކް ސާވިސް ޗާޖާއި، ޑެބިޓް ޓެކްސްގެ އިތުރުންވެސް އެތައް ޓެކްސްތަކެއް އުވާލާފައިވާކަން ފާހަގަކޮށްލެވެއެވެ.

މި އަހަރުގެ ކުރީކޮޅު ސްރީލަންކާ އަށް ދިން ނިރުބަވެރި ހަމަލާތަކުގެ ސަބަބުން އެ ގައުމުގެ އިގްތިސާދު ދަށަށް ދިޔައިރު، އެ ގައުމުގެ ސަރުކާރުން އަންނަނީ އިގްތިސާދު ރަނގަޅު ކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އޭގެ ތެރޭގައި ޓެކްސްގެ ނިޒާމަށް ބަދަލު ގެނައުންވެސް ހިމެނެއެވެ.