އިޒްރޭލު ސަރުކާރުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން، އެކަށީގެންވާ ޞިއްޙީ ފަރުވާ ނުލިބި 2017 ވަނަ އަހަރު ގައްޒާގެ 54 މީހަކު މަރުވެފައިވާކަން ފަޅާ އަރައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ އިންސާނީ ޙައްޤުތައް ހޯދުމަށް ވަކާލާތުކުރާ ޖަމިއްޔާ ޖަމާއަތްތަކަކުން ގުޅިގެން، އިއްޔެ ނެރެފައިވާ ބަޔާނެއްގައެވެ.

އަލް މީޒާން ސެންޓަރ ފޯރ ހިއުމަން ރައިޓްސް، އެމްނެސްޓީ އިންޓަނޭޝަނަލް، ހިއުމަން ރައިޓްސް ވޮޗް، މެޑިކަލް އެއިޑް ޕަލަސްޓީނިޔަންސް އަދި ފިޒިޝަންސް ފޯރ ޕަލަސްޓީނިޔަންސް އިން ގުޅިގެން ނެރެފައިވާ ބަޔާނުގައި ހާމަކޮށްފައިވާ ގޮތުން ޞިއްޙީ ފަރުވާ ހޯދުމަށް އެދުނު އެދުންތަކުގެ ތެރެއިން، އިޒްރޭލުން ހުއްދަދީފައިވަނީ ދެބައި ކުޅަ އެއްބަޔަށް ވުރެވެސް މަދު އެދުމަކަށެވެ.

ޞިއްޙީ އެކިއެކި ބޭނުންތަކަށް ގައްޒާ އިން 25،000 އަށްވުރެވެސް ގިނަ ހުށަހެޅުން ހުސްވި އަހަރު ހުށަހަޅާފައިވާއިރު ހުއްދަދިންކަމަށް ސާބިތުވަނީ އެންމެ 719 ހުށަހެޅުމަށެވެ.

އަލް މީޒާގް ފަރާތުން "އަލް ޖަޒީރާ" އަށް މައުލޫމާތު ދިން މީހަކު ބުނެފައިވާގޮތުން، އިޒްރޭލުން ޞިއްޙީ ފަރުވާ ހޯދުމަށް ފިއްތުންތަކެއް ކުރިމަތިކުރުވަނީ އެއްވެސް ސާބިތު ސަބަބެއް ނުދައްކާކަމަށެވެ. އަދި، އެކަމުގެ ބަހަނާއެއްގެ ގޮތުން ދައްކަނީ ސަލާމަތީ ސަބަބުތައްކަމަށްވެސް އޭނާ ބުނެފައިވެއެވެ.

މީގެކުރިންވެސް، އިޒްރޭލުގެ ސަރުކާރުގެ މައްޗަށް މިފަދަ ގިނަ ތުހުމަތުތަކެއް ކުރެވިފައިވެއެވެ.