އިނގިރޭސިވިލާތުގެ އެއާލައިން، ބްރިޓިޝް އެއާވޭސްގެ ފްލައިޓެއް ސައުދީ އަރަބިއްޔާ އަށް ދަތުރު ކުރަނިކޮށް ވައިގެ ތެރޭގައި މީހަކު ފްލައިޓުގެ ދޮރު ހުޅުވަން މަސައްކަތް ކުރުމުން އެހެން ފަސިންޖަރުން އޭނާ ހުއްޓުވައިފިއެވެ.

ހޯމަ ދުވަހުގެ ރޭ ހިނގި މި ހާދިސާގައި ވަރަށް ބޮޑަށް ހާސްވެ، ނޭވާލާން އުނދަގޫ ވެފައި ހުރި މީހަކު ވަނީ އެއްވެސް ކަހަލަ އިޝާރާތެއްވެސް ކުރުމެއް ނެތި، "އަހަރެން ބޭނުންވަނީ ނިކުންނަން" ކަމަށް ބުނެ ފްލައިޓްގެ ފަހަތުކޮޅުގައި ހުންނަ ދޮރެއް ހުޅުވަން މަސައްކަތް ކޮށްފައެވެ. ހާސްވެގެން، އެ މީހާ ފްލައިޓުގެ ދޮރު ހުޅުވައި، ފްލައިޓުން ފުންމާލަން މަސައްކަތް ކުރީ ސައުދީ އަރަބިއްޔާގެ ރިޔާޒަށް އެ ފްލައިޓް ޖައްސަން ގަޑިއިރެއްހާއިރަށް ވެފައި ހުއްޓައެވެ.

އެ މަންޒަރު އެންމެ ފުރަތަމަ ފެނުނީ އިއަން މެކްނެލީ ކިޔާ މީހަކަށެވެ. އޭނާ އެކަމަށް ހުރަސްއެޅޭތޯ ބެލިއެވެ. މެކްނެލީގެ ސީޓާއި ކައިރި ސީޓެއްގައި އިށީންދެގެން ހުރި މަޝްހޫރު ބޮކްސަރު، ޑިލިއަން ވައިޓްގެ ބޭބެ، ޑީން ވައިޓް އަށް އޭނާ އެ ހާލަތާ ބެހޭ ގޮތުން އިންޒާރު ދިނުމުން، ޑީން ވެސް ވަނީ ވަގުތުން ވަގުތަށް އެކަން ހުއްޓުވަން މަސައްކަތް ކޮށްފައެވެ.

ޑީން ވަނީ އެމީހާ އަށް ނަސޭހަތްތެރިވެ، "ހަމަޖައްސާލާ، އަޚާ" އޭ ބުނެ، އޭނާގެ ގައިގައި މަޑު މަޑުން ބައްދާލުމަށްފަހު، އޭނާ ދޮރު ކައިރިން ދުރަށް ޖައްސާފައެވެ. އެމީހާ ދުރަށް ޖެއްސުމުން ވެސް މައިތިރި ވާ ގޮތެއް ފުރަތަމަ ނުވިއެވެ. އޭނާ ހާސްވެގެން ހުރެ، ހަޅޭޭއްލަވަނީ އެވެ. ފްލައިޓުގެ ކެބިން ކްރޫއިންނަށް ތިބި ބައެއް މީހުން އެ ފަސިންޖަރު ހަމަޔަކަށް އަޅުވަން މަސައްކަތް ކުރަން އައީމަވެސް ވަރަށް ބޮޑަށް އެ ފަސިންޖަރު އަޑުގަދަ ކުރިއެވެ. ނަމަވެސް، އިރުކޮޅަކަށް ފަހު އޭނާ ހަމަހިމޭންވެ، ސީޓަށް އަލުން ގެންދެވުނެވެ.

ފްލައިޓް މަތީގައި ތިބި މީހުން ތިބީ އެ ދޮރު ނުހުޅުވޭތޯ ދުޢާ ކޮށްލަ ކޮށްލާއެވެ. "އަހަރެން ހުރީ ގަނޑުވެފަ އެ ހާދިސާ ބަލަން ހުރި އިރު، އަހަރެން ހީކުރީ މި ދެން ނިމުނީ ކަމަށް އަހަރެމެންގެ ޒަމާން." ފަސިންޖަރަކު ކިޔާދިނެވެ. ފްލައިޓް މަތީގައި ހިނގި އެ ހާދިސާގެ މައްސަލަ، ކަމާބެހޭ ފަރާތްތަކަށް މިހާރު ރިޕޯޓް ކޮށްފައިވާ ކަމަށް ބްރިޓިޝް އެއާވޭސްގެ ފްލައިޓް އެޓެންޑެންޓަކު މަޢުލޫމާތު ދެމުން ބުންޏެވެ. އޭނާވެސް ބުނީ އަދި މިހާތަނަށް އޭނާ އެފަދަ ކަމެއް ނުދެކޭ ކަމަށެވެ.