ސްރީލަންކާގެ ރައީސް މައިތުރިޕާލަ ސިރިސޭނާ އެގައުމުގެ ގާނޫނު ހަދާ މަޖިލީސް ސަސްޕެންޑު ކުރައްވައިފިއެވެ.

އެގައުމުގެ ޕާލަމެންޓް ސަސަޕެންޑް ކުރެއްވީ މަސްދުވަހުގެ މުއްދަތަށް ކަމަށް ޚަބަރު ލިބެއެވެ. ނަމަވެސް ޕާލަމެންޓް ސަސްޕެންޑް ކުރެއްވި ވަކި ސަބަބެއް އޭނާ ވިދާޅެއް ނުވެއެވެ.

ސްރީލަންކާގެ ރައީސް ކުއްލި ގޮތަކަށް ޕާލަމެންޓް ސަސްޕެންޑް ކުރެއްވިއިރު، ސްރީލަންކާގައި ވެރިކަންކުރާ ކޯލިޝަން ސަރުކާރުގެ ހަ ވަޒީރަކު ކުއްލިގޮތަކަށް ބުރާސްފަތި ދުވަހު ވަނީ އިސްތިއުފާ ދެއްވާފައެވެ.

ސަރުކާރުން ނެރުނު ރިޔާސީ ގަރާރުގައި ރައީސް މައިތިރިޕާލަ ސިރިސޭނާ ވިދާޅުވެފައިވަނީ، ސްރީލަންކާގެ ގާނޫނުއަސާސީގެ 70 ވަނަ މާއްދާއިން ރައީސަށް ލިބިވަޑައިގެންފައިވާ ބާރުގެ ދަށުން 12 އޭޕްރީލް ދުވަހުގެ މެންދަމު 12:00 އިން ފެށިގެން ޕާލަމެންޓް ސަސްޕެންޑް ކުރައްވާފައިވާ ކަމަށެވެ.

ސިރިސެނާ ޕާލަމެންޓް ސަސްޕެންޑް ކުރެއްވީ، ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ މައި ޕާޓީގެ ލީޑަރ އަދި ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައާއި، ރައީސާ ދެމެދު ވެރިކަމުގެ ބާރުތަކާ ގުޅޭގޮތުން ހިނގަމުންދާ އަރާރުންތައް ބޮޑުވެފައި ވަނިކޮށެވެ.

ރައީސް ސިރިސޭނާއާއި، ބޮޑުވަޒީރު ރަނިލްއާ ދެބޭފުޅުންގެ ދެމެގައި ހިނގަމުންދާ އަރާރުންތަކުގެ ތެރޭގައި ރައީސް ސިރިސޭނާވަނީ ސަރުކާރު ހިންގުމުގައި ބޮޑުވަޒީރަށް އޮންނަ ގިނަ ޒިންމާތައްވެސް ހަނިކުރައްވާފައެވެ.

ސިރިސޭނާ ވަނީ، ބޮޑުވަޒީރު ކަމަށް އާ ބޭފުޅަކު އައްޔަން ކުރެއްވުމަށްޓަކައި މިހާރުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ މަގާމުން އިސްތިއުފާ ދެއްވުމަށްވެސް ދަންނަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސ ނުން ސޮނިބެ (އަންނި)

    ސޮނި ބެއްޔާ ވިދާޅުވަނީ މިކަމާއި ކީކޭތޯ

  2. ޖޮއްބެ

    މިހާރު ރާޖަޕަކްސަ ހުންނާނެ ހީލަހީލާ......!!!