ފަލަސްތީނު މުޒާހަރާގައި ޝަހީދުވި މީހުންގެ އަދަދު 34 އަކަށް އަރައިފިއެވެ.

ފަލަސްތީން ރައްޔިތުންގެ ހައްގުތަށް ހޯދަން މިއަދުވެސް ހުކުރު ނަމާދަށް ފަހު ދަނީ މުޒާހަރާކުރަމުނެވެ.

އިސްރާއީލުގެ އަނިޔާވެރި ސިފައިން ވަނީ މިއަދުވެސް ފަލަސްތީނުގެ ދެ ރައްޔިތަކު ޝަހީދުކޮއްލާފައެވެ. މެޔަށް ބަޑި ޖެހުމުން އުމުރުން 28 އަހަރުގެ މީހެއް ޝަހީދުވިއިރު އަނެކަކު ވަނީ ލިބުނު ޒަހަމު ތަކަށް ފަރުވާދެމުން ދަނިކޮށް ޝަހީދުވެފައެވެ.

ފަލަސްތީން ރައްޔިތުންގެ ހައްގުތަށް ހޯދަން އެންމެ އިންޗިއެއްވެސް ފަހަތަށް ނުޖެހޭނެ ކަމަށާއި މުޒާހަރާތަށް ހުއްޓާލާނީ ފަލަސްތިނުގެ ރައްޔިތުންނަށް އެމީހުންގެ ހައްގުތަށް ލިބި ފަލްސްތީނުގެ ބިންތަށް މިނިވަން ކޮށްފައި ކަމަށް ފަލަސްތީނުގެ ހައްގުގައި އަބަދުވެސް މައްސަކަތް ކުރާ ހަމާސް ޖަމާއަތުން ވަނީ ބުނެފައެވެ.

ހަމާސްގެ ލީޑަރު ހަނިޔާ ވަނީ މުޒާހަރާގެ ބައިވެރިނަށް ހިއްވަރު ދެއްވާފައެވެ. އަދި މި މުޒާހަރާތައް ހުއްޓާނުލުމަށް ގޮވާލާފައެވެ. ހަނިޔާ ވިދާޅުވީ ފަލަސްތީން އިސްރާއީލުގެ އަތް ދަށުން މިނިވަން ކުރާނެ ކަމަށެވެ. 30 މާޗުން 5 މޭއަށް ކުރިއަށް ދާ މި މުޒާހަރާގައި ހަމާސް އަދި ފަތަހަ ޖަމާއަތުން ބައިވެރިވަމުންދާއިރު މުޒާހަރާގެ މައިދާނުގައި ވަނީ ފޭލިގެ ތަކާއި ސިއްހީ ފަރުވާދޭ ތަންތަން ހަދާފައެވެ.

ފަލަސްތީނުގެ މިނިވަން ކަމަށްޓަކައި އެގައުމުގެ ރައްޔިތުން ކުރަމުންދާ މުޒާހަރާގައި އިސްރާއީލުގެ އަނިޔާވެރި ސިފައިން ޝަހީދު ކޮށްލި ފަލަސްތީނުގެ ރައްޔިތުންގެ އަދަދު 34 އަރައިފައިވާއިރު ފަލަސްތީނުގެ ސިއްޙީ ވުޒާރާއިން ބުނާގޮތުގައި މުޒާހަރާގައި ޒަހަމްވި މީހުންގެ އަދަދު މިހާރު ވަނީ 2,850 އަށް އަރާފައެވެ. އަދި 79 މީހަކު ވަނީ ސީރިއަސް ހާލަތުގައި ކަމަށް އެފަރާތުން ބުނެއެވެ.

މުޒާހަރާ ރޫޅާލުމަށް ބަޑި ޖެހުމުގެ އިތުރުން މުޒާހަރާ ރޫޅާލަން އިސްރާއީލް ސިފައިން ވަނީ ގިނަ އަދަދަކަށް ކަރުނަގޭސް ވެސް ޖަހާފައެވެ. އިސްރާއީލުގެ އަސްކަރިއްޔާއިން ބުނަމުންދަނީ، މި މުޒާހަރާއަކީ ފެންސު ފަޅާލާފައި އިސްރާއީލުގެ ތެރެއަށް ހަނގުރާމަވެރިން ވަނުމަށް ނުވަތަ އިސްރާއީލަށް ހަމަލާތައް ދިނުމަށް ފަރުދާއަކަށް ކުރަމުންދާ ކަމެއް ކަމަށެވެ.

ފަލަސްތީނު ރައްޔިތުން މުޒާހަރާ ކުރަމުން ދަނީ އަމިއްލަ ގެދޮރުން ނެރެ ރެފިއުޖީންނަށް ހަދާފައިވާ ފަލަސްތީން ރައްޔިތުންނަށް އެނބުރި އަމިއްލަ ވަޒަނަށް ދެވޭނެ ގޮތް ހަދައިދިނުމަށް ގޮވާލައެވެ. އެތައް ހާސް ބަޔަކު ބައިވެރިވި މުޒާހަރާ ކުރިއަށް ގެންދިޔައީ ޣައްޒާ ގައެވެ.

މުޒާހަރާ ރޫޅާލަން އިސްރާއީލް ސިފައިން ބަޑި ޖަހާފައި ވަނީ އެއްވެސް އިންޒާރެއް ދިނުމެއް ނެތި ސީދާ މީހުންގެ ބޮލަށް ނުވަތަ މެއަށް ވަޒަން އަރާގޮތައް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އިސްރާއީލް ސިފައިންގެ އަނިޔާވެރި އަމަލުތައް ހައްދުފަނައަޅާފައި ވާއިރު އދ.ގެ ހައިކޮމިޝަނަރ ފޯ ހިއުމަން ރައިޓްސް ގެ ތަރުޖަމާން ލިޒް ތްރޯސެލް މިއަދު ވިދާޅުވީ ފަލަސްތީންގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން އިންތިހާއަށް ކަންބޮޑުވާ ކަމަށާއި އިންސާނީ ޙައްޤުތަކަށް އިޙްތިރާމް ކުރުމަށް އިސްރާއީލަށް ގޮވާލާ ކަމަށެވެ.

މީގެ ދެ ހަފްތާ ކުރިން ފަލަސްތީނުގެ އެތައް ހާސް ރައްޔިތުން "ގްރޭޓް މާޗް އޮފް ރިޓާން"ގެ ނަމުގައި ފެށި މުޒާހަރާތަކަކީ 1948 ވަނަ އަހަރު އިސްރާއީލު އުފެދުމުން، އެބިން ދޫކޮށް ދާން ޖެހުނު ފަލަސްތީނުގެ ރައްޔިތުންނަށް އެމީހުންގެ ކާބަފައިންގެ ބިމަށް ރުޖޫއަވުމުގެ ހައްގު އޮތް ކަމަށް ބުނެ ކުރާ މުޒަހަރާތަކެކެވެ.

ނަމަވެސް އިސްރާއީލުން ބުނާ ގޮތުގައި އެއީ ގާޒާގެ ވެރިކަން ކުރާ ހަމާސްއިން އިސްރާއީލަށް ހަމަލާ ދިނުމަށްޓަކައި ކުރިއަށްގެންދާ މުޒާހަރާތަކެކެވެ.

ކިޔުންތެރިންގެ ހިޔާލު